އަޅުގަނޑަކީ ތަނަވަސް މީހެއް ނޫން! 2 ދަރިންނާ އަންތަބަކު އިންދައި އަނބިމީހާގެ ރުހުމުގަ ދަތިޙާލުގަ ތިބި 4 މައިންނަށް އެހީތެރިވުމުގެ ނިޔަތުގަ ކައިވެނިކުރީމާ ތަނަވަސްކަން ވީއިތުރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 33ސ
އަޅުގަނޑަކީ ތަނަވަސް މީހެއް ނޫން! 2 ދަރިންނާ އަންތަބަކު އިންދައި އަނބިމީހާގެ ރުހުމުގަ  ދަތިޙާލުގަ ތިބި 4 މައިންނަށް އެހީތެރިވުމުގެ ނިޔަތުގަ ކައިވެނިކުރީމާ ތަނަވަސްކަން ވީއިތުރު!

ދަރިން ތިބިނަމަވެސް ލޯބިވާނެ ފިރިހެނުން ބައިވަރެވެ. ނަމަވެސް އެބުނާ ލޯތްބަކީ ކޮބައިކަމެއް ނުއެނގެއެވެ. އަޅުގަނޑު ދަންނަ ގޮތުގައި ލޯތްބަކީ އަނެކާއަށް އަޅާލައި އެހީތެރިވުމެވެ. އެމީހަކުވީ ޙާލެއްގައި އެމީހަކާއިއެކު ދެމިހުރުމެވެ. އަނެކާއަށް އެހީތެރިވުމަށް ކޮށްދެވެން އޮތް ކަމެއް ކޮށްދިނުމެވެ. ޙަލާލު ގޮތުގައި ގުޅުން ދެމެހެއްޓުމެވެ.

އަޅުގަނޑަކީ 2 ދަރިންގެ ބައްޕައެވެ. އެހައި ތަނަވަސް މީހެއްވެސް ނޫނެވެ. އެކަމަކު އަނބިމިހާގެ ރުހުމާއިއެކު 3 ދަރިންގެ މަންމައަކާއި ދެއަންތބަށް ކައިވެނިކުރީމެވެ. ދެމަފިރިންގެވެސް އުންމީދަކީ އެކަމުގެ ސަބަބުން ދެމަފިރިންގެ ދިރިއުޅުމަށް ހެޔޮ ގޮތްތައް މިންވަރު ކުރެއްވެވުމެވެ.

މިބުނަނީ ހަމަ ތެދަށެވެ. ފުރަތަމަ މަހުން ފެށިގެންވެސް އިތުރު ބައަކަށް ޚަރަދުކުރަންޖެހޭކަން ޖީބަކަށް ނުއެނގުނެވެ. ގޭގެކަންކަންވެސް ކުރިއާއި އެއްގޮތަށް ބެލެހެއްޓުނެވެ. އެ4 މައިންގެ ކަންކަމުގައިވެސް އެހީތެރިވެދެވުނެވެ.

އެގޮތަށް އައިސް އަހަރުވީތަނާ އާމްދަނީ އިތުރުވާނެ ގޮތްތައް ފެނި ލިބޭ އާމްދަނީ އިތުރުވިއެވެ. މިހާރު މިއުޅެނީ ކުރިއަށްވުރެ މާތަނަވަސްކަމުގައެވެ.

މިއީވެސް ކިޔުންތެރިއެއްގެ ބަހެވެ. މިވާހަކަކޮޅާއިއެކު ދެން މިބަޔާންކުރާ ސުވާލާއި އަދި ގުޅުންހުރި ލިޔުންވެސް ވިދާޅުވެލައްވާށެވެ!

މިހާރަކަށް އައިސް އެކަނިވެރިވެ ދަރިންކޮޅު ގޮވައިގެން ދަތިޙާލުގައި އުޅެންޖެހިފައިވާ އަންހެނުންނާއި ކައިވެނިކުރަން ގިނަ ފިރިހެނުން ދެކޮޅުހަދައެވެ. އަޅުގަނޑުގެ އެއް ދައްތައަކީވެސް ފިރިމީހާ މަރުވުމުން 3 ދަރިން ގޮވައިގެން އެކަނި ވަރަށް ދަތިޙާލުގައި އުޅެންޖެހިފައިވާ އަންހެނެކެވެ. ހަގަށްހުރި އަންހެން ކޮއްކޮއަކީ 2 ދަރިންނާއިއެކު ވަރިކޮށްލައި ނިކަމެތިކޮށްލާފައިވާ އަންހެނެކެވެ.

އެމީހުންނާ ލޯބިވާން މީހުން ވާހަކަދައްކައެވެ. ކައިވެނިކުރާކަށް އެއްބަހެއް ނުވެއެވެ. ސަބަބަކަށްވަނީ ދަރިން ތިބުމެވެ. ދަރިންގެ ބުރަ އުފުލަން ބޭނުން ނުވުމެވެ. އަޅުގަނޑުގެ ކަންބޮޑުވުމަކީ ނިކަމެތިވެ ޙާލުގައި ޖެހިފައިތިބޭ ކުދިން ބަލައި ބޮޑުކޮށްދިނުމަކީ ކިހާވަރެއްގެ ފައިދާހުރިކަމެއްކަމާއިމެދު ނުވިސްނާކަމެވެ. ވީމާ މިބާވަތުގެ ފިރިހެނުންނަށް ވިސްނައިދެވޭނީ ކޮންގޮތަކުންތޯއެވެ؟

ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވާ މައްސަލައަކީ ވަރަށް ޢާންމު މައްސަލައެކެވެ. އަމިއްލަ ދަރިންނަށް ޚަރަދުނުކުރާ ބައްޕައިން ގިނަވަމުން އަންނައިރު ތިއަ މައްސަލަ އަދި ވަކިންބޮޑުވާނެކަން އެބައެނގެއެވެ. ކޮންމެއަކަސް ތިރީގައި އެވަނީ ކިޔުންތެރިޔާގެ ކަންބޮޑުވުމާއި ވަރަށް ގުޅުން ހުރި ލިޔުމެކެވެ. އިން ޝާ ﷲ

ދަރިން ތިބި އަންހެނަކާއި ކައިވެނިކުރާއިރު ކައިވެނިކުރަންވާނީ އޭނާއަށް ލިބިފައި ތިބި ދަރިންނާއި ވަރަށް އިޚްލާޞްތެރިކަމާއިއެކު ޙަވާލުވެގެންނެވެ. އަމިއްލަ ދަރިން ފަދައިން އެދަރިންވެސް ބަލައި ބޮޑުކުރާނެ ކަމުގެ އިޚްލާޞްތެރި ނިޔަތާއިއެކުގައެވެ.

އެއީ ވަރަށް މަތިވެރި އަޅުކަމެކެވެ. އެއީ ﷲ ތަޢާލާގެ މަގުގައި ވެވޭ ވަރަށް ބޮޑު ޤުރްބާނީއެކެވެ. ގިނަފަހަރަށް ވަރިކުރުމަށްފަހު ދަރިންނާއި އެކުދިންގެ ބައްޕައިން އަޅައެއް ނުލައެވެ. އަޅައިލި ނަމަވެސް އަޅައިލާނީ ކިރިޔާ ފުދޭނެ މިންވަރަށެވެ. އަދާކުރަނީ ހަމައެކަނި ޤާނޫނީ ވާޖިބެވެ. އެހެންކަމުން އެކުދިންވެގެންދަނީ ދުނިޔޭގައި އުޅޭ އެންމެ ނިކަމެތި ކުދިންނަށެވެ.

ބައްޕަ މަރުވުމުން ބައްޕަ މަރުވެއްޖެކަން ކުދިންނަށް އެނގެއެވެ. ބައްޕަގެ ކިބައިން އެއްވެސް އެހީތެރިކަމެއް ލިބިދާނެކަމަށް އުންމީދެއް ނުކުރާނެއެވެ. ނަމަވެސް ބައްޕަ ދުނިޔޭގައި ހުރެ އަޅައިނުލުމުން ދަރިންނަށް ލިބޭ ހިތްދަތިކަން އެތައް ގުނައަކަށް އިތުރުވެގެންދެއެވެ.

އެކުދިން ވެގެންދަނީ ބައްޕަ ދުނިޔޭގައި ބައްޕަ މަރުވެފައިތިބޭ ކުދިންނަށެވެ. ޔަތީމްކުދިންނަށެވެ. މިފަދަ ޙާލަތުގައި ކުދިންނަށް ލިބޭ އެންމެ ބޮޑު ނިކަމެތިކަމަކީ އެކުދިންގެ ބައްޕަ ދުނިޔޭގައި ހުރުމުން އެހީތެރިވެދޭކަމަށް ބަލައި އެހެން މީހުންގެ އެހީތެރިކަންވެސް ނުލިބުމެވެ.

ކޮންމެއަކަސް ދަރިން ތިބި އަންހެނަކާއި ކައިވެނިކޮށްފިނަމަ ފަހުން އެކަން ބުރައަކަށް ނުހަދާށެވެ! ކައިވެނިކުރުމުގެ ކުރިން އެއީ ތިމާއަށް އުފުލިދާނެ ބުރައެއް ކަމާއިމެދު ވިސްނާށެވެ! އެކަން ޔަޤީންކުރުމަށްފަހު ނޫނީ ކައިވެނިނުކުރާށެވެ.

ދޮންބައްޕަގެ މަޤާމުގެ ހުރެ ދަރިން ރަނގަޅުގޮތުގައި ބަލައި ބޮޑުކޮށްފިނަމަ އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް އިތުރުކުރައްވަވާނެތެވެ. އިން ޝާ ﷲ. އެއީ އެކުދިންނަށާއި މައިމިހާއަށް ލިބިފައިވީ ނިކަމެތިކަމުން އެމީހުން ސަލާމަތްކޮށްދިނީތީއެވެ. ނިކަމެތި، ދަތިޙާލުގައިވާ ބައަކު އެކަމުން އަރައިގަންނަން އެހީތެރިވީތީއެވެ.

އަންހެނުންނަށް ބުނެލަން އޮތީ ކައިވެނިކުރާއިރު ފިރިމީހާގެ ހުރިހާ ޙާލަތަށްވެސް ބަލާށެވެ! ދަރިން ތިބި ނަމަ މައެއްގެ ލޯބިދޭންވާނެއެވެ! ދޮންދަރިއަކަށް މައެއްގެ ލޯބިދީގެން ގެންގުޅެ ބޮޑުކުރުމަކީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިންތިހާއަށް ލިބިގެންދާނެ، ނުހަނު ގިނަގުނަ ޘަވާބާއި ދަރުމަ ދެއްވަވާނެ ކަމެކެވެ. ވީމާ އެފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަންވާނެއެވެ.

ފަޤީރަކާއި ކައިވެނިކުރާނަމަ އެޙާލަތަށް ރުހި ޤަބޫލުވާންވާނެއެވެ. ދުވަސްކޮޅެއްފަހުން ފިރިމީހާގެ ފަޤީރުކަމަށް ފޫހިވެ ވަރިވާން ކައިވެނި ނުކުރާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން