ދެމަފިރިންކުރެ މީހަކު އަނެކާގެ ކިބައިން ކަމަކަށް އެދުމުން ވީހާއަވަހަކަށް އެކަންކޮށްދޭށެވެ! ލޯބިވުމަކީ އެއީއެވެ. އެކަމެއް ވަޤުތުން ކޮސްދެވެން ނެތްނަމަ އެކަން ބުނެ ސަބަބުވެސް ބަޔާންކޮސްދޭށެވެ. ނޫންނަމަ ކުރިމަތިވާނެ މައްސަލަތަކަށް ވިސްނާލަމާ ހިނގާށެވެ.
ދިރިއުޅެން ކުރަންޖެހޭ މަސައްކަތް ބުރަވެފައި ގިނަވުމުން ގިނަބައަކަށް އެންމެ ބޮޑަށް ފަރުވާ ކުޑަކުރެވެނީ ނުވަތަ އިހްމާލުވެވެނީ އަމިއްލަ ބައިވެރިޔާ އާއިމެދުގައެވެ. ބައިވެރިޔާގެ ބޭނުންތައް ފުއްދައިދިނުމަށެވެ. އެއީ ބައިވެރިޔާ ކަމުގައިވުމުން ތިމާއަށް ފަސޭހަ ކޮންމެ ވަގުތަކު ބޭނުން ފުއްދައިދިންނަމަވެސް ފުދޭނެ ކަމަށް ނުވަތަ ހުންނާނީ ރުހި ޤަބޫލުވެގެން ކަމަށް ބަލައި ލަސްކުރަނީއެވެ.
މިކަމުގަ އިތުރަށްވެސް ވިސްނަން ޖެހެއެވެ. އަނބިމީހާ އެދޭ ކަންކަމުގެ ތެރޭގައި ގެއަށް ބޭނުންވާ ކަންކަންވެސް ހިމެނޭނެއެވެ. އެކަންކަން ކޮށްނުދީ ލަސްކުރުމުން ގޭތެރޭގެ ކަންކަން ހަމަޖައްސަން އުނދަގޫވާނެއެވެ. ދަރިންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށާއި ކައްކަންވެސް އުނދަގޫވާނެއެވެ. މިފަދަ އުނދަގޫތައް ކުރިމަތިވާން ފެށުމުން ފިރިމީހާ ފޫހިވެ ފަރުވާކުޑަކުރަނީ ކަމަށް ބަލައި ނަފްރަތުކުރެވެން ފެށުން އޮންނާނީ ވަރަށް ގާތުގައެވެ.
ބަވަނަވެފައިވާ މިދުނިޔޭގައި ބަދަލުތައް އައިސްފައިވަނީ ވަކިކަމަކަށް ނޫނެވެ. ހުރިހާ ކަމަކަށެވެ. އެއިގެ ތެރެއިން އެއްކަމަކީ ބައިވެރިޔާ ތިމާއާއިމެދު އިހްމާލުވާ މިންވަރު ކޮންމެ ދުވަހަކުވެސް ބަރާބަރަށް ކިރުމުގެ އާދަ ހަރުލާފައިވުމެވެ.
ދެން މިވާ ގޮތަކީ ކޮންމެ ދުވަހަކު ވެސް ފަރުވާކުޑަކަމުގެ ކޮޅަށް ބަރުވަމުންދާނަމަ ހިތުގައި ފޫހިކަން އުފެދެންފަށަނީއެވެ. އާޚިރު ނަތީޖާއަކަށްވަނީ ކެތްތެރިކަމުގެ ވައުފަށް ކެނޑިގެންދިއުމެވެ. "ތިނޫން ގޮތެއް" ހޯދަން ހަށިފޮޅައިލެވެނީއެވެ.
ނިކަން ބުނެބަލާށެވެ! ބައިވެރިޔާ އާއިމެދު ފަރުވާކުޑަކުރެވޭނަމަ މިކަންކަން މެދުވެރިނުވޭ ހެއްޔެވެ؟ ނުހަނު ލޯބިން ފަށައި ކުރިއަށް ގެންދާ ޒަވާޖީ ޙަޔާތުގައި މައްސަލަތައް ކުރިމަތިވެ ދެމަފިރިން ވަކިވާ ހިސާބަށް ދާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މިބާވަތުގެ އެތައް ކަމެއް އެބަހިނގައެވެ. އަޅައިނުލެވުމާއި ފަރުވާ ކުޑަކުރެވުމުގެ ސަބަބުން މެދުވެރިވާ ކަންކަމެވެ.
ވީމާ އަނބިމީހާއަށް ނަމަވެސް ފިރިމީހާއަށް ނަމަވެސް މިއަދުކޮށްދޭންޖެހޭ ކަންކަން މާދަމާކުރަން ލަސްނުކުރާށެވެ! އަދި ކަމަކު އެދުމުން ވީއެންމެއަވަހަކަށް އެކަމެއް ކޮށްދޭން މަސައްކަތްކުރާށެވެ! އެކަން އެހެން ނުކުރާނަމަ ޙަޤީޤަތުގައިވެސް އެނގިގެންދަނީ ބައިވެރިޔާގެ މައްޗަށް ލޯތްބެއް ކުލުނެއް ހަމަ ނެތްކަމެވެ!
އެކަކު އަނެކަކަށް ކޮށްދޭންޖެހޭ ކަންކަން ކޮށްނުދޭނަމަ ފިތުނައަކަށް ނުވެ ނުދާނެއެވެ. އެ ފިތުނައިގެ ނާޖާއިޒު ފައިދާ ނަގަން ޝައިޠޯނުން އަބަދުވެސް ތިބޭނީ ތައްޔާރަށެވެ! ވިސްނައިދޭނެއެވެ. "އުނދުޅިއެއް ގެނެސްދޭށޭ ބުނިތާ މިހާރު މަސްދުވަސްވަނީއެވެ. އަޅައިވެސް ނުލައެއް ނޫންހެއްޔެވެ؟ އެއީ މިހާރު ކަލޭދެކެ ލޯބިނުވާތީއެވެ." ފިރިމީހާ ގާތުގައި ބުނާނެއެވެ. "އުނދުޅިއެއް އެއީ އެހައިބަރު އެއްޗެއްވެސް ނޫނެއް ނޫންހެއްޔެވެ؟ މިހައިބަރުކޮށް އުޅޭއިރުވެސް މަށަށް އުނދަގޫނުކޮށް އަމިއްލައަށް ނުގަނެ އެހުންނަނީ ހަމަ މަށަށް ބުރަކުރުވަންވެގެންނެވެ."
ދެމަފިރިންވެސް މިބުނި ފަދަ ޙާލަތަށް ބިރުވެތިވާށެވެ! ދިރިއުޅުން ސަލާމްތަކުރެވޭނީ އެއިރުންނެވެ. އުފާވެރިކަމާއިއެކު ޒަވާޖީ ހަޔާތް ކުރިއަށް ގެންދެވޭނީ އެއިރުންނެވެ. ވިސްނުންތެރިކަމާއިއެކު މަސައްކަތްކޮށްފިނަމަ ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން