އަޅުގަނޑުގެ ފިރިމީހާ ފެންނަ ވަޤުތު ލޯބިން ގޮވާލުމުން ފަހަރިން ވަރަށް ރުޅިއާދެއެވެ. އެއީ ކުށެއްތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެއީ ކުށެއް ނޫނެވެ. ފަހަރިންނާއިއެކު އެމީހުންގެ ގޭގައި ދިރިއުޅޭނަމަ އެންމެ ރަނގަޅު ގޮތަކީ އެމީހުން ރުޅިއަންނަ ކަންކަން ނުކުރުމެވެ. ފަހަރިން ތިބޭ ތަންތަނުގައި ބޮޑު ހިނިތުންވުމެއްދީފައި ދެމީހުން އެކަނިވީމާ ގިނަގިނައިން ލޯބިން ގޮވާށެވެ. އެކަމަކު ބުނަންތަ؟ އެކަމުގެ ފައިދާ ކުރާނީ ގޮވާގޮވުމަށްވުރެ ބޮޑަށް ޢަމަލުން ތެދުވެރިކަން، ވަފާތެރިކަން ދެއްކިއްޔާއެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
އަހަރެން މިދައްކަނީ ހަމަ އަހަރެންގެ އަމިއްލަ މައިންބަފައިންގެ ވާހަކައެވެ. ދުވަހަކުވެސް ބައްޕަ މަންމަ ގާތުގައި މަންމަދެކެ ލޯބިވާކަމަށް ބުނިއަޑެއް ނުއަހަމެވެ. ފަހަރެއްގައި އެހެން ބުނަނީ ސިއްރުންކަމަސްވެދާނެއެވެ. ކޮންމެއަކަސް އެދެމަފިރިން ދިރިއުޅުނީ ވަރަށް ލޯބިންނެވެ.
އެއީ އެދެމީހުން، އެކަކު އަނެކަކު ދެކެ ލޯބިވާކަން ދެމީހުންނަށްވެސް ޔަޤީންކުރެވޭތީކަމަށްވެސް ވެދާނެއެވެ! އެޔަޤީންކަން އެލިބެނީ ދުލުން އެވާހަކަ ނުދެއްކި ނަމަވެސް ޢަމަލުން އެކަން ސާބިތުކޮށްދޭތީކަމަށްވުންވެސް ކައިރިއެވެ.
ބުނަން ޖެހެނީ މިއަދު އެގޮތަށް އެކަންކޮށްގެން ނުފުދޭނެ ވާހަކައެވެ! ލޯބިވާވާހަކަ އެކަކު އަނެކަކަށް ބުނަން ޖެހެއެވެ. ގިނަގިނައިން ހާމަކުރަންޖެހެއެވެ. އެކަމުގެ ޑިމާންޑް އެހައިބޮޑުވެގެން މިދިއައީ ލޯބިވަމެވެ ބުނަމުންވެސް ޢަމަލުން އެކަން ސާބިތުކޮށް ދައްކައި ނުދެވޭތީކަމަށްވެދާނެއެވެ. ލޯބީގައި ވަފާތެރިކަމާއި އިޚްލާޞްތެރިކަން ކުޑަވުމުން ކަމަށްވެސް ވެދާނެއެވެ. މީގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެފަދަ ވާހަކަތައް ބުނުމުގެ ފުރުޞަތު ފަހިވެފައިވާ ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ!
ޒަވާޖީ ޙަޔާތް ކާމިޔާބުކުރުމަށްޓަކައި އެކި ދުވަސްވަރުކުރަންޖެހޭ ކަންކަން ތަފާތުވެގެންދާކަން އެއީ ޤަބޫލުކުރަންޖެހޭ ކަމެކެވެ. ކޮންމެ ޒަމާނެއްގައިވެސް އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާއަށް ބިރުވެތިވެ އެކަކު އަނެކަކަށްވަފާތެރިވުމެވެ. އިޚްލާޞްތެރިކަމާއިއެކު ލޯބިވުމެވެ! އެކަންކަން ފުރިހަަމ ނުކުރެވޭނަމަ ފޮނުވާ އައިލަވްޔޫ މެސެޖުތަކާ ބުނާބުނުންތަކާ އަދި ދޭ މާބޮނޑިތަކުން ކުރާނެ އެއްވެސް ފައިދާއެއް ހަމަނެތެވެ!
--މުފްތީ މެންކުގެ ދަރުސަކުން