ޒަވާޖީ ޙަޔާތް އުފާވެރި ގޮތުގައި ހޭދަކުރަމުން ގެންދެވުމުގެ އެންމެ މުހިންމު ތަޅުދަނޑިއަކީ ދެމަފިރިންވެސް ތިމާއަށް އަނެކާގެ ލޯބި އިތުރުވަމުންދާނެ ކަންކަންކުރުމެވެ. އެގޮތުން މިވަޤުތު ފާހަގަކޮށް މިލަނީ އަނބިންގެ ލޯބި ފިރިންނަށް އިތުރުވުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.
1 ފުރަތަމަ ކަމަކީ އަނބިމީހާއަށް ޙާލަތެއް ކުރިމަތިވުމުން ޙިމާޔަތްކޮށްދީ ރައްކައުތެރިކަން ފޯރުކޮށްދިނުމެވެ. ފަހަރެއްގައި އަނބިމީހާއަށް (އެހެން ޟީހަކަށް) ކުށެއްކުރެވުނު ކަމަށްވެސް ވެދާނެއެވެ. އެ ޙާލަތުގައިވެސް ޙައްޤުގެ މަގުން އެއްކިބާނުވެ ކޮށްދެވެން އޮތްވަރަކަށް އެހެން މީހުންގެ ކުރިމަތީގައި އަނބިމީހާ ދިފާޢުކޮށްދޭންޖެހޭނެއެވެ. އެކަމަކާއި ގުޅިގެން ދޭންޖެހޭ ނަޞޭޙަތް ދޭނީ ދެމަފިރިން އެކަނިވުމުންނެވެ.
2 ދެވަނަ ކަމަކީ އަނބިން ދައްކާވާހަކައަށް ސަމާލުކަންދީގެން އަޑުއެހުމެވެ. އެއިގެ މާނައަކީ ކުރަން ބުނާ ކޮންމެ ކަމެއް ކުރުމެއް ނޫނެވެ. އަދި ދައްކާހައި ވާހަކައެއް ޤަބޫލުކުރުމެއްވެސް ނޫނެވެ. އަނބިމީހާއަށް އޭނާ ދައްކަން ބޭނުންވާވަރަށް ވާހަކަދައްކަން ފުރުޞަތުދީ އަދި އެވާހަކަތައް އަޑުއެހުމެވެ.
3 ތިންވަނައަށް މިބުނަނީ ވިސްނައިގެން ކުރަންޖެހޭނެ ކަމެކެވެ. އެއީ ގިނަގިނައިން އަނބިމީހާގެ ގައިގައި ވަރަށް މަޑުމަޑުން ބީހިއުޅުމެވެ. ދެމީހުން ބީހޭ ކޮންމެ ފަހަރަކު އެންމެ ބާރަށް ކަންކަން ކުރުމުގެ ބަދަލުގައި މަޑުމަޑުން ބީހިލުމެވެ. ލޯބީގެ އެންމެ މަތީދަރަޖައިގައި ބޮސްދީ ހަދާ ތަންތަނުގެ ބަދަލުގައި އަތުކުރި، ނިތްކުރި ފަދަ ތަންތަނަށް ބޮސްދިނުމެވެ.
4 ވަނައީ އަނބިމީހާ ކޮށްދޭ ކަންކަމަށް ތަޢްރީފްގެ ބަސްބުނުމެވެ. ކޮންމެ ކަމެއް އެންމެ ރަނގަޅަށް ކޮންމެ ފަހަރަކު ކޮށްނުދެވޭނެކަން ޤަބޫލުކުރަންވާނެއެވެ. ވީމާ ކޮންމެވެސް މިންވަރެއް މަދުވާފަހަރުތަކުގައިވެސް އެކަން ޝަކުވާއަކަށް ނުހަދައި ތަޤްރީފްގެ ބަސްބުނާށެވެ. އަނބިމިހާގެ ހިތްވަރު މަރައިނުލާށެވެ!
5 ފަސްވަނައީ ގިނަ ފިރިހެނުންނަށް ކުރަން އެންމެ އުނދަގުވާ ކަންތަކެވެ. އެއީ ދުވަހަކުވެސް އަނބިމީހާއަށް ދެރައެއް ނުދޭނެކަމާއި ނިކަމެތި ނުކުރާނެކަމުގެ ޔަޤީންކަން އަބަދުވެސް ދިނުމެވެ. އެއީ ކޮންމެހެން މައްސަލައެއް ޖެހުމުން ކުރަން އޮތް ކަމެއް ނޫނެވެ. އެއްވެސް މައްސަލައެއް ނުޖެހި ރިވެތި ގޮތުގައި އުޅެމުންވެސް އެކަމަށް ޔަޤީންކަން ދެމުން ގެންދާނަމަ އެއްވެސް މައްސަލައެއް ޖެހުމުގެ ފުރުޞަތު ވަރަށް ކުޑަވާނެއެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން
މިކަންކަމުން އުފާވެރިކަން ލިބި ލޯބި އިތުރުވާކަމަށް އަނބިން ނުބުނެފާނެއެވެ. ނަމަވެސް ނަމަވެސް މިކަންކަމަކީ އެކަންކަން ކުރުމުން އެކަނބަލުންގެ ހިތުގައި ފިރިމީހާއަށް ލޯބި އިތުރުވަމުންދާނެ ކަންކަމެވެ. ޔަޤީންކުރަން ބޭނުންވާނަމަ ޢަމަލުކޮށް ތަޖުރިބާކޮށްލާށެވެ!