ޝަރުޠުހަމަވާ ފިރިހެނަކުނަމަ ގިނަ އަނބިންނާއި ކައިވެނިކުރަން ދެކޮޅުހަދަނީއެއް ނޫނެވެ. އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް ކަމެއް ކުރަން ބޭނުންވުމުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޙަޔާތްޕުޅުގެ އެއްބައަށް އެހައި ހަނިގޮތަކަށް ބެލުމަކީ މައްސަލައެކެވެ.
ފުރަތަމަ ކަމަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފުރަތަމަ އަނބިކަނބަލުން ޚަދީޖަތުގެފާނަކީ ޢުމުރުފުޅުން އެހައި ދޮށީ ބޭކަނބަލެއް ނަމަވެސް ޚަދީޖަތުގެފާނު ދުނިޔޭގައި އިންނެވިހައި ދުވަހު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގ އިތުރު ކައިވެނިފުޅެއް ނުކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަފުޅު ޒުވާންކަން ގެއްލިވަޑައިގަންވަންދެން ހަމައެކަނި ޚަދީޖަތުގެފާނާއިއެކު ހުންނެވީ ކީއްވެގެން ހެއްޔެވެ؟
ޢިލްމްވެރިންގެ މެދުގައި ޚިޔާލުތަފާތުވެދާނެއެވެ. އަހުރެން ބުނާނީ ނިކަމެތި ޙާލުކޮޅުގައި ހުންނެވި ދުވަހު އަޅާލައްވައި ލޯބިދެއްވެވުމާއި އެކަމަނާގެ މިލްކިއްޔާތު ޤުރްބާން ކުރެއްވެވުމާއި އަދި ކޮންމެ ކަމެއް ކުރިމަތިވެވަޑައިގެންނެވިނަމަވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހުގައި ޘާބިތުވެވަޑައިގެން ހުންނެވިކަން ފަދަ ސަބަބުތައް ހިމެނޭނެ ކަމަށެވެ.
އެހެންކަމަށްވާއިރު ތިބާއަށްޓަކައި ތިބާގެ ފުރަތަމަ އަނބިމީހާވީ ޤުރްބާނީ ކޮބައިހެއްޔެވެ؟ ހަމައެއްވެސް ޤުރްބާނީއެއް ނުވަނީހެއްޔެވެ؟
ދެން ޚަދީޖަތުގެފާނަށްފަހު ފުރަތަމަ ކައިވެނިފުޅު ކުރެއްވެވީވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަސްވުރެ އުމުރުފުޅުން ދޮށީ ހުވަފަތް ބޭކަނބަލަކާއިއެވެ. ރީތިކަމަށް މަޝްހޫރު ބޭކަނބަލެއްވެސް ނޫނެވެ. ޢާއިޝަތުގެފާނުގެ ކައިވެނިފުޅު ފިޔަވައި ދެން ކުރެއްވެވި ކޮންމެ ކައިވެނިފުޅެއްވެސް ކުރައްވަވާފައިވަނީ ބޮޑެތި މައްސަލަތައް ޙައްލުކުރެއްވެވުމަށެވެ. ޤަބީލާތަކުގެ މެދުގައި ޞުލްޙަ ޤާއިމުކުރެއްވެވުމަށެވެ.
އެހެންވީމާ އެއޮތީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނިޔަތް އެނގޭށެވެ. ތިބާ އިތުރު އަނބަކު ހޯދަން ބޭނުންވާ ނިޔަތް އެނގޭނީ ތިބާއަށެވެ. ހަމަ ޤައިމުވެސް އެއީ ތިބާގެ އަމިއްލަ އުފަލަށްޓަކައި ކަމަށްވާނަމަ ސުންނަތުގެ ވާހަކަ ދެއްކުމެއް ނެތެވެ.
އުސްތާޛާ ޒަހުރާ މިމޭރުމުން ވިދާޅުވެފައިވަނީ މީހަކު ދެއަންތބަށް ކައިވެނިކުރަން ބޭނުންވެގެން ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.