ކޮންމެ ކަމެއް ކުރިނަމަވެސް ކޮންމެ މީހަކުވެސް ބަލާނީ އެކަމެއް ކުރުމުން ތިމާއަށް ލިބޭނެ ނުވަތަ ކުރާނެ ފައިދާއަށެވެ! އިސްކަން ދޭން ބޭނުންވާނީ އެކަމަކުން އެންމެ ގިނަ ނުވަތަ އެންމެ ބޮޑު ފައިދާ ލިބޭނެ ކަންތައް ކުރުމަށެވެ. އެކަން އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ.
އެގޮތުން ބަލާއިރު އާޔަތުލް ކުރުސި ކިޔެވުން ގިނަ ކުރުމަކީ މީހަކަށް ކުރެވޭނެ އެންމެ ފައިދާހުރި އެއްކަންތަކެވެ. ސަބަބުތައް މިކިޔައިދެނީއެވެ.
ޙަދީޘުން އެނގެން އޮތް ގޮތުގައި އާޔަތުލްކުރުސިއަކީ ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރި އާޔަތެވެ. އާޔަތް ކިޔަވައިގެން ޙާޞިލުކުރެވެން ނެތް ނިޢްމަތެއް ނުވެއެވެ. އެކަން އެނގިގެންދަނީ އަންނަނިވި ސަބަބުތަކުންނެވެ.
1 ޙަދީޘުން އެނގެން އޮތްގޮތުގައި ކޮންމެ ނަމާދަކަށްފަހު އާޔަތުލްކުރުސި ކިޔަވާ މީހަކާއި ސުވަރުގެ އާއިދެމެދު އޮތް ހުރަހަކީ އެމީހަކު މަރުވުމެވެ.
2 އާޔަތުލްކުރުސިގައި ﷲ ތަޢާލާގެ އެންމެ މަތިވެރި ނަންފުޅު ވެއެވެ. ވީމާ ކިޔެވުމުން އެމީހަކަށް ރަޙްމަތް ލައްވަވާނެތެވެ.
3 ފަތިސް ނަމާދަށްފަހު އާއި މަޣްރިބް ނަމާދަށްފަހު އާޔަތްކިޔަވާ މީހާއަށް ރައްކައުތެރިކަން ދެއްވަވަތެވެ.
4 ނިދުމުގެ ކުރިން އާޔަތްކިޔަވައިފިނަމަ ނިދީން ހޭލަންދެން އެމީހާގެ ޙިމާޔަތުގައި މަލާއިކަތަކު ބަހައްޓަވައިދެއްވަވަތެވެ. އެނގިގެން މިދަނީ އޭނާ ނިދާފައި އޮންނަ ވަގުތު ޝައިޠޯނުންނަށް އެމީހަކާއި ކައިރިވެސް ނުވެވޭނެ ކަމެވެ. ނަތީޖާއެއްގެ ގޮތުން ފަތިސް ނަމާދަށް ހޭލަން ފަސޭހަވެގެންދެއެވެ.
5 އާޔަތުލްކުރުސި ކިޔެވުމަކީ ދަސްކުރާ ތަކެތި ހަނދާން ނުނެތި ހިތުގައި ހަރުލާ ހުރުމަށް މަގުފަހިވާ ކަމެކެވެ.
6 ހެނދުނާއި ހަވީރު (ފަތިސްނަމާދާއި މަޣްރިބްނަމާދަށްފަހު) އާޔަތުލްކުރުސި ، އިޚްލާޞް ފަލަޤް ނާސް 3 ސޫރަތްކިޔެވުމަކީ އެސްފީނާ އާއި ސިހުރުން ސަލާމަތްވުމަށް އޮތް މަގެކެވެ.
އާޔަތުލް ކުރުސިއަކީ ބަޤަރާ ސޫރަތުގެ 255 ވަނަ އާޔަތެވެ.
﴿اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ﴾ [سورة البقرة ٢٥٥]
މާނައީ: "ﷲ އީ، އެއިލާހު ފިޔަވާ އަޅުކަން ޙައްޤުވާ އެހެން އިލާހަކު ނުވާ ފަރާތެވެ. (އެއީ) ދިރިދެމިވޮޑިގެންވާ، ދާއިމަށް ޤާއިމުވެވޮޑިގެންވާ އިލާހެވެ. އަވަހާރަފުޅު އައުމެއް އަދި އަވަހާރަފުޅު ލެއްޕެވުމެއްވެސް އެއިލާހަކަށް ނުވެއެވެ. އުޑުތަކުގައި ވާހާ އެއްޗަކާ އަދި ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ އެއިލާހަށެވެ. އެއިލާހުގެ އިޛުނަފުޅާ ނުލާ އެއިލާހުގެ ޙަޟްރަތުގައި ޝަފާޢަތްތެރިވާނޭ މީހަކީ ކާކު ހެއްޔެވެ. އެބައިމީހުންގެ ކުރިން (އެބަހީ: ޚަލްޤުތަކުންގެ ކުރިން) އިސްވެގޮސްފައިވާހާ ކަމަކާއި، އެބައިމީހުންގެ ފަހުން ވާނޭހާ ކަމެއްވެސް އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި އެއިލާހުގެ ޢިލްމުފުޅުގެ ތެރެއިން އެއިލާހު އިރާދަކުރެއްވިކަމެއް ފިޔަވާ، އެއްވެސް އެއްޗެއް އެބައިމީހުންނަކަށް އެނގިގެނެއް ނުވެއެވެ. އެއިލާހުގެ ކުރުސިކޮޅު، އުޑުތަކާއި ބިމުގެ އެންމެހާ ކަންކޮޅުތަކަށް ތަނަވަސްވެގެންވެއެވެ. އެ އުޑުތަކާއި ބިން ރައްކާތެރި ކުރައްވާ ހިފެހެއްޓެވުމަށް އެއިލާހުގެ ޙަޟްރަތަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި އެއީ އެންމެ މަތިވެރި އެންމެ މާތް އިލާހެވެ."
އާޔަތުލްކުރުސި ކިޔެވުމުން ލިބެން ނެތް ނިޠްމަތެއް ނެތްކަމަށް ބުނެވެނީ ދުނިޔޭގައި ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ލިބުމާއިއެކު ސުވަރުގެ ލިބުމުގެ މަގުފަހިވެފައި އޮތްމިންވަރު ބޮޑުކަމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން