ކީރިތި ރަސޫލާ (ޞޢވ) ދެކެ ލޯބިވާކަމަށްބުނާއިރު އެކަން ސާބިތުކުރަން ދެއްކޭނެ ތިބާގެ ކިބައިގައި ހުރީ ކޮން ސިފަތަކެއް ހެއްޔެވެ؟ އެ ސިފަތަ ބުނެދޭން ޖެހެއެވެ. މިއަދު ބުނެ ނުދިން ނަމަވެސް ބުނެދޭން ޖެހޭނެ ދުވަސް އަންނާނެއެވެ! އެއީ ޔަޤީން ކަށަވަރު ކަމެކެވެ. އެދުވަހަކީ ރީތި ފަށުވި އިބާރާތްތަކުން ވާހަކަތައް ދައްކައިގެން މިއަދު މީހުންގެ ލޮލުގައި އަނދުން އަޅުވާ ގޮތަށް ކަންތައްތައް ކުރެވޭނެ ދުވަހެއް ނޫނެވެ. އެދުވަހު ތިބާގެ ދުލުން ތެދެއް ނޫނީ ނުބުނެވޭނެއެވެ.
މާނައަކީ އެދުވަހަކީ ތިބާ ދޮގެއް ބުނެފިނަމަ ތިބާގެ ގުނަވަންތައް ތިބާ އާއި ދެކޮޅަށް ހެކިދީ ތިބާގެ ވާހަކަތައް ދޮގުކުރާނެ ދުވަސް ކަމެވެ. ދުނިޔަވީ ކަންކަމަށް ބެލި ނަމަވެސް މީހަކު ދެކެ ލޯބިވާނަމަ އެމީހެއްގެ ކިބައިގައި ހުންނަ ސިފަތައް ކޮޕީ ކުރެއެވެ. އެމީހާ ލައި އުޅޭ ގޮތަށް ހެދުންލައެވެ. އެމީހާގެ އަމަލުތަކާއި އެއްގޮތްވާގޮތަށް އަމަލުކުރަން މަސައްކަތްކުރުން ފަދަ ކަންކަން ކުރެއެވެ.
ވީއިރު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދެކެ ހަޤީޤީ ލޯބިވާނަމަ އެކަން ތިމާގެ އަމަލުތަކުން ދައްކަން ޖެހޭނެއެވެ. އެގޮތުން ކުރެވިދާނެ އެންމެ މުހިންމު ކަމަކީ އަނބިންނަށް ލޯބިކޮށް އެހީތެރިވުމެވެ. އަނބިން ކުރާ މަސައްކަތްތަކުގައި ބައިވެރިވުމެވެ. އެކަނބަލުންނަށް ލުއިކޮށް ދިނުމެވެ. ނިކަން ވިސްނައިބަލާށެވެ. ތިބާ ގޭގައި ހުރި ދުވަހެކެވެ. ޗުއްޓީ ދުވަހެކެވެ.
ތިބާ ފަތިސް ނަމާދުން އައިސް ނިދީއެވެ. ހޭލާއިރަށް އަނބިމީހާ އެހުންނަނީ ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައެވެ. ކުދިން ފެންވަރުވައި ސައިދިނުން ފަދަ ކަންކަން ކޮށްފައެވެ. ދެން ކުރަން ހުރި ކަންކަމުގެ ތެރޭގައި އެއްޗެތި ދޮވުމާއި މެންދުރށް ކެއްކުން އެބަ ހިމެނެއެވެ. އެއްޗެތި ދޮވުމެވެ ބުނާއި އެއީ މިޒަމާނުގައި އަތުންކުރާ ކަމެއް ނޫނެވެ. މެޝިނަސް އަޅައިލުމުން ހުރިހާ ކަމެއް ކުރަނީ މެޝިނެވެ. މެޝިން އެއިގެ މަސައްކަތްކޮށް ނިންމައިލީމާ ހިއްކަން އަޅައިލަ ދިނުމަކީ އެހައި ބުރަކަމަކީ ހެއްޔެވެ؟ މިހާރަކީ ބަދިގޭގައި ކައްކާ އިރެއް ނޫނެވެ. ކައްކަނީ ގޭގެ ސިޓިންގރޫމުގައެވެ. އަނބިމީހާ އަށް އެހީތެރިވެލައި ދިނުމަކީ އެހައި ބުރަކަމަކީ ހެއްޔެވެ؟ ނިކަން ވިސްނައިބަލާށެވެ!
އަނބިމާހާ އެކަނި މަސައްކަތް ކުރާނަމަ މެންދުރު ނަމާދު ވަގުތަށް ނުނިންމޭނެ މަސައްކަތްތައް ތިބާގެ އެހީތެރިކަމުން އަވަހަށް ނިމި ފެންވަރާލައިގެން މެންދުރު ނަމާދު ކުރުމުގެ ފުރުޞަތު އަނބިމީހާއަށް ހޯދައި ދެވިއްޖެނަމަ ތިބާއަށް ލިބޭނެ މަތިވެރި ސަވާބު ނިކަން ހިތަށް ގެނެސް ބަލާށެވެ! ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ އެކަލޭގެފާނުގެ އަނބިއަނބި ކަނަބަލުންނަށް އެހީތެރިކަން ފޯރުކޮށްދެއްވެވުމުގައި މުޅި އުންމަތަށް ނަމޫނާ ދައްކަވައިފައެވެ.
ވީއިރު އިތުރު މާތް ނަބިއްޔާ (ޞޢވ) ދެކެ ލޯބިވާކަމަށް ބުނާނަމަ އިތުރު މާތް ނަބިއްޔާ (ޞޢވ)ގެ ސުންނަތަށް އަމަލުކުރަން ޖެހޭނެއެވެ. އެފަދަ މީހެއްކަން ޢަމަލުތަކުން ދައްކަން ޖެހޭނެއެވެ. ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. "މިހާރުގެ ބައެއް ފިރިހެނުންނަށް ހީވެފައި އޮންނަނީ ތިމާގެ ސިފަ ވަކި ގޮތަކަށް ބަހައްޓައި ވަކި ގޮތަކަށް ހެދުންލައި ޖީބުގައި ވަކިކަހަލަ ދަނޑިކޮޅެއް ގެންގުޅުމުން އެއީ ސުންނަތަށް ޢަމަލުކޮށް ނިމުނީ ކަމަށެވެ. އެފަދައިން ހީކުރާ މީހުންނަށް ދެންމެ މިކިޔައިދިން ކަންކަން މިއީ ކިހައި މުހިންމު ސުންނަތްކަން އެނގޭ ކަމަކަށް ނުވެއެވެ!. ނަމަވެސް ފުރިހަމަ މުސލިމަކަށް ވެވޭނީ ބޭރުފުށުގެ ސިފަ އާއިއެކު ތިމާ ކުރާ އަމަލުތައްވެސް އިތުރު މާތް ނަބިއްޔާ (ޞޢވ)ގެ ސުންނަތާއި އެއްގޮތަށް ބަހައްޓައިގެންނެވެ." --އިސްލާމީ ތިލަފަތުގެ ދަރުސަކުން