އަހުރެމެންނަށް މިއަދު ހުރިހާ ގެއްލުންތަކެއް ލިބެމުން މިއަންނަނީވެސް އަހުރެެމންގެ އިހްމާލުންނެވެ. ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ އެކަންކަން ކުރަން އެންގެވި ކަންކަން ނުކުރެވޭތީއެވެ. އެސްފީނާ އާއި ސިހުރު ހާހޫރައާއި ޖިންނި ޝައިޠޯނުންގެ ކިބައިންވެސް ސަލާމަތް ނުވެވިގެން އުޅެންޖެހޭ އެންމެ ބޮޑު ސަބަބަކީ އެއީއެވެ.
ތިރީގައިވާ 2 ޙަދީޘްފުޅަށް ވިސްނައިލުން މުހިންމެވެ. އެއިރުން ހެނދުނާއި ހަވީރު 3 ސޫރަތް ކިޔެވުމުން ލިބޭނެ ފައިދާ އެނގިލައްވާނެއެވެ.
عَنْ مُعَاذِ بْنِ عَبْدِ اللهِ بْنِ خُبَيْبٍ، عَنْ أَبِيهِ، قَالَ: ((خَرَجْنَا فِي لَيْلَةٍ مَطِيرَةٍ وَظُلْمَةٍ شَدِيدَةٍ نَطْلُبُ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي لَنَا، قَالَ: فَأَدْرَكْتُهُ، فَقَالَ: قُلْ فَلَمْ أَقُلْ شَيْئًا، ثُمَّ قَالَ: قُلْ، فَلَمْ أَقُلْ شَيْئًا، قَالَ : قُلْ، فَقُلْتُ، مَا أَقُولُ؟ قَالَ: قُلْ: قُلْ هُوَ اللَّهُ أَحَدٌ، وَالمُعَوِّذَتَيْنِ حِينَ تُمْسِي وَتُصْبِحُ ثَلاَثَ مَرَّاتٍ تَكْفِيكَ مِنْ كُلِّ شَيْءٍ)) [رواه الترمذي وصححه الألباني / 2829]
މާނައީ: މުޢާޛް ބްން ޢަބްދުﷲ އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
"ތިމަންމެން ބޭކަލުން ވިއްސާރަ އަދި ކަޅުފޮއި އަނދިރި ރެއެއްގައި ދަތުރަކު ވީމުއެވެ. އަދި ތިމަންމެންނަށް [އިމާމުވެ] ނަމާދުކޮށްދެއްވުމަށްޓަކައި ރަސޫލާ ހޯދީމެވެ. ވިދާޅުވިއެވެ: ތިމަންމެންނަށް އެކަލޭގެފާނާ އަރާ ހަމަކުރެވުނެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ވިދާޅުވާށެވެ. ފަހެ އަޅުގަނޑު އެއްވެސް އެއްޗެކޭ ނުބުނަމެވެ. ދެންވެސް ޙަދީޘްކުރެއްވިއެވެ. ވިދާޅުވާށެވެ. ފަހެ އަޅުގަނޑު އެއްވެސް އެއްޗެކޭ ނުބުނަމެވެ. ޙަދީޘްކުރެއްވިއެވެ: ވިދާޅުވާށެވެ. ފަހެ އަޅުގަނޑު ދެންނެވީމެވެ: އަޅުގަނޑު ބުނަންވީ ކީކޭ ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ: ހެނދުނުވުމުން އަދި ހަވީރުވުމުން ތިންފަހަރު قُلْ هُوَ اللَّهُ أَحَدٌ އާއި المُعَوِّذَتَيْنِ[ފަލަޤް ސޫރަތާއި ނާސް ސޫރަތް] ކިޔާށެވެ. ތިބާއަށް ހުރިހާ ކަމަކަށް އެ ފުދޭނެއެވެ. “
. عَنْ عُقْبَةَ بْنِ عَامِرٍ قَالَ: لَقِيتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ لِى: ((يَا عُقْبَةَ بْنَ عَامِرٍ أَلاَ أُعَلِّمُكَ سُوَرًا مَا أُنْزِلَتْ فِى التَّوْرَاةِ، وَلاَ فِى الزَّبُورِ، وَلاَ فِى الإِنْجِيلِ وَلاَ فِى الْفُرْقَانِ مِثْلُهُنَّ لاَ يَأْتِيَنَّ عَلَيْكَ لَيْلَةٌ إِلاَّ قَرَأْتَهُنَّ فِيهَا؟ “قُلْ هُوَ اللَّهُ أَحَدٌ” و “قُلْ أَعُوذُ بِرَبِّ الْفَلَقِ” و “قُلْ أَعُوذُ بِرَبِّ النَّاسِ”)) [((سلسلة الأحاديث الصحيحة / 2861]
މާނައީ: މާތް ﷲ ރުއްސުންލެއްވި ޢުޤްބާ ބްން ޢާމިރު ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
"ތިމަންކަލޭގެފާނު ރަސޫލުﷲ صلى الله عليه وسلم އާ ބައްދަލުވީހިނދު އެކަލޭގެފާނު صلى الله عليه وسلم ތިމަންކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. "އޭ ޢުޤްބާ ބުން ޢާމިރު އެވެ. ތައުރާތުގައާއި ޒަބޫރުގައާއި އިންޖީލުގައި އަދި ފުރުޤާނުގައިވެސް [އެބަހީ: ޤުރުއާނުގައިވެސް] އެފަދަ ސޫރަތެއް ބާވަލެއްވިފައިނުވާ ސޫރަތްތަކެއް ކަލޭގެފާނަށް އުނގަންނަވައި ނުދެއްވަންވީތޯއެވެ؟ ކަލޭގެފާނު ރޭ ގަނޑަކާ ބައްދަލުކޮށްފިނަމަ އެސޫރަތްތައް އެރެއަކު ކިޔަވާށެވެ. [އެއީ] އިޚްލާޞް، ފަލަޤި އަދި ނާސް ސޫރަތެވެ.' "
- ޙަދީޘްއާ ޙަދީޘްގެ މާނަ: ދިސަލަފިއްޔާ