ޙައްޖަށް ދިއުމަށް އުންމީދުކުރާ މީހާ، ނުވަތަ ޙައްޖަށް ދާނެ ފައިސާ އަތުގައި ނެތިގެން ކަންބޮޑުވާ މީހާ ފުރަތަމަކަމެއްގެ ގޮތުން ފަރުޟު ފަސްނަމާދަށް ރައްކައުތެރިވުމާއިއެކު ޚާއްޞަކޮށް ފަތިސްނަމާދުކުރަން އާދަކޮށް ތިމާގެ ކިޔަމަންތެރިކަން ޢަމަލުން ދައްކާށެވެ! ﷲ ތަޢާލާ ތިބާއެދޭ އެންމެހައި ކަންކަން ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
ބައެއް ޢިލްމްވެރިން ފަތިސްނަމާދަށް ރިޒުޤް ތަނަވަސްކުރައްވަވާ ނަމާދުގެ ނަމުންވެސް ނަންދެއްވައެވެ. އެއީ ފަތިސްނަމާދުކުރުމަކީ ރިޒުޤް ތަނަވަސްވުމަށް އޮތް މަގަކަށްވާތީއެވެ. ރިޒުޤްގެ މާނައަކީ ހަމައެކަނި ކާބޯތަކެއްޗެއް ނޫނެވެ. ރިޒުޤްގެ މާނައިގައި ތިމާގެ އެންމެހައި ބޭނުންތައް ހިމެނެއެވެ. އެއިގެ ތެރޭގައި ޙައްޖަށްދާނެ ފައިށާ ލިބުންވެސް ހިމެނެއެވެ.
ގިނަ ބައަކު ބުނާ ވާހަކައެކެވެ. "އަހަރެންނަށް މިއުޅެނީ ޙައްޖަށް ނުދެވިގެންނެވެ. މިއުޅެނީ ފައިސާ ހަމަނުކުރެވިގެންނެވެ. އެހެންވެ ވަރަށް ދެރަވަމެވެ."
ވާހަކަ ކިތަންހައިވެސް ރަނގަޅެވެ. ޙައްޖަށް ދިއުމަށް އެންމެންވެސް މަސައްކަތްކުރަންވާނެއެވެ. ޙައްޖުވެވެން އޮތްނަމަ ޙައްޖުވާންވެސް ޖެހޭނެއެވެ. ކުޅަދާނަކަން ލިބިގެންވާނަމަ އެއީ އަދާކުރަންޖެހޭ ފަރުޟެކެވެ. ސުވާލު އުފެދެނީ މިހިސާބުންނެވެ. ކުލަދާނަކަން ލިބިގެންނުވާ ކަމެއް ނުކުރެވިގެން ކަންބޮޑުވާއިރު ކުޅަދާނަކަން ލިބިގެންވާ ކަންކަން އެބަކުރަމުހެއްޔެވެ؟
ވސްނައިލަމާ ހެއްޔެވެ؟ ﷲ ތައާލާ އަހަރެމެންނަށް ރިޒުޤާއި ސަލާމަތް ޞިއްޙަތާއި ބޭނުންވާނެ އެހެންކަންކަން ﷲ ތަޢާލާ މިންވަރުކުރެއްވެވުމުން ޝުކުރުވެރިވެ ނަމާދުކޮށް ހެޔޮ ޢަމަލުތައް ނުކުރެވޭނަމަ ﷲ ތަޢާލާގެ ރަޙްމަތަށް އެދެވޭނީވެސް ކިހިނަކުންހެއްޔެވެ؟
އަހަރެމެންނަށް ﷲ ތަޢާލާ ވަނީ 24 ގަޑިއިރުގެ ވަގުތު ކޮންމެ ދުވަހަކު ދެއްވަވައިފައެވެ. 24 ގަޑިއިއރު ދެއްވެވުމަށްފަހު މިއަންގަވަނީ އެއިގެ ތެރެއިން 24 މިނިޓު ނަމާދުކުރުމުގައި ހޭދަކުރުމަށެވެ. ކޮންމެ 60 މިނިޓަކުން އެންމެ މިނިޓެކެވެ!
އަހަރެމެންނަށް މިއުޅެނީ އެވަރުވެސް ނުކުރެވިގެންނެވެ. ޢަމުދުން ފަތިސްނަމާދު ނުކުރވިގެންނެވެ. ފަތިސް ނަމާދަކީ ދުވަހުގެ ފެށުންކަމުގައި ހަދަންޖެހޭ ނަމާދެވެ! ފަތިސްނަމާދުނުކުރާ މީހުންވެސް ޙައްޖަށްދާން ބޭނުންވާހަކަ ދައްކައެވެ! ޙައްޖަށް ދަނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުންނެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރި ނުވެ ހުންނަ މީހާ ފުރަތަމަކުރަން އޮތްކަމަކީ ކިޔަމަންތެރިކަން އަދާކުރުމެވެ.
ފަތިސްނަމާދުގެ ވާހަކަ މިގޮތަށް ފާހަގަމިކުރީ އެންމެ ގިނަބައަކު އެންމެ ބޮޑަށް އިހްމާލްވާ ނަމާދަކީ އެއީ ކަމުގައިވާތީއެވެ! ފަތިސްނަމާދުގެ އިހުސުންނަތުގެ ދެރަކްޢަތަކީ ދުނިޔެއާއި ދުނިޔޭގައިވާހައިތަކެއްޗަކަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ނަމާދަކަށްވާތީއެވެ! ޙަޤީޤަތަކީ ކޮންމެ ނަމާދަކީވެސް ހަމަ ކޮންމެހެންވެސް ކުރަންޖެހޭ ނަމާދެއް ކަމެވެ.
ފަތިސްނަމާދަށް ފަރުވާތެރިވެ ޖަމާއަތުގައި ކުރެވޭނީ ﷲ ތަޢާލާއަށް ވަރަށް ކިޔަމަންތެރި މީހުންނަށެވެ! އިބިލީހުގެ ވަސްވާސްތަކުން ސަލާމަތްވެ އަރާމު ނިދި ދޫކޮށްލައި ﷲ ތަޢާލާއަށްޓަކައި ނަމާދުކުރެވޭނީ ﷲ ތަޢާލާއަށް ކިޔަމަންތެރިވާ މީހުންނަށެވެ! ފަތިސް ނަމާދުގެ މުހިންމުކަމުގެ ވާހަކަ ދައްކަންޖެހެނީ މިފަދަ މުހިންމު އެތައް ބައިވަރު ސަބަބުތަކެއް ހުރުމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން