ތިބާއަކީވެސް ﷲ ތަޢާލާގެ ގެ ލޯބިފުޅުގެ ނޫރުން ފޭރާން ކުރައްވަވާނެ މީހަކަށްވުމުގެ އެފުރުޞަތު ތިބާއަށްވެސް އެބައޮތް! ޢަމަލުކުރަންވީ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ތިބާއަކީވެސް ﷲ ތަޢާލާގެ ގެ ލޯބިފުޅުގެ ނޫރުން ފޭރާން ކުރައްވަވާނެ މީހަކަށްވުމުގެ އެފުރުޞަތު ތިބާއަށްވެސް އެބައޮތް! ޢަމަލުކުރަންވީ ގޮތް-

ކޮންމެ މީހަކުވެސް ބުނާނީ ތިމާ އެންމެ ބޮޑަށް ބޭނުންވަނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ކަމަށެވެ. ނަމަވެސް ސުވާލަކީ އެކަން ހޯދަން އެބަ މަސައްކަތް ކުރެވޭ ހެއްޔެވެ؟ ވީމާ ރަނގަޅަށް ވިސްނައި ކަނުލައި އަޑުއަހާށެވެ!  

ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން މީހަކަށް ލިބުމަކީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނިޢްމަތެވެ. ﷲ ތަޢާލާ މީހަކު ދެކެ ލޯބިވެވޮޑިގަތުމުން އެކަލާނގެ ލޯބިފުޅުގެ ނޫރުން އެމީހާ ފޭރާން ކުރައްވަވަތެވެ. މިއީ އިންސާނަކަށް ލިބޭނެ އެންމެ އަގުބޮޑު ފޭރާމެވެ. ކިތަންމެ ގިނަ އަދަދެއްގެ ބިލިއަން ޑޮލަރު ޚަރަދުކުރި ނަމަވެސް އެ ފޭރާން ގަންނާކަށް ނުލިބޭނެއެވެ. އެ ފޭރާން ލިބެން އޮތީ ހަމައެކަނި ތަޤްވާވެރިކަމުންނެވެ.  

ދެން އެހިސާބުން ކަންތައްވާ ގޮތް އެނގޭ ހެއްޔެވެ؟ އެމީހާގެ ކިބައިން ދުނިޔޭގެ ޝައުޤްވެރިކަން ނެތިގެންދާނެއެވެ. ކުރާ ކޮންމެ ކަމެއްގައިވެސް ﷲ އަށް ބިރުވެތިވުމާއި އިޚްލާޞްތެރިކަން ކުރިއަށް ނެރެވެން ފަށާނެއެވެ.  

ވިސްނައިލުން މުހިންމު ކަންކަން އެބަހުއްޓެވެ. އެގޮތުން އެއް ކަމަކީ ﷲ ތަޢާލާ ދެކެ ލޯބިވަމެވެ ބުނުމުން އަދި އެކަމެއް ނުވާނެ ކަމެވެ. ﷲ ތަޢާލާ ދެކެ ލޯބިވާނަމަ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންވާނެއެވެ. މާނައަކީ ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަމެއް ނުކުރާނެއެވެ. އަދި އަމުރުފުޅު ކުރައްވަވާފައިވާ ހުރިހާ ކަމެއް ވީހައި ފުރިހަމައަކަށް ކުރާނެއެވެ.  

މިހެން ބުނުމުން ބައެއް މީހުން ބުނެފާނެއެވެ. ކާފިރުން ކާފިރުންގެ ގޮތުގައި އުޅެނީ އަދި މުސްލިމުން މަގުފުރެދިގެންދަނީ ﷲ ތަޢާލާ ލޯބިފުޅުވެވޮޑިނުގަންނަވާތީ ނޫން ހެއްޔެވެ؟ އަހަރެންގެ ކުރިމަތީގައި އެއީ ހަމަ ކުފުރުގެ ބަހެކެވެ. ސަބަބަކީ ﷲ ތަޢާލާގެ ލޯބިފުޅު ވެސް ޙާޞިލު ކުރެވޭނީ އެކަމަށް އެދިގެން އެމީހަކު މަސައްކަތް ކުރުމުން ކަމެވެ. އެކަމަށް މަސައްކަތް ކުރުމަށް ﷲ ތަޢާލާ ވަނީ އެންމެހައި މީސްތަކުންނަށް އަމުރުފުޅު ކުރައްވަވައިފައެވެ. އެ މަސައްކަތް ކުރަންވީ ގޮތްތައްވެސް ވަނީ ވަޙީ  ކުރައްވަވައިފައެވެ. ވީމާ ﷲ ތަޢާލާގެ ލޯބިފުޅުވެވޮޑިގަތުން ހޯދަން މަސައްކަތް ނުކުރާ މީހަކު އެކަމަށް ކުރަން އޮންނާނީ ކޮން ޝަކުވާއެއް ހެއްޔެވެ!   

ބައެއް މީހުންގެ ހިތުގައި ވަރަށް ގިނައިން އުފެދޭ އެއް ސުވާލަކީ ﷲ ތަޢާލާ ތިމާ ދެކެ ހަމަ ލޯބިވެވޮޑިގަންނަވާ ހެއްޔެވެ؟ އެކަން އަހަރެންނަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟ މިކަން އޮޅުންފިލުވުމުގެ ޝައުޤުވެރިކަން ބޮޑުވުމުން މިފަދަ ސުވާލުތައް ދީނީ ޢިލްމުވެރިންނާއިވެސް ކުރެއެވެ.  

އެ ސުވާލު ތަކުގެ ޖަވާބު ހޯދަން އެންމެ ފަސޭހަވާނީ ހަމަ އެމީހަކު އަމިއްލަ އަށެވެ. ތަނެއްގައި ރަނގަޅަށް ހަމަ ޖެހިލުމަށްފަހު ވިސްނައިލާށެވެ! ތިމާގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އޮތް މިންވަރަކާއިމެދުގައެވެ. ހަމަ ހަޤީޤަތުގައިވެސް ތިމާ ﷲ ތަޢާލާ ދެކެ ލޯބިވަމުތޯއެވެ! 

އެ ސުވާލުގެ ޖަވާބަކީ އާނއެކެވެ! އަހަރެން ﷲ ތަޢާލާ ދެކެ ލޯބިވަމެވެ! އަހަރެންގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އެބަ އޮތެވެ! ކަމަށްވާނަމަ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. އެހެނީ އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑި ނުގަންނަވާ މީހަކަށް ﷲ ތަޢާލާ ދެކެ ލޯތްބެއް ނުވެވޭނެއެވެ. އެއީ ކުރެވޭނެ ކަމެއް ނޫނެވެ.  

ހަމަ އެއާއެކު ތިމާއަށް އެހެން މީހުންނާއިމެދު މުޢާމަލާތުކުރެވޭ ގޮތަށްވެސް ވިސްނައިލަންވާނެއެވެ. ﷲ ތަޢާލާ ދެކެ އިޚްލާޞްތެރި ކަމާއިއެކު ލޯބިވާ މީހަކު އެހެން މީހުންނަށް ލޯބިކުރާނެއެވެ. އޯގާތެރިވާނެއެވެ. ދީލަތިވާނެއެވެ. ހިތްހެޔޮވާނެއެވެ. އިންޞާފުވެރިވާނެއެވެ. އަނިޔާވެރިއެއް ނުވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން