މިއުއްމަތުގެ ފިރުޢައުނު ކަމަށްވާ އަބޫޖަހުލުގެ ބޯ ބުރިކޮށްލެވުނީވެސް އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ މަތިވެރި އަތްޕުޅުންނޭ އިނގޭތޯ. އެއީ ބަދުރު ހަނގުރާމައިގައި، އަދިވެސް ހަނގުރާމަތަކުގައި އެކަލޭގެފާނަކީ ގަދަފަދަ ވަރުގަދަ ކެރިހުންނަވާ ޘާބިތުވެވަޑައިގަންނަވާ މަތިވެރި ސަޙާބީ ބޭކަލެއް.
އަދި ހަމައެއާ އެއްކޮށް ބަދުރު ހަނގުރާމައަށް އަޅުގަނޑުމެން ބަލާލައިފިއްޔާ ފެނިގެންދާނެ، އަބޫޖަހުލާއި ދިމާލަށް ދިމާކޮށްލި ދެ ޞަޙާބީންކަމުގައިވާ މުޢާޛު ބުން ޢަމްރު ބުނު ޖަމޫހު އާއި އަދި އެކަލޭގެފާނުގެ އަޚް މުޢައްވަޛު، މި ދެބޭކަލުން ހަނގުރާމަ ފެއްޓުމުގެ ކުރިން ސަފުތައް ރުކުރުވާލެވިފައިވީ ގަޑީގައި ޢަބްދުއްރަޙްމާން ބުނު ޢައުފު ރަޟިޔަﷲ ޢަންހުގެ ދެފަޅީގައި މިވަނީ، އެއީ އަޅުގަނޑުމެންގެ މިހާރުގެ ވިސްނުމަށް ބަލައިފިއްޔާ ކުޑަކުދިންނޭ ބުނާނީވެސް. ހަށިގަނޑު ނިކަމެތި ދެކުދިން ކަމުގައި ޢަބްދުއްރަޙްމާން ބުނު ޢައުފު ރަޟިޔަﷲ ޢަންހުއަށް ފެނިވަޑައިގެންނެވީ އުމުރުން ހަގު ދެބޭކަލުން މިވަނީ އެކަލޭގެފާނުގެ ދެފަޅީގަ.
އާދެ، ހަނގުރާމައިގެ މައިދާނުގައި ކޮންމެ މީހަކުވެސް ބޭނުންވާނެ އެމީހާގެ ދެފަޅިން ވަރުގަދަ ފަހުލަވާނުން ތިބެން. އޭރުން އެމީހާއަށްވެސް އޭގެ ސަބަބުން ލިބޭ ހިމާޔަތަކަށް އެކަންވެގެން ދާނީ. އެހެނެއްކަމަކު އެބްދުއްރަޙްމާން ބުނު ޢައުފު ރަޟިޔަﷲ ޢަންހު އަށް މި ފެނިވަޑައިގަންނަވަނީ އެކަލޭގެފާނުގެ ދެފަޅީގައިވެސް ނިކަމެތި ހަގު ދެކުދިން ތިބެނިކޮށް. އެހިނދު އެއްކުއްޖަކު މި އަހާލަނީ (އަޅުގަނޑުމެން ސިޔަރަތުގަވެސް އަޑުއަހާ ވާހަކައެއް މީ) ކޮބާ ހެއްޔޭ އަބޫޖަހުލަކީ އެތަނުން؟ ދެން އަބްދުއްރަޙްމާން ބުން ޢައުފު ރަޟިޔަﷲ ޢަންހު ދައްކަވަނީ އެއީއޭ އަބޫޖަހުލަކީ. ކޮންކަމެއްތޯއޭ ބޭނުންވަނީ؟ އެހިނދު އެކަލޭގެފާނު ވިދާޅުވަނީ އަބޫޖަހުލަކީ އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޖެއްސުންކުރާ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޢަދާވާތްތެރިކަމުގައި އަރާހުރި މިހެކޭ. ތިމަންކަލޭގެފާނު ބޭނުމޭ އޭނާގެ ދުވަސް ދުއްވާލަން.
އަދި ހަމައެފަދައިން ދެވަނަ ކުއްޖާވެސް ހަމަ ސިއްރު ސިއްރުން ހަމަ މި އަހާލަނީ، އެ ދެބޭކަލުންވެސް އަބްދުއްރަޙްމާން ބުން ޢައުފު އާ ސިއްރުން މި ސުވާލު ކުރަނީ. އެ ސުވާލު ކުރުމަށްފަހުގައި، އަނެއް ޞަޙާބީ އަށްވުރެ ކުރިން އަބޫ ޖަހުލަށް ހަމަލާދީ ދުއްވާލުމުގެ ނިޔަތުގައި. އެއީ ހަމަ ހަށިގަނޑުން ނިކަމެތި ޢުމުރުން ހަގު، އަޅުގަނޑުމެންގެ މިހާރުގެ ޢިބާރާތުން "ކުދިން"، އެހެންނަމަވެސް މަތިވެރި ޞަޙާބީ ބޭކަލުން، ހަނގުރާމައިގެ މައިދާނުގައި ވަރުގަދަ ބޭކަލުން.
އާދެ، ސިޔަރަތުގެ ޢިލްމުވެރިން ވިދާޅުވޭ، ހަނގުރާމަ ފެއްޓުނު ހިނދުގައި މުޢާޛް ބިން ޢަމްރު ބިން ޖަމޫހު ރަޟޔަﷲ ޢަންހު ވަޑައިގެން އަބޫޖަހުލާ ދިމާއަށް ދިޔަ ގޮތަށް ގޮސް، މައްކާގެ އެތައް މުޝްރިކުންނެއް އަބޫ ޖަހުލު ވަށައިގެން ހިމާޔަތް ކުރުމުގައި ތިއްބަވަނިކޮށް ދިޔަގޮތަށް ގޮސް، ކަނޑިން ޖަހާ އަބޫ ޖަހުލުގެ ފައި ކަކުލު ހުޅުން ބުރި ކޮށްލީ ކަމުގައި. ބުރިކޮށްލައިން، އެއްލިގެން ދިޔަ ކަމުގައި.
އާދެ! އެހިނދު އަބޫ ޖަހުލުގެ ދަރި ޢިކްރިމާ (އޭރުގަ މުސްލިމެއް ނޫން، އެހެންނަމަވެސް ފަހުން އިސްލާމްވެ ވަޑައިގެން ރަޟިޔަﷲ ޢަންހު މަތިވެރި ޞަޙާބީ ބޭކަލެއް އިކްރިމާ ބުން އަބޫ ޖަހުލަކީ) ޢިކްރިމާ އެއަށްފަހުގައި ވަޑައިގެން، މުޢާޛު ބިން ޢަމްރު ބިން ޖަމޫހުގެ ކޮނޑުމަތީގައި ކަނޑިން ޖަހާ، އަތް މި ބުރިކޮށްލައްވަނީ. އެހެން ނަމަވެސް އެއްކޮށް އަތް ބުރިއެއް ނުއެއްވޭ. އަތް ނުނެއްޓި އިންނަނީ ކުޑަކުޑަ ހަންކޮޅަކުން.
އެފަދަ ޙާލެއްގައި ވީއިރުވެސް މުޢާޛު ބިން ޢަމްރު ބިން ޖަމޫހު ހަނގުރާމަ ކުރެއްވީ ހިއްވަރު ގަދަ ކަމާއެކުގައި. އެކަލޭގެފާނު މުޅި ދުވަސް އެއްކޮށް ހަނގުރާމަ ކުރެއްވުމުގައި ހޭދަ ކުރެއްވި. އެއަށްފަހުގައި އަތް އެއްކޮށް ނުނެއްޓި އިންނާތީވެ އެކަމާ އުނދަގޫވާތީ، އެކަލޭގެފާނު އެކަލޭގެފާނުގެ އަތްޕުޅުމައްޗަށް ފައިން އަރުއްވާ ލުއްސާލައްވަނީ އިނގޭތޯ!
އާދެ، އަޅުގަނޑުމެންނަށް މި ވާހަކަތައް އިވުނީމަވެސް ފަހަރެއްގައި އުނދަގޫވެދާނެ، ހަމައެކަނި އަޑުއަހަން ތިބެން. ކޮބައިތޯ، ކިހިނެއްތޯ ވާނީ އެބޭކަލުން އެގޮތަށް ކަންތައް ކުރެއްވި އިރުގައި އެބޭކަލުންނަށް ކިހިނެއްތޯ ވާނީ؟ އެހެންނަމަވެސް ހަނގުރާމައިގެ މައިދާނުގައި ނަބިއްޔާ ޞާއްލަﷲ ޢަލައިހި ވަސައްލަމައަށް ނަސްރު ދެއްވުމުގައި އެބޭކަލުން، އެބޭކަލުންގެ ހަށިގަނޑާއި ފުރާނައާއި ޖާނާ މާލުން އެބޭކަލުން ޤޫރުބާންވީ އިނގޭތޯ.
އާދެ، އެއަށްފަހުގައި ހަނގުރާމަ ނިމުނު އިރުގައި އަބޫޖަހުލު މިވަނީ އޭނާގެ ފަހު ނޭވާގައި އަބޫޖަހުލު މިވަނީ ބިންމައްޗަށް ވެއްޓިފައި. އެހިނދު އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވަޑައިގެން އަބޫ ޖަހުލުގެ މޭމައްޗަށް އަރާ އަބޫޖަހުލުގެ ބޯ ބުރިކުރަން ދިމާކުރަނީ. އާދެ، އެހިނދު އަބޫޖަހުލު ބުނާކަމަށްވަނީ (އަރަބި) އިބްނި މަސްޢޫދަށް މަލާމާތް ކުރުމުގެ ރާގުން އަބޫ ޖަހުލު ބުނާކަމަށް ވަނީ " ވަރަށް މަތިވެރި ތާކަށޭ އެރިފަ ތިހިރީ، އޭ ބަކަރި ހުއިހައްޕާ ނިކަމެތި މީހާއޭ!" އަބޫ ޖަހުލު އޭނާގެ މަރުމަތީގައިވެސް އޭނާ ބޮޑާވެގަތީ.
އަޅުގަނޑުމެންނަށް އެނގިގެންދާނެ ފިރުޢައުނުގެ ވާހަކަ. ފިރުޢައުނަކީ އޭނަ މަރުމަތީގަ ޝަޙާދަތްވެސް ކިޔަން އުޅުނު މީހެއް އޭނައަކީ. އެހެންނަމަވެސް މަރުމަތީގަ އޭނަވެސް ބޭނުންވި ތައުބާވާން. އެހެންނަމަވެސް މި އުންމަތުގެ ފިރުޢައުނު އަބޫ ޖަހުލު، އޭނަ މަރުމަތީގައިވެސް އޭނާ ބޮޑާވެ ކިބުރުވެރިވީ. އިބްނި މަސްޢޫދު ރަޟިޔަﷲ ޢަންހު އެއީ ފަޤީރު ބޭކަލަކަށްވާތީ، ބަކަރި ހުއިހައްޕާ ބޭކަލަކަށްވާތީ، އަދި ހަށިގަނޑު ނިކަމެތި ބޭކަލަކަށްވާތީވެ މަލާމާތޭ ކުރީ މިފަދަ ގޮތަކަށް. އެހެންނަމަވެސް އިބްނި މަސްޢޫދު ރަޟިޔަﷲ ޢަންހު އަބޫ ޖަހުލުގެ ބޯ ބުރިކޮށްގެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ގެންގޮސްދެއްވަނީ. ޞަޙާބީ ބޭކަލުން މި ދީނުގެ ދިފާއުގައި ކަންކަން ކުރައްވާފައިވާ ގޮތް އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ. އެބޭކަލުންނަކީ ހަށިގަނޑުން ނިކަމެތި ބަޔަކަށް ވުމުގެ ސަބަބުން އެއްވެސް ވަރަކަށް ދީނަށް ނަޞްރު ދިނުމުގައި އަދި ހަނގުރާމައިގެ މައިދާނުގައި އެންމެ ތަންފުކެއްވެސް ފަހަތަށް ޖެހިފަކައެއް ނުވޭ. އެބޭކަލުންނަކީ ވަރުގަދަޔަށް ޘާބިތުވީ ބޭކަލުންތަކެއް.
- ޝެއިޚް މުޙައްމަދު ޣާލިބްގެ ދަރުސަކުން
- ޞަޙާބީންގެ ވާހަކައިގެ ތެރެއިން