ޤަބޫލުކުރިޔަސް ނުކުރިޔަސް ބިސްމިﷲ ކިޔުމުގައި ގިނަބައަކު މިވަނީ ވަރަށް ފަހަތުގައެވެ. އެއީ ހަމައެކަނި ކާންފަށަމުން ކުރަން އޮތް ކަމަކަށް ހަދައިގެން އުޅެމުން އައިސް މިހާރު އެކަންވެސް މިއޮންނަނީ ނުކުރެވިފައެވެ. އެކަމަކު މިބުނަނީ ކުރަން ބޭނުންވާ ކޮންމެ ކާމިޔާބުވުމަށް ބޭނުންވާ ކަމަށެވެ. އެހެންވީމާ މިދެކަންތައް ގެންގޮސް ގުޅުވާނެ ގޮތެއްނިކަން ބުނެދީބަލާށެވެ.
ރަސޫލް ﷺ އަށް ﷲ ތަޢާލާ އެންމެ ފުރަތަމަ ވަޙީ ކުރެއްވެވީ اقْرَأْ އެވެ. ޖަވާބުގައި އިތުރު އެކަލޭގެފާނި ޙަދީޘްފުޅުކުރެއްވެވީ ތިމަންކަލޭގެފާނަކީ ކިޔަވާ ވިދާޅުވާ ބޭކަލަކު ކަމުގައި ނުވަމުއެވެ. އެކަން ތަކްރާރުވެގެންވެސްދިއައެވެ.
ދެން ވަޙީ ކުރެއްވެވީ:
﴿1﴾ اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ
"ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމްފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ."
މިއީ އާދައިގެ ކަމެއްގެ ވާހަކައެއް ނޫނެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ކިޔަވައިވިދާޅުވަން އެނގިވަޑައިގަންނަވާ ބޭކަލެއް ނޫނެވެ. ނަމަވެސް ޢާލަމްތަކުގެ ވެރި ﷲ ތަޢާލާގެ އިސްމްފުޅުން ފެށްޓެވުމުން އެކަލޭގެފާނު ވެވަޑައިގެންފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ޢިލްމުވެރިޔާކަމުގައެވެ.
މީގެ މާނައަކީ ކޮންމެ ކަމެއް ކުރަން ފެށުމުގެކުރިންވެސް ބިސްމިﷲ ކިޔައިގެން އެކަމެއް ކުރަން ފެށުމަށް އެންގެވުމެވެ.
ހަމައެފަދައިން އެއްވެސް މީހަކަށް އަދި އެއްވެސް އެއްޗަކަށް ތިބާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެ ދުޢާވެސް އެބައޮތެވެ. ފަށަން އޮތީ ހަމަ ބިސްމިﷲ އެވެ. މާނައަކީ ﷲ ތަޢާލާގެ އިސްމްފުޅުގެ މަތިވެރިކަން ބޭނުންކޮށްގެން ދުޢާކުރުމުން ތިބާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެ ކަމެވެ.
بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ
ވީމާ މިހިރީ އަހަރެމެންގެ ދިރިއުޅުމުގައި އަބަދުވެސް ހިފަހައްޓަންޖެހޭނެ ކަންކަމެވެ. ﷲ ތަޢާލާގެ ނަންފުޅުން ނޫނީ އެއްވެސް އެއްވެސް ކަމެއް ނުކުރާށެވެ! އެންމެކުޑަމިނުން ގޭގެ ދޮރުހުޅުވައިލުންނަމަވެސް މެއެވެ. އަދި އަބަދުވެސް މިދުޢާ ކުރަމުން ގެންދާށެވެ! ތިބާއަށް އެއްވެސް ގެއްލުމެއް ދެވޭނެ އެއްވެސް މީހެއް، ފަރާތެއް ނުވެއެވެ.
ޚުލާޞާޢަކީ ﷲ ތަޢާލާ މަތިވެރިކުރުންމަތީގައި ހުންނާށެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ކާމިޔާބު ކުރެވޭނެއެވެ. އަދި ތިބާއަށް ރައްކައުތެރިކަންވެސް ދެއްވަވާނެތެވެ! އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން