ﷲ ގެ ޙައްޤު ދޭން ފަސްނުޖެހޭށެވެ! ދިންވަރަކަށް ތަނަވަސްކަން އިތުވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ﷲ ގެ ޙައްޤު ދޭން ފަސްނުޖެހޭށެވެ! ދިންވަރަކަށް ތަނަވަސްކަން އިތުވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ތަނަވސްކަން ދެއްވެވުމަށްފަހު ﷲ ތަޢާލާ އަންގަވަނީ އެކަލާނގެ މަގުގައި ހޭދަކުރުމަށެވެ. ފަޤީރުންނަށް އެހީތެރިވުމަށެވެ. ޞަދަޤާތް ދިނުމަށެވެ. ޒަކާތް ދިނުމަށެވެ. ނަމަވެސް މިއިން އެއްވެސް އަޑެއް އިވެނީ ހާދަމަދު މީހަކަށެވެ!  

ތަނަވަސްކަން އިތުރުވުމަށް ނުއެދޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ! ނަމަވެސް ތަނަވަސްކަން އިތުރުވާނީ ތަނަވަސްކަން ލިބުމުން އެއިގައި ހިމެނޭ ﷲ ތަޢާލާގެ ޙައްޤު އަދާކުރާނަމައެވެ. އެހެނީ ތަނަވަސްކަން ދެއްވަވަނީ ﷲ ތަޢާލާއެވެ.  

ނިކަން ވިސްނައިލަބަލާށެވެ! ﷲ ތައާލާ ތިބާއަށް ދެއްވަވާ ފައިސާއިން 100 ޕައުންޑް، ބޭނުން ނުކޮށް ތިބާގެ އަތުގައި އޮންނަތާ އަހަރުވުމުން ﷲ ތަޢާލާ މިއަންގަވަނީ އެއިން 2 ޕައުންޑް ބައި ﷲ މަގުގައި ހޭދަކުރުމަށެވެ. ޒަކާތް ދިނުމަށެވެ. ނަމަވެސް އެ 100 ޕައުންޑް މާރުކުރަން ބޭނުން ނުވާތީ ތިބާ އެ މަދު މިންވަރުވެސް ނުދެނީއެވެ. އެއިރު ތިބާއަށް އެ 100 ޕައުންޑް މާރުކޮށް ޚަރަދުކުރަން ނުޖެހި ތިބާ އަތުގައި ބޭއްވޭނެ ވަރަށް ތިބާއަށް ތަނަވަސްކަން ދެއްވެވި ﷲ ތައާލާގެ ދީލަތިވަންތަކަމާއިމެދު ވިސްނައެއް ނުލަމުއެވެ.  

މީސްތަކުންނޭވެ! ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ﷲ ތަޢާލާ ތަނަވަސްކަން އިރާކުރައްވަވައިފިނަމަ ﷲ ތަޢާލާގެ މަގުގައި ހޭދަކުރާށެވެ! ކާންހުރި އެތިކޮޅުގެ އެއްބައި ނަމަވެސް ދޭށެވެ! ކަދުރު އޮށެއްގެ ފަޅިވަރަކުން ނަމަވެސް ޞަދަޤާތްކޮށް ތިމާގެ ނަފްސް ނަރައިން ސަލާމަތްކުރަން އޮތް ޙަދީޘްފުޅަށް ޢަމަލުކުރާށެވެ!  

ޚާއްޞަކޮށް ޒަކާތްވާޖިބުވާ، ނިޞާބް ހަމަވާ 40 ޕައުންޑް އަތުގައި އޮތް ނަމަވެސް 1 ޕައުންޑް އަވަހަށް ޒަކާތަށް ދައްކާށެވެ! އެކަމުގެ ފައިދާ މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ފެނިގެންދާނެތެވެ! އެއީ އެއްވެސް ޝައްކެއްކުރަން އޮތް ކަމެއް ނޫނެވެ! އެހެނީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރާ އަޅުންނަށް ނިޢްމަތްތައް އިތުރުކޮށް ދެއްވަވާނެކަން އެއީ ﷲ ތަޢާލާގެ ވަޢުދު ބަސްފުޅެކެވެ!  

- މުފްތީ މެންކުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން