ދަރިންދެކެ ލޯބިވާ މައިންބަފައިންނަކީ ދަރިންގެ ޙައްޤުގައި އަލިފާންގަނޑަކަށްވެސް އަދި ފުންކަނޑަށްވެސް ފުންމާލަން ފަސްޖެހޭނެ ބައެއް ނޫނެވެ. ނަމަވެސް އެމީހުންގެ ދަރިފުޅު އަލިފާނަށް ނުވަތަ ކަނޑަށްވިޔަސް އެއްލައެއް ނުލާނެއެވެ. އެންމެ ކުޑަމިނުން ދަރިންނަށް ދެރައެއް ލިބިދާނެ ކިތަންމެ ކުޑަކަމެއްވެސް ނުކުރާނެއެވެ.
ނަމަވެސް މިއަދު މިފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ނަރަކައިގެ އަލިފާނުގެ ހޫނު 70 ގުނައަށް ގަދަވާނެކަން އެނގިތިބެވެސް އެއްބައަކު އެމީހުންގެ ދަރިން އެގެންދަނީ ނަރަކައަށް އުކަމުންނެވެ. އެމީހުން ހިތުން އެމީހުންކުރާ ކަމަކީ ދަރިންނަށް މޮޅުގޮތް ހޯދައިދިނުމެވެ. ނަމަވެސް ވެއްޓެމުން ދަނީ ނަރަކައަށެވެ.
ވިސްނާށެވެ! ކޮންމެ މަންމައަކާއި ބައްޕައަކުވެސް އެންމެ ބޮޑަށް އެދޭނެ ކަމަކީ އެމީހުންނާއި އެމީހުންގެ ދަރިން ނަރަކައިން ސަލާމަތްވުމެވެ. ﷲ ތަޢާލާއަށާއި ޤިޔާމަތް ދުވަހަށް ބިރުވެތިވާ ކޮންމެ މީހަކީވެސް އެކަމަށް އެދިގެން ގަދައަޅައި މަސައްކަތްކުރާނެ މީހެކެވެ.
އެހެންކަމުން ދަރިން ނަރަކައިން ސަލާމަތް ކުރުމަށްޓަކައި ބާލިޣްވުމުން ދަރިންނަށް އެކަން އަންގައި ޒިންމާދާރުކަމާއިއެކު މަސްއޫލިއްޔަތު އުފުލަންޖެހޭނެކަން އަންގައިދިނުމަކީ މައިން ބަފައިންގެ މައްޗަށް އޮތް އެންމެ ބޮޑު އެއް ވާޖިބެވެ. އެއީ ކޮންމެ ގޮތަކުން ނަމަވެސް އަދާކުރަންޖެހޭނެ އެންމެ ބޮޑު ޒިންމާވެސްމެއެވެ.
ބައެއް ޢާއިލާތަކުގައި ދަރިން ބޮޑެތިވެ ކައިވެނިކޮށް ދަރިންނަށް ދަރިންލިބޭއިރުވެސް އެއީ ކުޑަކުދިންގެ ގޮތުގައި އެބަ ބަލައެވެ. ޢާއިލާއަކުން އެގޮތަށް އެކަން ބެލި ނަމަވެސް ބާލިޣްވުމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުގައި އެއީ ހަމަ ޒިންމާދާރުވާނެ ޖެހޭނެ ބޮޑު މީހެކެވެ. ވާޖިބުތައްވެސް އަދާކުރަން ޖެހޭނެއެވެ. ކުށެއް ކޮށްފިނަމަ ޢަޛާބުވެސް ދެއްވަވާނެތެވެ! ހަމަ ބޮޑު މީހަކު ފަދައިންނެވެ.
ދަރިން ބާލިޣްވުމުން ވެސް އެދަރިން ކުޑަކުދިންގެ ގޮތުގައި ބަލައި ލޯބިން ގެންގުޅުމާއި ކިޔަވައިދިނުމާއި މިފަދަ ކަންކަން ޢާއިލާތަކުން ކޮށްދިނުމަކީ ހަމަ ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް މައްސަލަ މިއުފެދެނީ ދީނީ ވާޖިބުތައް އަދާކުރަން ޖެހުމާއި އަދަބު ތަންފީޒުކުރުމުގެ ކަންކަމުގައެވެ. މިސާލަކަށް ބާލިޣްވުމާއި ހަމައިން އެ ކުއްޖަކު އެދަނީ ނަމާދަށް، ރޯދައަށް ދަރަނިވެރިވަމުންނެވެ. ފާހިޝް އަމަލެއް ކުރެވިއްޖެ ނަމަ ފާފަވެރިވާނެއެވެ.
އަމިއްލައަށް ޢާމްދަނީ ނުލިބޭތީ ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ. ޙައްޖުވެސް ވާޖިބެއް ނުވާނެއެވެ. ޒަކާތް ދެއްކުމާއި ޙައްޖު ވާޖިބުވާނީ އެމީހަކަށް އެފަދަ ތަނަވަސްކަމެއް ލިބުމުންނެވެ. ނަމަވެސް ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވުމާއި ފަރުޟު 5 ނަމާދުކުރުމާއި ރޯދަ ހިފުމާއި ޙަރާމް ކަންކަމުން ދުރުހެލިވުމަކީ އުފުލަންޖެހޭނެ މަސްއޫލިއްޔަތެކެވެ.
ބައެއް މައިން ބަފައިންނަށް ވިސްނިފައި އޮންނަނީ ނަމާދު ކުރުމަކީވެސް ހައި ސްކޫލާއި ކޮލެޖާއި ޔުނިވަރސިޓީ ނިމި ވަޒީފާ އަންބަކުވެސް ލިބި އަމިއްލަ ދިރިއުޅުމަކަށް ފެށުމުން ކުރަން އޮންނަ ކަމެއް ކަމަށެވެ. ހަމަހިލާ އެހެނެއް ނުވާނެއެވެ. ބާލިޣްވީންސުރެ ނަމާދަށް ދާނީ ދަރަމުންނެވެ. ނަމާދު ނުކުރާނަމަ ދީނުން ބޭރުވެސް ވާނެއެވެ.
ލޮބުވެތި މައިން ބަފައިންނޭވެ! ދަރިން ބާލިޣްވުމުން ނަމާދު ނުކުރާނަމަ އެދަނީ ނަމާދަށް ދަރަމުންނެވެ. އެއްގޮތަކަށްވެސް ނަމާދު ނުކުރާނަމަ ދީނުން ބޭރުވެދާނެއެވެ. އަލުން އިސްލާމްވާން ޖެހޭ ހިސާބަށް ކަންތައްތައް ހިނގައިދާނެއެވެ. ނިކަން ވިސްނައިބަލާށެވެ! ބައެއް ޙާލަތްތަކުގައި ތިބާ އެބަ ނަމާދުކުރެއެވެ. ނަމަވެސް ދަރިފުޅު ސަޖިދަ ނުކުރުމުގެ ސަބަބުން އެދަނީ ދީނުން ބޭރުވެގެންނެވެ! މިފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ.!
ހުރިހާ ކުދިންވެސް މިކަމަށް ސަމާލުކަން ދޭށެވެ! ބާލިޣްވުމަށްފަހު މިއަދު މަރުވި ނަމަވެސް ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެއެވެ! ޖަވާބުދާރީވާން ޖެހޭނެއެވެ. މަންމަ ނުވަތަ ބައްޕަގެ ބޮލުގައި ކަންކަން އަޅުވައި ނިންމައެއް ނުލެވޭނެއެވެ. ވީމާ އެންމެ ކުޑައިރުންސުރެ ނަމާދުކުރަން ގަދައަޅައި މަސައްކަތް ކުރާށެވެ!
މިމައުޟޫއަށް އެތައް ފަހަރަކު ދަރުސްދީފީމެވެ. ތަކުރާރުކުރަން މިޖެހެނީ މިސްކިތުން ފެންނަ ކުދިންނާއި ޒުވާނުންގެ އަދަދު ހަމަ މަދުކަމުންނެވެ. މިކުރެވެނީ ކިހައިވަރެއްގެ ކަމެއްކަން ނުއެނގި ތިބެ ފާހިޝް އަމަލުތައް ވެސް ކުރެވުން އިތުރުވަމުން އަންނާތީއެވެ. މިދެވޭ ނަޞޭޙަތްތަކަށް އަމަލުކުރެވޭތަން ފެންނަ މިންވަރު ހަމަ ކުޑަކަމުންނެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން