ބައިވެރިޔާއަށް ކުށެއް ކުރެވުމުން ﷲ އަށްޓަކައި މާފުކޮށްފި މީހަކަށް ދުނިޔޭގައިވެސް ދެއްވަވާނެ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ބައިވެރިޔާއަށް ކުށެއް ކުރެވުމުން ﷲ އަށްޓަކައި މާފުކޮށްފި މީހަކަށް ދުނިޔޭގައިވެސް ދެއްވަވާނެ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

ބައެއް މީހުން ދެކޭ ގޮތުގައި ޙަޔާތުގެ ބައިވެރިޔާއަށް ނަމަވެސް ކުށެއް ކުރެވިއްޖެނަމަ އެކަމަށް މާފްކުރުމަކީ ތިމާގެ ދަރަޖަ ވެއްޓިގެންދާ ކަމެކެވެ. ތިމާގެ ހައިބަތުކުޑަވެ ދަރަޖަ ތިރިވާ ކަމެކެވެ. އެހެން ކިތަންމެ ކުޑަ ކަމެއްގައި ނަމަވެސް މާފުކުރަން ބޭނުން ނުވާ މީހުން އެބައުޅެއެވެ.  

މިއީ ވަރަށް ދެރަ ކަމެކެވެ. އަހުރެން ބުނާނީ ބައިވެރިޔާއަށް ކުރެވުނު ކުށުގެ ކުޑަބޮޑުމިނަށް ނުބަލާށެވެ. އެކަމުން ލިބުނު ގެއްލުމަށްވެސް ނުބަލާށެވެ! ބައިވެރިޔާ މާފަށް އެދިއްޖެނަމަ އެކަމުން އެނގިގެންއެދަނީ އޭނާއަށް ކުރެވުނީ ކުށެއްކަމަށް އޭނާ ޤަބޫލުކުރާކަމެވެ. އަދި އެކަމަށް ޢޭނާ ދެރަވާ ކަމެވެ. 

އެހެނެއް ނޫނެވެ. އެފަދަ ކުށެއް އިތުރަށް ނުކުރަން ޝަރުޠު ކުރުވިދާނެއެވެ. އެޝަރުޠު ޤަބޫލުކުރާނަމަ މާފުކުރަން ހިނދުކޮޅަކަށްވެސް ލަސްނުކޮށް އަވަހަށް މާފުކުރާށެވެ! މާފުކުރަންވީ ބައިވެރިޔާއަށްޓަކައެއް ނޫނެވެ. ﷲ ތަޢާލާއަށްޓަކައެވެ. ﷲ ތަޢާލާއަށްޓަކައި މީހަކަށް މާފުކޮށްފިނަމަ ﷲ ތަޢާލާ ދެއްވަވާ ބަދަލު މާފުރިހަމަވާނެއެވެ.  

މިތަނުގައި ބައިވެރިޔާގެ ވާހަކަ ފާހަގަ މިކުރީ ޚާއްޞަ ސަބަބަކަށްޓަކައެވެ. އެއީ ބައިވެރިޔާއަށް މާފުކުރުމުގައި ދީލަތިވުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރަށް ލިބެން އޮތް މަގަކަށްވާތީއެވެ. ދެމަފިރިން ލޯބިން އެކުގައި އުޅެ ކައިވެނި ދެމެހެއްޓުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ޢަމަލަކަށްވާތީއެވެ.  

މިގޮތަށްވެސް ވިސްނާށެވެ! މީހެއްގެ ލޯތްބާއި ރުހުން ބޭނުންވާނަމަ އެމީހަކު ރުހޭނެހައި ކަންކަން އަހުރެމެން ކުރަމުއެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ބޭނުންވާމީހާ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާނެ ކަންކަން ކުރަން ސަމާލުކަންދޭންޖެހޭނެ މިންވަރު ހިތަށް ގެންނާށެވެ! 

ޝައްކުނުކުރާށެވެ! ﷲ ތަޢާލާއަށްޓަކައި ބައިވެރިޔާއަށް މާފުކޮށްފިނަމަ އެމީހަކަށް ﷲ ތަޢާލާ ލައްވަވާނެ ރަޙްމަތް މާބޮދުވާނެ ކަމާއިމެދުގައެވެ. ޤިޔާމަތް ދުވަހުގެ އިތުރުން ދުނިޔޭގައިވެސް އެމީހަކަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން