ސުއިޒާ
· ދަމު ނަމާދަކީ ކިހާ މާތް ނަމާދެއްތޯ؟
އެއީ ފަރުޟު ނަމާދަށް ފަހުގައި އެންމެ މާތް ވެގެންވާ ނަމާދު. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައިވަނީ (އަރަބި) " ފަރުޟު ނަމާދަށް ފަހުގައި އެންމެ މާތްވެގެންވާ ނަމާދަކީ އެއީ ދަމު ނަމާދެވެ. އެހެންވީމާ އެއީ ވަރަށް މާތް ނަމާދެއް.
· ދަމު ނަމާދުގެ 2 ރަކްޢަތް ކުރުމަށް ފަހު އަނެއް 2 ރަކްޢަތް ފެށުމުގެ ކުރިން ދުޢާ ކުރެވިދާނެތޯއެވެ؟
ދުޢާ ކުރުން ހުއްދަވެގެންވޭ، އެހެނަސް އަމިއްލައަށް ކުރާއިރު ދުޢާއެއް ކޮށްލުން އެއީ ހުއްދަވެގެންވާ ކަމެއް. އެހެނަސް ޖަމާޢަތުގައި ކުރާއިރު، ޖަމާޢަތެއްކަމުގައި ވާއިރު ޖަމާޢަތްކޮށް ދުޢާކުރުން އެއީ އޮތް ކަމެއް ނޫން. އެއީ ކޮށްގެން ވާނެ ކަމެއް ނޫން. އެކަމުން ދުރުވާން ޖެހޭ ކަމެއް. އެހެނަސް ވަކިން ކުރާއިރު ދުޢާއެއް ކޮށްލުން އެއީ މައްސަލައެއް ނޫން.
· ދަމު ނަމާދުގެ ރަކުޢަތްތަކުގެ ޢަދަދަކީ ކޮބައިތޯ؟
ދަމު ނަމާދުގައި ކުރެވިދާނެ އެމީހަކު ބޭނުން ވަރަކަށް. (އަރަބި) އޭ ޙަދީޘްފުޅުގަ އަންނަނީ. ރޭގަނޑު ނަމާދުގައި ވަނީ ދެއަކުން ދެއަކުންނޭ. މާނައަކީ ދެއަކުން ދެއަކުން ގޮސް ނަމާދު ކުރުން އިތުރު ކުރަންވީ. އެހެނަސް ސުންނަތުން އެންމެ ބޮޑަށް އަޅުގަނޑުމެންނަށް އެނގެން އޮތީ އެކަލޭގެފާނު ކުރެއްވީ 13 ރަކުޢަތްކަން އެންމެ ގިނައިން. އަދި އެންމެ ގިނަ ރިވާޢަތްތަކުގައި އައިސްފައި ވަނީ 11 ރަކުޢަތް ކުރެއްވި ކަމަށް. އެހެންވީމަ އެމީހަކު އިޚްތިޔާރުގަ އޮތްކަމެއް އެއީ ދެއަކުން ދެއަކުން ގޮސް ވީހާވެސް ގިނައެއްކޮށް އަދި ނިންމާއިރު އެއް ރަކުޢަތް ކޮށް ވިތުރި ކުރާނީ. ނުވަތަ 13 ރަކުޢަތް ކުރާނީ، ނުވަތަ 11 ރަކުޢަތް ކުރާނީ، ނުވަތަ އެއަށްވުރެ މަދުންވެސް ކުރެވިދާނެ. 3 ރަކުޢަތްވެސް ކުރެވިދާނެ. 3،5،7،9 މިގޮތަށް ގޮސް ވިތުރި ޢަދަދަކުން ކުރީމަ ފުދޭނެ.
· ދަމު ނަމާދު ކުރަން އެންމެ ރަނގަޅީ ކޮން ވަގުތެއްގަ ތޯ؟
ނަމާދު ކުރުމަށް އެންމެ އެދެވިގެންވަނީ ރޭގަނޑުގެ ތިންބައި ކޮށްފަ ފަހުބައިގަ. އެހެނަސް ހުއްދަ ވެގެންވޭ އިޝާ ނަމާދު ކުރުމަށް ފަހުގަ ހަމަ ކުރެވިދާނެ. އެހެނަސް އެންމެ މާތް ވެގެންވަނީ ރޭގަނޑުގެ ތިންބައި ކުރާނީ. އެއީ އިރު އޮއްސުމާއި ފަޖުރާއި ދެމެދުގައި އެވާ ވަޤުތު ތިންބައި ކޮށްފަ އޭގެ ތެރެއިން ފަހުބައިގަ އެއީ އެ ނަމާދު ކުރުން އެންމެ މާތް ވެގެންވާ ވަޤުތު. އެހެނީ އެވަޤުތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދުނިޔޭގެ އުޑަށް ތިރިވެ ވޮޑިގަންނަވާ ވަޤުތު. އަދި އެވަޤުތަކީ އެއީ ދުޢާ އިޖާބަ ކުރެވޭ ވަޤުތެއް.
· އާދަކޮށް ނަމާދަށް ހޭލާ މީހަކަށް ހޭ ނުލެވިގެން އެރޭ ދަމު ނަމާދު ނުކުރެވުނު ނަމަ ހަދާނީ ކިހިނެއްތޯ؟
އެހެންވެއްޖެއްޔާމު އޭނަ އިރު އަރާފަހުން ޟުޙާ ވަޤުތުގަ ނަމާދު ކުރާނީ. އެހެނަސް ކުރާނީ ވިތުރިއާ ނުލައި. މިސާލަކަށް މީހަކު އާދަވެ 5 ރަކުޢަތް ކުރާ ކަމުގައި ވާނަމަ އޭނަ އިރު އަރާފަހުން ކުރާނަމަ ކުރާނީ 6 ރަކުޢަތް. މިސާލަކަށް މީހަކު 7 ރަކުޢަތް ކުރަނީ. އެހެންކަމަށް ވާނަމަ އޭނަ ކުރާނީ 8 ރަކުޢަތް. މީހަކު 3 ރަކުޢަތް ކުރަންޏާމު އޭނަ ފަހުން ކުރަންޏާ ކުރާނީ 4 ރަކުޢަތް. އެގޮތަށް ކުރީމަ އިންޝާﷲ އެ ނަމާދުގެ ދަރުމައާއި ޘަވާބު އޭނައަށް ލިބިގެން ދާނެ.
· ދަމު ނަމާދުކޮށް ވިތުރި ކުރަން ހުއްޓާ ފަތިސް ނަމާދުގެ ބަންގި ގޮވައިފިނަމަ ހަދާނީ ކިހިނެއްތޯ؟
އޭނަ ފުރިހަމަ ކޮށްލާނީ. ބާކީ އިންބައި ފުރިހަމަ ކޮށްލާފަ ނިންމާލީމަ އެރޭގެ ނަމާދުގެ ޘަވާބު ލިބިގެންދާނެ.
· ދަމުނަމާދަށް ހޭނުލެވިދާނެ ކަމުގެ ބިރު އޮތްނަމަ ދަމު ނަމާދު ކޮށްގެން ނިދިދާނެތޯ؟
ހުއްދަކަމެއް. ޢިޝާނަމާދު ކުރުމަށް ފަހު އެހިސާބުން ފެށުނީ އެ ދަމު ނަމާދު ވަޤުތު. އެހެން ވެއްޖެއްޔާމު ހުއްދަވެގެންވޭ. އެހެނަސް މާތްވެގެންވަނީ ރޭގަނޑުގެ ތިންބައި ކޮށްފަ ފަހު ބައިގަ އަދާކުރުން. ނުހޭލެވިދާނެކަމަށް ބިރުގަންނަ ކަމުގައި ވާނަމަ އޭނައަށް އެދެވިގެން ވަނީވެސް އެ ނަމާދު ކޮށްލައިގެން ނިދުން. އެހެންވީމަ އެއީ ހުއްދަވެގެންވާ ކަމެއް.
· ވިތުރި ކޮށްގެން ނިދިފަހުން ހޭލެވިއްޖެނަމަ އަނެއްކާ ދަމުނަމާދު ކުރެވިދާނެތޯ؟
ކުރެވިދާނެ ހުއްދަވެގެންވޭ. އޭނަ ވިތުރި ކުރީ، މިސާލަކަށް ޢިޝާ ކޮށްލައިގެން. އެހެނަސް އޭނައަށް ފަހުން ހޭލެވިއްޖެ. އެހެންކަމަށް ވާނަމަ އޭނައަށް ކުރެވިދާނެ. އެހެނަސް އޭނަ ކުރަންވާނީ ވިތުރިއާ ނުލާ. އެހެނީ ﷲ ގެ މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވަނީ އެއްވެސް ރެއެއްގައި ދެފަހަރު ވިތުރި ކުރުމެއް ނުވެއެވެ. އެހެންވީމާ ވިތުރި ކުރަންޖެހޭނީ އެއްފަހަރު ވީމަ، ވިތުރި ކުރިން އަދާކޮށްފަ އޮތީތީވެ، ދެން ފަހުން ކުރާއިރުގަ ވިތުރިއާ ނުލައި ދަމު ނަމާދު އަދާކުރާނީ. އޭރުން އިންޝާﷲ އެކަން ފުދިގެން ދާނެ.
· ދަމު ނަމާދުގައި ހަމައެކަނި ކިޔެވޭނީ ދިގު ސޫރަތް ތޯ؟
ދިގު ސޫރަތްވެސް ކިޔަންވީ. ކުރު ސޫރަތްވެސް ކިޔެވިދާނެ. ހުއްދަ ވެގެންވޭ. އަދި ދިގު ކޮށްވެސް ކިޔަވަންވީ. ކުރުކޮށްވެސް ކިޔެވިދާނެ. އެއީ ހަމަ ހުއްދަވެގެންވޭ. އެ އިޚްތިޔާރު އެބައޮތް. އެހެނަސް ދަމު ނަމާދަކީ އޭގެ ދަރުމައާއި ޘަވާބު އެންމެ ބޮޑަށް ހާސިލް ވާނީ ވީހާވެސް ދިގުކޮށް ކީރިތި ޤުރުއާން ކިޔެވީމަ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ ޞަހާބީބޭކަލުން، އެބޭކަލުންގެ ނަމާދުތަކުގަ ވަރަށް ދިގުކޮށް ކިޔަވާ ކަމުގައި ވަރިދުވެގެން އައިސްފައިވޭ. އެހެންވީމަ އެންމެ މޮޅު ގޮތަކީ، އެންމެ ދަރުމައާއި ޘަވާބު ގިނައިން ލިބޭނެ ގޮތަކީ އެއީ ވީހާވެސް ދިގުކޮށް ކީރިތި ޤުރުއާނުގެ އާޔަތްތައް ތިލާވަތު ކުރުން އެހެންވީމަ. އެހެނަސް އެކަމަށް ކުޅަދާނަވެގެން ނުވާ މީހާ، އުނދަގޫތަކެއް ހުރި މީހާ އަވަހަށް ނިންމާލަން ޖެހިގެން ހާޖަތެއް އޮތް މީހާއަށް، އޭނައަށް ކުޑަކޮށް ކުރެވިދާނެ އެއީ މައްސަލައެއް ނޫން. ކުރުކޮށް ކިޔެވުމަކީ މައްސަލައެއް ނޫން. ހުއްދަ ވެގެންވާ ކަމެއް އެއީ.
· ދަމު ނަމާދު ކުރަން ވަރަށް ބޭނުމޭ. އެކަމަކު އަދި އެކަމެއް ނުވެއް ވޭ. ކޮބައިތޯއޭ ހައްލަކީ؟
އެކަމަށްޓަކާ ﷲ އަށް ދުޢާ ކުރަންވީ. އެ ތަޢުފީޤު ދެއްވާތޯ ދުޢާ ކުރަންވީ. އަދި ހަމަ އެއާ އެކީގަ އެ ނަމާދު ކުރުމަށް އެހެން މީހުންގެ އެހީތެރިކަން ހޯދަންވީ. ގާތް މީހުން، އާއިލާ މީހުން، ރައްޓެހިންގެ އެހީތެރިކަން ހޯދަންވީ. އެއާ އެކީގަ އެ ނަމާދުގެ މާތް ކަމާއި މަތިވެރިކަމުގެ ވާހަކަތައް ވީހާވެސް ގިނައިން ބަލާ ހޯދަންވީ. ޢިލްމުވެރިން ކައިން ސުވާލު ކޮށްގެން. ފޮތްތަކުން ކިޔައިގެން. ވަރަށް މަތިވެރި ނަމާދެއް ކަމުގައި ވީތީވެ، އެ ނަމާދުގެ މާތް ކަމާއި މަތިވެރި ކަމުގެ ވާހަކަތައް ވީހާވެސް ގިނައިން ކިޔަންވީ. ހިތްމައްޗަށް ގެންނަންވީ. އޭރުން އެކަމަށް ހިތްވަރު ލިބޭނެ. ނަފްސު އެކަމަށް ދާން އެދޭނެ.
އެހެންވީމަ އެގޮތަށް ކަންތައް ކޮށް އަޅުގަނޑުމެން ފަށައިގަންނަންވީ ވީހާވެސް އަވަހަކަށް. ފަށާއިރުގަ ލުއިކޮށް ފަށާނީ. ފަށާއިރުގަ މާ ބުރަކޮށް، ބަރުކޮށް ފަށައިފިއްޔާ ފަހަރެއްގަ އަނެއްކާވެސް އެކަން ހުއްޓިދާނެ. އެހެންވީމަ ލުއިކޮށް ފަށާނީ. މިސާލަކަށް ފެށިދާނެ ޢިޝާ ކޮށްލައިގެން ކޮންމެ ރެއަކު ވިތުރި ކުރަން ހެދިދާނެ. އެއަށްފަހުގަ މިސާލަކަށް ހަފްތާއެއް ފަހުން ވިތުރި ފަހުން ކުރަން އަޅުގަނޑުމެންނަށް ހެދިދާނެ. ދެން އިތުރު ކުރަމުން އިތުރު ކުރަން ގޮސް މިސާލަކަށް 5 ރަކުޢަތް، 7 ރަކުޢަތް، 9 ރަކުޢަތަށް، އެހެން ގޮސް 11 އާ ހިސާބަށް ގެންދެވިދާނެ.
އެހެންވީމަ މަޑުމަޑުން ފަށައިގެން ގޮސް އިތުރު ކުރަމުން ދާނީ. ހަމައެއާ އެކީގަ ފުރަތަމަ ފަށައިގަންނަ އިރުގައި ކުރުކޮށް ކިޔެވިދާނެ. ދެން ހަމަ ދުވަހެއް ދުވަހަކަށް ކިޔަވާ ބައިވެސް އިތުރު ކުރެވިދާނެ. އެގޮތަށް ގޮސް ކުރިއަށް ދިޔައީމަ ﷲ އަށް ދުޢާ ކުރަމުން ދިޔައީމަ އިންޝާﷲ އެކަމަށް ތަޢުފީޤު ދެއްވާނެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށްވެސް މި ނަމާދުގެ ތަޢުފީޤު ދެއްވާށި. އާމީން
- ޝައިޚް ޢަބްދުﷲ ރަޝީދު