އަހުރެމެން ކޮންމެ މީހަކުވެސް މަސައްކަތްކުރަމުން މިގެންދަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. އެކަން ޙާޞިލުކުރެވޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބަހައްޓައިގެންނެވެ. ޢަމަލުތައް އެމަގުން ބެހެއްޓޭނީ އެމީހެއްގެ ކިބައިގައި ހުރުމަށް އަންގަވާފައިވާ ސިފަތައް އެމީހެއްގެ ގައިގައި ހަރުލެއްވިގެންނެވެ.
ﷲ ތައާލާ ވަނީ ކޮންމެ މީހެއްގެ ގައިގައިވެސް ހުންނަން ޖެހޭނެ 6 ސިފައެއް އެއް އާޔަތެއްގައި ވަޙީ ކުރައްވަވައިފައެވެ. އެއީ އެއީ އަން ނަޙްލް ސޫރަތުގެ 80 ވަނަ އާޔަތެވެ.
"ހަމަކަށަވަރުން، ޢަދުލު ވެރިވުމަށާއި، އިޙްސާންތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް ﷲ އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، މުންކަރާތް ތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް، ވަޢުޡް އިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ."
1- ޢަދުލުވެރިވުން 2- އިޙްޞާންތެރިވުން 3- ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް އެވަނީ އަމުރުފުޅުކުރައްވަވައިފައެވެ. 4- ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، 5- މުންކަރާތް ތަކާއި، 6- އަނިޔާވެރިވެ އުޅުން އެވަނީ ނަހީކުރައްވަވަވައިފައެވެ.
މިއާޔަތުގައި ފުރަތަމަވެސް އެވަނީ ޢަދުލުވެރިވުމަށެވެ. ޢަދުލުވެރިވުމުގެ އެންމެ މަތީދަރަޖައަކީ ﷲ ތަޢާލާއަށް އެންމެ ފުރިހަމަގޮތުގައި އީމާންވެ އެކަލާނގެ ނޫން ފަރާތަކަށް އަޅުކަން ނުކުރުމެވެ. ﷲ ތަޢާލާގެ އެންމެހައި އަމުރުފުޅުތަކަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމެވެ. ދިރިއުޅުމުގައި ދިމާވާ އެހެން ހުރިހާ ކަންކަމުގައި ޢަދުލުވެރިވުން އަންނާނީ އެއިގެ ފަހަތުންނެވެ.
ވިދިގެން އިޙްޞާންތެރިވުމަށް އެންގެވުމަށްފަހު ދެން އެއޮތް އެންގެވުމާއިމެދު ފުންކޮށް ވިސްނައިލާށެވެ. ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް އޮތް ބަސްފުޅަކީ ގާތް ތިމާގެ މީހުން ފެނުމުން ހިނިތުންވެލަން އެކަނި އޮތް ބަސްފުޅެއް ނޫނެވެ. އެއިން މީހަކަށް ކަމަކަށް ދަތިވެއްޖެނަމަ އެމީހަކަށް އެހީތެރިވެދޭންވެސް ޖެހޭނެއެވެ. ﷲ ތަޢާލާ އަންގަވާފައި އެވަނީ ތިބާއަށް ﷲ ތަޢާލާ ދެއްވެވި ތަކެތިން އެމީހުންނަށް ހޭދަކުރުމަށެވެ.
ދެން ވިސްނާލަންވި ކަމަކީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވަނީ އެންމެ 3 ކަންތައް ނޫންކަމާއި މިއީ މިއާޔަތުގައިވާ 3 ކަންތައް ކަމެވެ. " ހުތުރުކަން ބޮޑުވެގެންވާ ފާފަތައް" ކަމުގައި އެވަނީ ހަމައެކަނި ޒިނޭކުރުމުގެ ވާހަކައެއް ނޫނެވެ. އެންމެހައި ފާޙީޝް ޢަމަލުތައް ކުރުމާއި ފާޙިޝް ޢަމަލަކަށް މަގުފަހިވެދާނެ ކަންކަން ވެސް އެވަނީ ނަހީ ކުރައްވަވައިފައެވެ.
ވިސްނާލަންވީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާމީހާ އަބަދުވެސް ހުންނާނީ އުފަލުގައިކަމެވެ. އޭނާގެ މޫނު ހުންނާނީ ﷲ ތަޢާލާގެ ނޫރުފުޅުން ދިއްލި އުޖާލާވެގެންކަމެވެ. އަދި އެމީހަކަށް ތަޤްވާވެރިކަން މިންވަރުކުރައްވަވާނެ ކަމެވެ.
- މުފްތީ މެންކްގެ ދަރުސަކުން