ނޫރުލް އަޛާން މުބާރާތް އަންނަ އަހަރު އިތުރަށް ފުޅާކުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިގޮތުން އަންނަ އަހަރު ރަށްރަށުގެ ބައިވެރިންނަށްވެސް ވާދަކުރެވޭ ގޮތަށް މުޅި ރާއްޖެއަށް މުބާރާތް ފުޅާކުރުމަށް ވަނީ ނިންމަވާފައެވެ.
ނޫރުލް އަޛާން 1446ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ "މި މުބާރާތަކީ ދީނީ ކަންކަމުގައި ކުދިންގެ ހުނަރު އިތުރަށް ކުރިއެރުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ މުބާރާތެއް" ކަމަށެވެ.
މިއަހަރުގެ މުބާރާތުގެ ރަންވަނަތައް ހާސިލްކުރި ބައިވެރިންނަށް ރަމަޟާން މަހު މާލޭގެ އެންމެ ބޮޑު ދެ މިސްކިތްކަމަށްވާ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ބަންގި ގޮވުމުގެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މުބާރާތުގެ ވަނަތައް
މި އަހަރުގެ މުބާރާތުގެ ވަނަތައް ހާސިލުކުރި ފަރާތްތަކަކީ:
- އެއްވަނަ: ސުލައިމް މުޙައްމަދު ލަޠީފް
- ދެވަނަ: ޙަމްޒާ ބިން ޙަސަން
- ތިންވަނަ: މުޙައްމަދު ހަނޫން ޙުސައިން
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޒުވާނުން މިފަދަ އެކި ރޮނގުތަކުން ކުރިއަށްދާ މަންޒަރު ފެނިގެންދާކަމީ އިސްލާމީ މުޖުތަމަޢުއަށް އުފާވެރިކަމެކެވެ. އަދި އެފަދަ ކުދިން ޚިޔާރުކޮށްފައި އެވަނީ ވަރަށް ހެޔޮ މަގެއްކަމަށްވެސް ވަޒީރު ސިފަކުރެއްވިއެވެ.