ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި އެންމެ ގިނައިން ދެކެވޭ ވާހަކަތަކުގެ ތެރޭގައި ޕާޓީ ބަދަލުކުރުމާއި، އޭގެ ސަބަބުން މެންބަރުކަން ގެއްލުމުގެ މައްސަލަ ހިމެނެއެވެ. މި މައްސަލައަކީ ގިނަ ފަހަރު ސިޔާސީ ހަމަޖެހުމާއި އިސްތިޤްރާރަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ. މިކަމާ ގުޅޭގޮތުން ފާއިތުވި އަހަރުތަކުގައި ތަފާތު ޚިޔާލުތަކާއި ބަހުސްތައް ކުރެވި، އެކި ފަހަރު މަތިން ޤާނޫނީ އޮނިގަނޑަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފުރަތަމަ ވެރިކަމުގައި، 18 ވަނަ ރައްޔިތުންގެ މަޖިލީހުން ޕާޓީ ބަދަލުކުރުމާ ގުޅޭ ޤާނޫނެއް ފާސްކުރިއެވެ. އެހެންނަމަވެސް، މި ޤާނޫނާ ދެކޮޅަށް އޭރުގެ އިދިކޮޅު ޕާޓީ ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަރަށް ބޮޑަށް ދެކޮޅު ހެދިއެވެ. މި ޤާނޫނުގެ ސަބަބުން ސިޔާސީ މަޝްރަޙަށް ބޮޑެތި ބަދަލުތަކެއް އައިސް، ގިނަ ބަހުސްތަކެއް ކުރެވުނެވެ. އެހެންނަމަވެސް، ކަންތައްތައް ބަދަލުވެ، އެމްޑީޕީ ވެރިކަމަށް އައުމާއެކު، މިއަހަރުގެ ކުރީކޮޅު އެމްޑީޕީ އިން އަމިއްލައަށް "އެންޓި ޑިފެކްޝަން" ބިލެއް ހުށަހެޅިއެވެ. މި ބިލު 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރެވުނެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ ޕާޓީ ބަދަލުކުރުމުގެ ސަބަބުން ކުރިމަތިވާ ސިޔާސީ ހަމަނުޖެހުންތައް ކުޑަކުރުމެވެ.
19 ވަނަ މަޖިލީހުގެ ދައުރު ނިމުމާ ކައިރިވެފައި ވަނިކޮށް، އެމްޑީޕީން އެންޓި ޑިފެކްޝަން ޤާނޫނެއް އެކުލަވާލުމަށް ބިލެއް ހުށަހަޅައި، އަޣުލަބިއްޔަތު އޮތް މަޖިލީހުން އެ ބިލު ފާސްކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ތަސްދީޤުކުރެއްވި ޤާނޫނުތަކުގެ ތެރޭގައި ހިމެނިގެންދިޔައެވެ. އަދި 20 ވަނަ މަޖިލީހަށް އެމްޑީޕީން ކުރިމަތިލި ހުރިހާ ކެންޑިޑޭޓުން ލައްވާ ޕާޓީ ބަދަލުނުކުރާނެ ކަމަށް ހުވާކުރުވައި، މަޖިލީހަށް ހޮވިއްޖެނަމަ އެމްޑީޕީން ވަކިނުވާނެކަމަށް އިޤުރާރުވުމަށް ލައްވާފައިވެއެވެ. މިކަންކަމުން ދޭހަވަނީ އެމްޑީޕީންވެސް މެންބަރުން ޕާޓީ ބަދަލުކުރުމަށް ޤަބޫލުނޫންކަމާއި، އެކަމާ ދެކޮޅު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ބޭނުންވާކަމެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، ޤާނޫނުއަސާސީއަށް އިސްލާޙެއް ގެނައުމުގެ ބިލެއް މިއަދު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. މި އިސްލާޙުގެ މައިގަނޑު މަޤްޞަދަކީ މަޖިލިސް މެންބަރުން އިންތިޚާބީ ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭގޮތަށް ހެދުމެވެ .މި ބިލު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައެވެ. މި އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން، މެންބަރަކު މަޖިލީހަށް އިންތިޚާބުވާއިރު ނިސްބަތްވާ ސިޔާސީ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ އެ މެންބަރެއްގެ މެންބަރުކަން ގެއްލޭނެއެވެ.
މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އާއި ޕީއެންސީގެ މެންބަރުން މި އިސްލާޙަށް ތާއީދުކުރައްވައި، މިއީ މެންބަރުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރެވޭނެ ގޮތެއް ކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް ކުރީގެ މަޖިލީހުންވެސް މިފަދަ އިސްލާޙެއް ގެނައުމަށް މަސައްކަތްކޮށްފައިވެއެވެ. އަދި މި އިސްލާޙުގެ ސަބަބުން މެންބަރުން ފައިސާއަށް ވިއްކިގެން ދިއުމާއި، ނުފޫޒުގެ ދަށަށް ވެއްޓުން ހުއްޓުވޭނެކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ. ނަމަވެސް ބައެއް އިދިކޮޅު މެންބަރުން ވަނީ މިއިސްލާހާ ދެކޮޅު ހަދާފައެވެ. މިކަމުންވެސް މިއީ ސިޔާސީ ބޮޑު ކޯޅުންގަނޑެއް ކަމާއި އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ ކޮންމެހެން ބިލާއި ދެކޮޅުހެދުން ނޫންކަން ހާމަވެގެންދެއެވެ. އަދި ބޭނުމަކީ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކަށް ދެކޮޅު ހަދައި ގައުމު ހަލަބޮލިކޮށް ވެރިކަން ވައްޓާލުންކަން ވަރަށް ސާފުކޮށް އެނގިގެންދެއެވެ. އެހެންނޫންނަމަ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހަކުން ތާއީދުކޮށް ފާސްކުރި ބިލަކާއި ދެކޮޅަށް މިހާރު އަޑުނުއުފުލާނެއެވެ. މަގުތަކަށް ނުކުމެ ގައުމު ހަލަބޮލިކޮށްލަން މަސައްކަތްކުރާ ފަރާތްތަކުން އެ އޮޅުވާލަނީ ރައްޔިތުންނަށް އެކަންޏެއް ނޫނެވެ. އަމިއްލަ ނަފްސަށްވެސް އޮޅުވާލަނީއެވެ. އެބިލުގެ ސަބަބުން މެންބަރުންގެ ނަޒާހަތްތެރިކަން އިތުރުވާނެކަން ޤަބޫލުކުރެވޭއިރުވެސް ސަރުކާރުން ހުށަހެޅި އިސްލާހަކަށްވާތީ އެ ބިލް ފާސްކުރަން އިދިކޮޅު މެންބަރުން ބޭނުންވަނީއެވެ.
ޤާނޫނުއަސާސީއަށް ގެނެވޭ މި އިޞްލާޙުގެ މައިގަނޑު ނުކުތާއަކީ މެންބަރަކު އިންތިޚާބުވި ޕާޓީ ބަދަލުކޮށްފިނަމަ، އެ މެންބަރެއްގެ މެންބަރުކަން ގެއްލޭ ގޮތަށް ހަމަޖެއްސުމެވެ. މި އިޞްލާޙުގެ ބޭނުމަކީ ސިޔާސީ ނަޒާހަތްތެރިކަން އިތުރުކޮށް، ވޯޓު ދިން ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމެވެ. ކުރިން މި އިޞްލާޙު ހުށަހެޅުނު އިރު، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހެއްގައި ކަމުގައި ވީނަމަވެސް، މިހާރު ހާލަތު ބަދަލުވެ، އެމްޑީޕީ އިން މި ބިލާ ދެކޮޅު ހަދާ ހިސާބަށް ގޮސްފައިވެއެވެ.
މި އިޞްލާޙަށް މަޖިލީހުގެ ގިނަ މެންބަރުން ތާއީދުކުރެއެވެ. ސަބަބެއްކަމުގައި ބެލެވެނީ މި އިޞްލާޙުގެ ސަބަބުން ސިޔާސީ ހަރަކާތްތަކުގައި އިތުރު ޒިންމާދާރުކަމާއި ނަޒާހަތްތެރިކަން އަންނާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރާތީއެވެ. އެހެންނަމަވެސް، މި އިޞްލާޙާ ދެކޮޅަށް ވާހަކަދައްކާ ފަރާތްތަކުން ބުނަނީ މިއީ މެންބަރުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ.
މި އިޞްލާޙު ތަންފީޒުކުރެވިއްޖެނަމަ، އޭގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިސާލަކަށް، މެންބަރުން އެމީހުން ނިސްބަތްވާ ޕާޓީގެ ސިޔާސަތުތަކާއި އުސޫލުތަކުގައި އިތުރަށް ބަނދެވި، ޕާޓީގެ މައި އަސާސްތަކާ ޚިލާފަށް ޢަމަލުކުރުން މަދުވެގެން ހިނގައިދާނެއެވެ. އަދި މީގެ ސަބަބުން ވަކި ޕާޓީއަކަށް ވޯޓުދޭ މީހުންގެ އިތުބާރު އިތުރުވެ، އިންތިޚާބުތަކުގައި ވޯޓުލުމުގެ ނިސްބަތް އިތުރުވެގެންދާއިރު، މަޖިލީހުގެ މެންބަރުންނަކީ "ގަނެ ވިކޭ" ބައެއްގެ ގޮތުގައި ލޭބަލްވެފައި އޮންނަ އޮތުމަށްވެސް ނިމުމެއް އަންނާނެއެވެ.
ހަމައެއާއެކު މެންބަރުންނަށް އެމީހުންގެ ޚިޔާލު ބަދަލުވުމުން ނުވަތަ ޕާޓީގެ ސިޔާސަތުތަކާ ދެކޮޅަށް ވޯޓުދޭން ބޭނުންވުމުން އެކަން ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެއެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު ރައްޔިތުންގެ މަޞްލަޙަތަށްވުރެ ޕާޓީގެ މަޞްލަޙަތު އިސްކުރަން މަޖުބޫރުވެދާނެއެވެ.
މި އިޞްލާޙަކީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ވަރަށް މުހިންމު ބަދަލެއް ގެނުވައިދޭނެ ކަމެކެވެ. މި އިޞްލާޙުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ބާރު އިތުރުވެ، މެންބަރުންގެ ޒިންމާދާރުކަން އިތުރުވެގެންދާނެއެވެ. އެހެންކަމުން، މި އިޞްލާޙު ތަންފީޒުކުރުމުގައި ވަރަށް ފުންކޮށް ވިސްނައި، އޭގެ ހުރިހާ ފައިދާތަކާއި ގެއްލުންތައް ރަނގަޅަށް ދިރާސާކުރުމަކީ މުހިންމު ކަމެކެވެ. މިފަދަ ބޮޑު ބަދަލެއް ގެނައުމުގައި އޭގެ ހުރިހާ ދިމާތަކަށް ރިޢާޔަތްކޮށް، ފުންކޮށް ވިސްނުމަކީ މުހިންމު ކަމެކެވެ. ސިޔާސީ ޕާޓީތަކުގެ ބާރު އިތުރުވެ، މެންބަރުންގެ ޒިންމާދާރުކަން އިތުރުވެގެންދާއިރު، މެންބަރުންގެ ވަކިވަކި މިނިވަންކަމަށް އަސަރުކޮށްފާނެ މިންވަރު ވަޒަންކުރުމަކީވެސް މުހިންމު ކަމެކެވެ. އަދި މި އިޞްލާޙުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ ޙައްޤުތައް އިތުރަށް ރައްކާތެރިކުރެވިގެންދާނެއެވެ.