މިބާވަތުގެ ކަންކަން މިއަދުވެސް ފެންނަމުންދާނެ ކަމަށް ޤަބޫލުނުކުރެވޭ މީހުން މިހާރު ވަރަށް ގިނައެވެ. ނަމަވެސް އެއީ މޮޔަވިސްނުމެކެވެ. ކޮންމެ ކަމެއް ތިމާގެ ލޮލަށް ނުދެއްކެވިނަމަވެސް މުސްލިމުންގެ ބައަކަށް ފެނި އިތުބާރު ހުރި މަސްދަރަކުން އެކަމެއް އެނގުމުން އޮތީ އެކަމެއް ޤަބޫލުކުރުމެވެ.
ތިރީގައި އެވަނީ ކުވައިތުގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް މުޙައްމަދު އަލްނަޤްވީގެ ދަރުސަކުން ނަގާފައިވާ ވާހަކައެކެވެ. ޝައިޚް ބަޔާންކުރެއްވުމުން އެކަމަށް ޝައްކުކުރުމެއް ނެތެވެ. އޮތީ ޤަބޫލުކޮށް ޢިބްރަތް ލިބިގަތުމެވެ.
ގަދައަޅައި މަސައްކަތްކުރަންވީ އެޒުވާނާ އުޅުނު ގޮތަށް ޙަޔާތްވޭތިކުރުމަށެވެ. އެކަންކުރެވިއްޖެނަމަ ތިމާއަށްވެސް ހަމަ އެނިޢުމަތް ދެއްވަވާނެކަން ޔަޤީނެވެ. އިން ޝާ ﷲ
މިފަދަ ކަންކަމުގައި މިއަދުނޫހުގައި ޝާއިޢުކުރާ މިބާވަތުގެ ލިޔުންތަކާއި ގުޅިގެން ބައެއް ކިޔުންތެރިން ކުރައްވަމުން ގެންދަވާ ސުވާލުތަކަށް މިލިޔުމުން ވަރަށް ފުރިހަމަ ޖަވާބެއް ލިބިލައްވާނެއެވެ. އިން ޝާ ﷲ
ދަރުސް:
އެއީ ސަޢުދިޢަރަބިޔާގެ ރިޔާޟްގައި ހައިވޭއެއް ހަދަން މަސައްކަތްކުރަމުން ދިއަ ދުވަސްވަރެކެވެ. ކަންދިމާވިގޮތުން މީހުން ވަޅުނުލައި 30 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ސަޙަރާއެއް (ޤަބުރުސްތާނެއް) ހުރަސްކުރަންޖެހުނެވެ. އެހެންވެ ކަމާއި ބެހޭ ފަރާތްތަކުގެ ހުއްދަ ނަގައިގެން ކޮންނަންޖެހޭ މަހާނަތައް ކޮނުނެވެ. އެއީ ޤަބުރު ނަގައި އެހެންތަނެއްގައި ވަޅުލުމަށެވެ.
ކޮނުނު މީހުންނަށް ވަރަށް ބޮޑު ޙައިރާންކަމެއް ލިބުނެވެ. އެއީ އެއް މައްޔިތެއްގެ ކަފުނަށްވެސް އެއްވެސް ކަމެއް ނުވެއޮތުމުންނެވެ. އެހެންވެ ﷲއަކްބަރު ގޮވަމުން ޤަބުރު ނަގައި ކަފުން ހުޅުވައިލިއިރު މީރުވަސް ދުވައެވެ. ހަށި ގަނޑަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
އެހެންވެ އެއީ ކާކުކަން ދެނެގަންނާކަށް އެއްވެސް އުނދަގުލެއް ނުވިއެވެ. ޤަބުރު ގެންގޮސް ޢާއިލާއާއި ޙަވާލުކުރުމުން ޢާއިލާގެ މީހުންނަށްވެސް ލިބުނީ ވަރަށް ބޮޑު ޙައިރާންކަމެކެވެ. އެއީ މަރުވެގެން ވަޅުލިތާ އެހައި ގިނަދުވަސްވެފައިވާއިރުވެސް ޤަބުރަށް އެއްވެސް ބަދަލެއް ނައިސް އޮތުމުންނެވެ. ކޮންމެއަކަސް ޢާއިލާއިން އަލުން އޭނާ ވަޅުލީއެވެ.
ހުރިހާ ކަމެއް ނިމުމުން ބައަކު ގޮސް އޭނާގެ ބައްޕައާއި ސުވާލުކުރިއެވެ. "ދަރިފުޅު ދުނިޔޭގައި ހުރިއިރު ކުރި ޚާއްޞަ އަޅުކަމަކީ ކޮބައިތޯއެވެ؟" ޖަވާބުގައި ބައްޕަ ބުނީ އޭނާގެ ދަރިފުޅަކީ އެންމެ ކުޑައިރުންސުރެ ޖަމާޢަތުގައި ނަމާދުކުރަން މަސައްކަތްކުރި ކުއްޖެއް ކަމަށެވެ. ކޮންމެ ނަމާދަކަށްވެސް އެންމެ ކުރީ ސަފުން ޖާގަހޯދަން މަސައްކަތްކުރި ކަމަށެވެ. އެނޫން އިތުރު އެއްވެސް ކަމެއް ފާހަގަކުރެވިފައި ނެތް ކަމަށެވެ.
މިވީ ގޮތަކާއިމެދު ވިސްނާށެވެ! އޭނާ ކުޑައިރުންސުރެ ފަރުޟު ނަމާދުތަކަށް ރައްކައުތެރިވީއެވެ. އެހެންވެ އޭނާ މަރުވުމުން އޭނާގެ ޤަބުރަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވެވީއެވެ. ޤިޔާމަތްދުވަހުވެސް އޭނާއަށް ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ
އެހެން އެކަން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ އެންމެ މަތިވެރި ދަރަޖައެއް ދެއްވެވީ ނަމާދަށެވެ. ނަމާދު ފިޔަވައި އެހެން ހުރިހާ އަޅުކަމެއް ބާވައި ލެއްވެވެވީ ޖިބްރީލްގެފާނު މެދުވެރިކުރައްވަވައެވެ. ރަސޫލް ﷺ ބިންމަތީގައި ހުންނަވަނިކޮށެވެ. ނަމަވެސް ނަމާދު ބާވައިލެއްވެވީ އިސްރާ އާއި މިޢްރާޖުގެ ދަތުރުފުޅުގައި 7 އުޑުމަތިން އެއްވެސް މެދުވެރިއަކު މެދުވެރި ނުކުރައްވަވައެވެ.
މިފަދަ ކަންކަން ﷲ ތަޢާލާ އަހަރެމެންނަށް ދައްކަވަނީ ވިސްނައި ޢިބްރަތް ޙާޞިލުކުރުމަށެވެ. އަހުރެންގެ ވަޞިއްޔަތަކީ ކޮންމެ ކުއްޖަކުވެސް ބާލިޣްވުމަށް ޖަމާޢަތުގައި ފަރުޟު ނަމާދުތައް ކުރަން ސަމާލުކަންދިނުމެވެ. އަދި ރަމަޟާން މަހުގެ ރޭއަޅުކަމާއި ވީހައި ގިނައިން ސުންނަތް ނަމާދުތައްވެސް ކުރަމުން ގެންދިއުމެވެ. ބޮޑެތި މީހުންނަކީ ހަމަ އެއްވެސް ޙާލެއްގައި ފަރުޟު ނަމާދު އަޅައިގެންވާނެ ބައެއް ނޫނެވެ.
ފާހަގަކޮށްލާނަމެވެ. އޭނާއަށް އެފަދަ ބޮޑު މަތިވެރިކަމެއް އެދެއްވެވީ ކޮންމެ ނަމާދަކަށްވެސް ރައްކައުތެރިވެ އަދި ކުރީ ސަފުން ޖާގަހޯދަން މަސައްކަތްކުރުމުން ކަމަށްވެސް ވެދާނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
- ޝައިޚް މުޙައްމަދު އަލްނަޤްވީގެ ދަރުސަކުން