ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގެއްލުން ލިބިގެން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސަންޖެހިދާނެ ޙާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުން ރިޕޯޓްކުރާ ރަށްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ. މިގޮތުން ކ. ހުރާ އާއި ގުރައިދޫގައި ވަރަށް ބޮޑަށް ފެންބޮޑުވެ، އެހީތެރިކަމަށް އެދުމާ ގުޅިގެން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހީތެރިކަން ދިނުމުގެ އިންތިޒާމްތައް މިތިބީ ތައްޔާރުވެ. އަޅުގަނޑުމެންގެ ޓީމްތައް މެދުނުކެނޑި ދަނީ ހަރަކާތްތެރިވަމުން،" ހިސާން ވިދާޅުވިއެވެ.
މިއަދު ހެނދުނުން ފެށިގެން ކުރި ވިއްސާރައިގައި ދެކުނުގެ 4 އަތޮޅުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވާއިރު، އައްޑޫ ސިޓީގައި މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ފުރާޅު އެއްލާލުމުގެ ޙާދިސާތައް ހިނގާފައިވާކަމަށް އެންޑީއެމްއޭއިން ފާހަގަކުރެއެވެ.
މާލޭގައި ކުރިއާލާ ވެލިބަސްތާ ޖެހުމުގެ ސަބަބުން މިހާތަނަށް އެއްވެސް ގެއަކުން މީހުން ބަދަލުކުރަންޖެހޭފަދަ ހާލަތެއް ދިމާވެފައި ނުވިނަމަވެސް، ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހެމުންދާތީ އެފަދަ ހާލަތަކަށް ތައްޔާރަށް ތިބިކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އަދި ކުއްލި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީއަށް ވަގުތުން ރިޕޯޓްކުރުމަށް އާންމުންނަށް ގޮވާލާފައިވެއެވެ.