އަޅުގަނޑުގެ މަންމައަކީ ގައިގަ ވަރުހުރި ދުވަހު އަވަށްޓެރިންނަށް މަސައްކަތްކޮށްދީ އެހީތެރިވެދީ އުޅުނު މީހެކެވެ. ޢުމުރުން މިހާރު 80 އަހަރުވެއްޖެއެވެ. ގައިބާރު ދެރަވެއްޖެއެވެ. އެންމެ ބޮޑަށް ދެރަވެގެން އުޅެނީ އަވަށްޓެރިންނަށް މަސައްކަތްކޮށް ނުދެވޭތީއެވެ.
މިޙާލަތުގައި މަންމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތަކީ ކިބައިތޯ؟
މުސްލިމުންނަކީ އެމީހަކަށް ވެވެން އޮތް މިންވަރަކުން އެހެން މީހުންނަށް (ހާލުގައިވާ މީހަކަށް) އެހީތެރިވާން ޖެހޭ ބައެކެވެ. އެހެންކަމުން މުސްކުޅިވެ ގައިބާރު ދެރަވުމުގެ ސަބަބުންނަމަވެސް އަދި އެނޫން ސަބަބެއް މެދުވެރިވެގެން ނަމަވެސް އެހެން މީހަކަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދެވެން ނެތް ޙާލަތުގައިވެސް ދުނިޔޭގައި އެތައް ބައިވަރު ބައަކު އުޅެއެވެ.
އެހެންކަމުން އަބޫޛައްރުގެފާނު ވަނީ އެފަދަ މީހުން އެހެން މީހުންނަށް އެހީތެރިވެދޭނީ ކޮންގޮތަކަށްތޯ؟ ނުވަތަ އެފަދަ ހާލެއްގައި ހުރި މީހަކަށް އެހެން މީހަކަށް އެހީތެރިވާން ކުރެވޭނީ ކޮންކަމެއްތޯ؟ ރަސޫލް (ﷺ)ގެ އަރިއަހުން ސުވާލު ދަންނަވައިފައެވެ.
ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ އެފަދަ މީހަކު ނަމަ އެހެން މީހުންނަށް އުނދަގޫވާނެ، ގެއްލުންލިބޭނެ ކަންކަން ނުކޮށް ހުރުމަށެވެ.
މިއަދު އަހަރެމެންގެ ޙާލަތަކީ ކޮބައިހެއްޔެވެ؟ ކިތަންމެ މުސްކުޅިވީނަމަވެސް އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަނެ ނުބައިބަސްތައް ބުނުން މިވަނީ ޢާންމުކަމަކަށްވެފައެވެ. ދޮގުވާހަކަތައް ދެއްކުމާއި ދެބައުޑުވުމާއި ޣީބަ ބުނުން މިވަނީ ޢާންމުވެފައެވެ. މީހަކަށް ހެޔޮކަމެއް ކޮށްދިނުމުގެ ޤާބިލުކަން ތިމާގެ ކިބައި ނެތްއިރު ތިމާގެ ދުލުގެ ނުބައިކަމުން މީސްތަކުން އެބަ ސަލާމަތްކުރެވޭ ހެއްޔެވެ؟
މައުޟޫޢު ފެށިގެން އައި ގޮތުން މުސްކުޅިވެ ގައިބާރުދެރަވެފައިވާ މީހުންގެ މިގޮތަށް ފާހަގަކުރިނަމަވެސް ގައިބާރުހުރި މީހުންނާއި ޒުވާނުންވެސް މިކަންކަމަށް ވިސްނާށެވެ! ބުނެވޭ ނުބައި ބަސްތަކުގެ ސަބަބުން ނަރަކައަށް ވެއްޓިގަންނަ މީހަކު ކަމުގައި ނުވާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން