ދިރިއުޅުމުގެ ހުރިހާ ކަމަކާ ދެމަފިރިންގެ ގުޅުމުގެ ތެރެއަށް ޝައިޠާނާ ވަނަނުދިނުމަށާ، ނަމާދުގައި ޚުޝޫޢަތްތެރިވުމަށާ އަދި މަރުމަތީގައިވެސް ޝައިޠާނާގެ ކިބައިން ރައްކައުތެރިކަމަށް އެދިގެން ކުރަން އޮތް ދުޢާ- ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ދިރިއުޅުމުގެ ހުރިހާ ކަމަކާ ދެމަފިރިންގެ ގުޅުމުގެ ތެރެއަށް ޝައިޠާނާ ވަނަނުދިނުމަށާ، ނަމާދުގައި ޚުޝޫޢަތްތެރިވުމަށާ އަދި މަރުމަތީގައިވެސް ޝައިޠާނާގެ ކިބައިން ރައްކައުތެރިކަމަށް އެދިގެން ކުރަން އޮތް ދުޢާ- ޤުރްއާނުން-

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހުރެމެންނަށް (މީސްތަކުންނަށް) ވަސްވާސް ދިނުމުގައި ޝައިޠޯނާ ވަރުބައްޔެއް ނުވެއެވެ. 24 ގަޑިއިރުގެ ކޮންމެ ސިކުންތެއްގައިވެސް ވަސްވާސްދީ މީހުން މަގުފުރައްދަން މަސައްކަތްކުރަމުން ގެންދާނެއެވެ.  

ދިރިއުޅެން މަސައްކަތްކުރާއިރުވެސް، ދެމަފިރިން ބައްދަލުވާހިނދުގައިވެސް، ދަރިންނަށް ނަބޭޙަތްދޭ ހިނދުގައިވެސް، ކައިބޮއިހަދާއިރުގައިވެސް، ދެމަފިރިން އެއްދާންކުރާ ވަޤުތުގައިވެސް، އަދި ނަމާދުކުރާ ވަޤުތުގައިވެސް ޝައިޠޯނާގެ މަސައްކަތް އޭތި ގެންދާނީ ކުރަމުންނެވެ. ނުބައި ވަސްވާސްދީ މަގުފުރައްދުވައި ފާފަކުރުވަން ޝައިޠޯނާ ގެންދާނީ މަސައްކަތްކުރުވަމުންނެވެ.  

ވީމާ އަހުރެމެންނަށް އޮތީ ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްކޮސްދެއްވެވުން އެދިގެން ހުރިހާ ވަޤުތުތަކެއްގައިވެސް ދުޢާކުރަމުން ގެންދިއުމެވެ. އެކަމަށް ކުރަން އޮތް ދުޢާވެސް ކީރިތި ޤުރްއާނުން ފެންނަން އެބައޮތެވެ. އަލް މުއްމިނޫން ސޫރަތުގެ 97 އަދި 98 ވަނަ އާޔަތުންނެވެ.  

އެދުޢާއީ:  

رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ 

މިދުޢާއެވެ.  

وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ

"އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! ޝައިޠާނުންގެ ވަސްވާސްތަކުން ދުރުކުރެއްވުންއެދި، އިބަރަސްކަލާނގެ ޙަޟްރަތުން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ." 

وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ

"އަދި އަޅުގެ ވެރިރަސްކަލާކޮ! އެ ޝައިޠާނުން ތިމަންއަޅާގެ ގާތަށް ޙާޟިރު ވެދާނެކަމަށްޓަކައި އިބަރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ."

(އަލް މުއުމިނޫން: 97،98)  

މިދުޢާއަކީ ބަލިޙާލެއްގައި އޮންނަން ޖެހުނަސް އަދި މަރުމަތީގައިވެސް ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްކަން ލިބިގަތުމަށްޓަކައިވެސް ކުރަން އޮތް ދުޢާއެވެ. ޝައިޠޯނާ އޭތީގެ މަސައްކަތް ހިނދުކޮޅަކަށްވެސް ހުއްޓައެއް ނުލާނެއެވެ. އަހުރެމެންނަށް އޮތީ އޭތީގެ ނުބައި ކަމުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކޮށް ﷲ ތަޢާލާގެ ޙަޟްރަތުން ތައުފީޤަށް އެދުންމަތީމަގައި ދެމިތިބުމެވެ. ވީމާ މިދުޢާއަކީ ކޮންމެ މީހަކުވެސް އަބަދުވެސް ކުރަމުން ގެންދަން އޮތް ދުޢާއެކެވެ!  

ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތްކޮށްދެއްވެވުން އެދިގެންނާއި އަދި ޝައިޠާނާ ތިމާއާއި ކައިރިވިޔަ ނުދިނުމަށްޓަކައި ކުރަން އެންމެ ރަނގަޅު ދުޢާއަކީ މިއީއެވެ. އހެނީ މިދުޢާއަކީ ﷲ ތަޢާލާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބާވައިލެއްވެވި ދުޢާއެކެވެ. އަދި މީސްތަކުންނަށް އުނގަންވައި ދެއްވެވުމަށެވެ.

 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

މިއަދު އޮންލައިން