ކޮންމެ ކަމެއް މެދުވެރިވުމުން ޒަމާން ފަސްވުމުގެ ބޮލުގައި އެޅުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އިސްލާމް ދީނުގައި ކުރަން އަންގަވާފައިވާ އެއްވެސް ކަމަކީ ވަކިޒަމާނެއްގައި ކުރަން އަންގަވާފައިވާ ކަމެއް ނޫނެވެ. ހުރިހާ ޒަމާންތަކުގައިވެސް ކުރަން އަންގަވާފައިވާ ކަންކަމެވެ. ވީމާ ޖެހިގެން މިއުޅެނީ ޒަމާނުގެ މައްސަލައެއް ނޫނެވެ. މީސްތަކުން ނުކިޔަމަންތެރިވުމުގެ މައްސަލައެކެވެ.
ބުނެވެއެވެ. "އަހުރެން ކުރަން ބޭނުންވި އެއްވެސް ކަމެއް ނުކުރެވިގެން އުޅެނިކޮށް ނުވަތަ ގިނަ ކަންތައްތަކެއް ނުކުރެވިގެން އުޅެނިކޮށް ދުވަސް ފާއިތުވެއްޖެއެވެ. އިރު އޮއްސިއްޖެއެވެ. އަނެއް ބައަކު ބުނެއެވެ. "ފަހުޒަމާނަށް އެޅުމުން ދުވަސްތައް ކުރުވެ ވަޤުތު ފާއިތުވާ ގޮތް ނުވެސް އެނގެއެވެ."
ވިސްނާށެވެ! މިދެކަންތައްވެސް ގުޅިފައިވަނީ ހަމަ އެންމެ ސަބަބަކަށެވެ. އެއީ އެމީހާ ކުރަން ބޭނުންވާ ކަންކަންކަމުގައި ބަރަކާތް ނުލެއްވެވުމެވެ. ބަރަކާތް ނުލައްވަވަނީ ކީއްވެގެންހެއްޔެވެ؟ އެސުވާލުގެ ޖަވާބަކީ އެމީހާއަށް ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން އެކަލާނގެ އަންގަވާފައިވާ މަގުން ކުރަމުން ނުގެންދެވުމެވެ.
މީސްތަކުންނޭވެ! ދުވަސް ކުރުވެގެންދާކަމުގެ އިޙްޞާޞްކުރަންޖެހިގެން މިއުޅެނީ މިބަޔާންކުރި ސަބަބަށްޓަކައެވެ. ރޭދުވާއަކީވެސް ﷲ ތަޢާލާގެ މަޚްލޫޤެކެވެ. ވަޤުތަކީވެސް ﷲ ތަޢާލާގެ މަޚްލޫޤެކެވެ. ފައިދާކުރާނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ. ބަރަކާތް ލެއްވެވުމުންނެވެ.
ވީމާ ފުރަތަމަ ކަމަކަށްވެސް ﷲ ތަޢާލާ އަންގަވާފައިވާ މަގުން ދުވަސް ފަށާށެވެ! އެއީ ފަތިސްނަމާދާއި ޛިކުރުކުރުމުންނެވެ. ދުވާލުގެ ދެންހުރި ވަޤުތުތަކުގައިވެސް ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށްގެން ކަންކަން ކުރަން މަސައްކަތްކުރާށެވެ! އެއިރުން އެމީހާގެ މަސައްކަތާއި ވަޤުތުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ! އެއިރުން މަދު ވަޤުތުކޮޅެއްގެ ތެރޭގައި ކުރެވޭ ކަންކަން ގިނަވެގެންދާނެއެވެ! އިން ޝާ ﷲ
- އިމާމް ޢުމަރު ސުލައިމާނުގެ ދަރުސަކުން