ބޭނުންވާ ކޮންމެ ކަމެއް ޙާޞިލުކުރަންވެސް މަގުފަހިވާނެ 3 ސިފަ! ގައިގަ ހަރުލެއްވުން އެންމެ މުހިންމު 3 ސިފަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ބޭނުންވާ ކޮންމެ ކަމެއް ޙާޞިލުކުރަންވެސް މަގުފަހިވާނެ 3 ސިފަ! ގައިގަ ހަރުލެއްވުން އެންމެ މުހިންމު 3 ސިފަ!: މުފްތީ މެންކް

މުސްލިމުންގެ ގައިގައި ހަރުލައްވަންޖެހޭ ސިފަތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިންވެސް އެންމެ މުހިންމު ބައެއް ސިފަތަކާއިބެހޭ ގޮތުން ބަހެއް ބުނެލާނަމެވެ. ތިމާގެ އާޚިރަތް ކާމިޔާބުކުރެވުމާއި ގުޅިފައިވާ މުހިންމު ކަމަކަށްވާތީއެވެ. 

މީސްތަކުން މިވަނީ ދެބައަކަށް ބެހިފައެވެ. ފުރަތަމަބައަކީ އާޚިރަތް އެދިގެން މަސައްކަތްކުރާ މީހުންނެވެ. މަދުވާނީ އެމީހުންނަމަވެސް އެންމެ ކާމިޔާބު މީހުންނަކީ އެއީއެވެ. އެހެނީ އާޚިރަތް ކާމިޔާބުކޮށްފި މީހަކަށް ދުނިޔެ ވެސް ކާމިޔާބުވެގެންދާނެތީއެވެ. ﷲ ތަޢާލާ އެމީހަކަށް އާޚިރަތުގެ އިތުރުން ދުނިޔެވެސް ދެއްވަވާނެތީއެވެ. 

އަނެއްބައި މީހުންނަކީ ހަމައެކަނި ދުނިޔެ އެދިގެން މަސައްކަތްކުރާ މީހުންނެވެ! އެމީހުންނަށް ﷲ ތަޢާލާ އިރާދަ ކުރައްވާ މިންވަރަށް ދުނިޔޭގައި ކަންކަން ޙާޞިލުކޮށް ދެއްވަވަތެވެ. ނަމަވެސް އެމީހުންނަށް އާޚިރަތް ވެގެންދާނީ ބިލާހަކަށެވެ. އެމީހުން ހިތާމަކުރާނީ ދުނިޔޭގައި އުޅެންޖެހުނު ކަމަށްޓަކައެވެ. އެމީހުން އެދޭނީ ޖަނަވާރުތައް ފަދައިން އެމީހުންވެސް ބިމުހުރި ވެއްޔަށް ހައްދަވައިދެއްވެވުމަށެވެ. ނަމަވެސް އެމީހުންގެ އެބޭނުން ﷲ ތަޢާލާ ފުއްދަވައެއް ނުދެއްވަވާނެތެވެ. 

އަހަރެމެން މުސްލިމުން މަސައްކަތްކުރަންވީ ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރުމަށެވެ. އެކަމަށް މަސައްކަތްކުރަންވީ މަގުވެސް ﷲ ތަޢާލާ ވަނީ އަންގަވައިދެއްވަވައިފައެވެ. ނިކަންވިސްނައިލަބަލާށެވެ! 

އެކަންކަމުގެ މުހިންމުކަން ބޮޑުކަމުން ކޮންމެ ހުކުރު ޚުޠުބާއެއްގައި މީސްތަކުންގެ މައްޗަށް އަމުރުކުރާ ކަންތައްތަކެއްވެއެވެ. އެކަންކަމަށް އަމުރުކުރަނީ ކީރިތި ޤުރްއާނުގައި އެކަންކަމަށް އަމުރުކުރަން އަންގަވައި ވަޙީކުރައްވަވާފައި އޮތުމުންނެވެ. އެކަންކަމުގެ ތެރޭގައި "ޢަދުލުވެރިވުއި އިޙްޞާންތެރިވުމާއި މީސްތަކުންނަށް ހެޔޮކޮށް ހިތުން" ހިމެނެއެވެ. 

މި 3 ސިފައަކީ އެ ސިފަތައް އެމީހެއްގެ ކިބައިގައި ހުރެގެން މެނުވީ ތިމާގެ އީމާންކަން ފުރިހަމަނުވާނެ ސިފަތަކެވެ. އިސްލާމްކަންވެސް ފުރިހަމަނުވާނެ ސިފަތަކެވެ. ފުރަތަމަ ކަމަކަށް ޢަދުލުވެރިވުން ބަލައިފިނަމަ އެއީ ހަމައެކަނި ޝަރީޢަތްކުރާ ފަނޑިޔާރުންނަށް އޮތް ބަސްފުޅެއް ނޫނެވެ. ތިމާކުރާ ކޮންމެ ކަމެއްގައިވެސް ޢަދުލުވެރިވާންޖެހޭނެ ވާހަކައެވެ. އިޙްޞާންތެރިވުމަކީ ކުރާ ކޮންމ ކަމެއްގައިވެސް ﷲ ތައާލާއަށް ކިޔަމަންތެރިކަން އަދާކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަށް ކަންކަން ކުރުމެވެ! ﷲ ތައާލާއަށް ބިރުވެތިވެހުރެ ކަންކަން ކުރުމެވެ. މީސްތަކުންނަށް ހެޔޮކޮށް ހިތުމަކީ ބުނާބަސްތައްބުނުގައި އޯގާތެރިވުމާއި މީސްތަކުންނަށް އެހީތެރިވެދިނުމެވެ. ތިމާގެ ކިބައިގައި ތަނަވަސްކަމާއި ކުލަދާނަކަން ހުރެމެ އެމީހާގެ ޢާއިލާގެ މީހުންނަށް އެހީތެރިނުވާ މީހާ އެވަނީ މިސިފައިން ނުވަތަ މި ބަސްފުޅުން ބޭރުވެވިފައެވެ. 

ހަމައެއާއިއެކު ﷲ ތައާލާ ނަހީކުރައްވަވާފައިވާ ކަންކަން މަނާކުރާ މީހަކަށްވުމަށާއި ނަހީކުރެއްވެވި އެއްވެސް އަމަލެއް ނުކުރުމަށްވެސް ޚުޠުބާތަކުގައި އަމުރުކުރެއެވެ. އަދި ހެޔޮ ކަންތައްތަކަށް އަމުރުކުރުމަށާއި ހެޔޮ އަމަލުތައް ކުރުމަށްވެސް ވަނީ އަމުރުފޅުކުރައްވަވައިފައެވެ. 

ދެން ބަލައިލަންވީ މިފަދައިން ޢަމަލުކުރާ މީހުންނަށް ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތްތަކަށެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އެމީހާ އެދޭކަންކަން ހިންމަވައި ދެއްވަވާނެ ކަމަށެވެ. އެބަސްފުޅުގެ މާނައަކީ ދުނިޔެއާއި އާޚިރަތުގައިވެސް އެމީހާއަށް ހެޔޮ ރަޙްމަތް ލައްވަވާނެ ކަމެވެ. 

މިފދައިން މިހައި ގިނައިން ހަނދާންކޮށްދެވެމުންދާއިރުވެސް މިކަންކަމަށް އަމަލުކުރެވެނީ ހާދަ މަދު މީހަކަށެވެ! ބުނެލަން އޮތީ ތިބާ ދުނިޔެއިން ވިޔަސް ޙާޞިލުކުރަން ބޭނުންވާ މީހާ މި ކަންކަމަށް ވިސްނާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދެން ބޭނުންވާ ފުރަތަމަ ކަމަކަށް ﷲ ތައާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ! 

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން