ތިމާގެ އަނބިމީހާ އަޅުވެތިކޮށް ހިތުގަ ޖައްސުވަމުން ގެންދާއިރު އަނގައިން ނުބުނެ ހުންނާކަށް ﷲ ތަޢާލާ ފިރިންނަށް އަންގަވާފައެއް ނެތް!: މުފްތީ މެންކް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
ތިމާގެ އަނބިމީހާ އަޅުވެތިކޮށް ހިތުގަ ޖައްސުވަމުން ގެންދާއިރު އަނގައިން ނުބުނެ ހުންނާކަށް ﷲ ތަޢާލާ ފިރިންނަށް އަންގަވާފައެއް ނެތް!: މުފްތީ މެންކް

ފިރިމީހާގެ މަންމަގެ ސަބަބުން އަބަދު ހިތްދަތިކަމުގައި އުޅެންޖެހިފައިވާތީ ކަންބޮޑުވެ ސުވާލުތައް ކުރެއެވެ. އެހެންވެ ޖަވާބެއްގެ ގޮތުން ބުނެލަމެވެ. އެއްވެސް ކަމެއްގައި އެންމެން އެއްގޮތް ނުކުރާށެވެ! އުފަން މައިން ފަދަ އަދި އުފަން މައިންނަށްވުރެވެސް ހެޔޮ މައިދައިތައިންވެސް ތިބެއެވެ.  

ހަމައެއާއިއެކު ޖާހިލިއްޔަ ޒަމާނުގައި އަޅުންނަށް ކަންތައްކުރިގޮތަށް ކަންތައްކުރާ މައިދައިތައިންވެސް އެބަތިއްބެވެ. އެފަދަ މަންމައެއް ލިބިފައިވާނަމަ ދަރިން އަނބިމީހާގެ ދިފާޢުގައި ތެދުވެ މަސައްކަތްކުރަންވާނެއެވެ. އެކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

ބައެއް ޢާއިލާތަކުގައި މައިމީހާ މުޅި ޢާއިލާގެ މައްޗަށް ގަދަވެގަނެ ދަރިންގެ އަނބިން އަޅުވެތިކޮށްގެން އުޅޭއިރުވެސް، ބޭނުންހައި އެއްޗެއް އެމީހުންނަށް ގޮވަމުންދާއިރުވެސް "އަޅުކަމެއް" ކުރުމުގެ ގޮތުން މައިންނަށް އެއްވެސް ބަހެއް ނުބުނާ ދަރިން އެބައުޅެއެވެ.  

އަހަރެންގެ ސުވާލަކީ ތިބާގެ ބެލެނިވެރިކަމުގެ ދަށުގައިވާ ބައަކު އަޅުވެތިކޮށް، އެމީހުންނަށް ނުބައިބަސްބުނެ ހިތަށްއެރިހައި ގޮތަކަށް ކަންކަންކުރަމުން ގެންދާ މީހަކަށް ބަހެއް ނުބުނަން އޮތީ ކޮން އާޔަތެއްގައިހެއްޔެވެ؟

ޤުރްއާނުގައި އޮތީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. ވީމާ އެމީހުންނަށް ހެޔޮކޮށް ހިތާށެވެ. ރުޅި ނައިސް ހިނިތުންވެ ހުރެ އޯގާތެރިކަމާއިއެކު އެމީހުންނާއި ވާހަކަދައްކާށެވެ. ވާހަކަ ދައްކަން ފެށީމާ ރުޅިއައިސްގެން އަޑުގަދަކުރިނަމަވެސް ތިބާ ރުޅި ނުއަންނާށެވެ. ހިނިތުންވެ ހުރެ ވާހަކަދައްކާށެވެ. ކަންތައްތައް ތިއަކުރެވެނީ ރަނގަޅަށް ނޫންކަމަށް ބުނެދޭށެވެ.  

މައިންބަފައިންނަށް ހެޔޮކޮށް ހިތަންޖެހޭފަދައިން އަނބިމީހާއަށްވެސް ހެޔޮކޮށްހިތަންޖެހެއެވެ. އަނބިމީހާގެ ބެލެނިވެރިކަންވެސް އޮތީ ހަމަ ތިބާއަށެވެ. ވީމާ އަނބިންނަށް އިހާނެތިކޮށް ހިތަން ދޫކޮށްލައިގެން ނުވާނެއެވެ.  

ވަރަށް ކެރިހުރެގެން މިބުނަނީއެވެ. އަނބިމީހާއަށް ނުބައިކޮށް ކަންކަން ކުރަނީ ޢާއިލާގެ ކޮންމެ މީހަކު ނަމަވެސް އެކަން ހުއްޓުވަން ބުނަންޖެހޭ ބަސްބުނުމަކީ ފިރިމީހާގެ މައްޗަށް އޮތްވާޖިބެކެވެ. އެއީ ފިރިމީހާއަށް އަދާކުރަންޖެހޭ ޒިންމާއެކެވެ.  

މީގެ އަނެއްކޮޅުވެސް އެބައޮތެވެ. ކައިވެނިކުރުމަށްފަހު އަނބިން ވަރިކުރާ ފަދައިން މައިންބަފައިން "ވަރިކުރާ" ބައަކުވެސް އުޅެއެވެ. ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. 1000 ފަހަރު "ވަރިކޮށްފީމޭ" ބުނި ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. މައިންބަފައިން ކަނޑައަޅުއްވަވަނީ ﷲ ތަޢާލާއެވެ. ވީމާ މައިންބަފައިންނާ ދުރެއް ނުވެވޭނެއެވެ. އެމީހުންނަށް އަދާކުރަންޖެހޭ ޙައްޤުތައް ޖެހޭނީ އަދާކުރާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން