ހިތްދަތިކަމުގައި ނުވަތަ ދަތިޙާލެއްގައި ވަކިން ޚާއްޞަކޮށް އަނިޔާ ލިބެމުން އަންނަ އަންހެނެއްގެ ގާތުގައި ނަބީޙަތުގެ ގޮތުން ބަސްބުނަންވާނީ ވަރަށް ވިސްނައިފައެވެ. މައްސލައިގެ ތެރެއަށް ރަނގަޅަށް ވަދެ ޙަޤީޤަތް އޮޅުންފިލުވައިފައެވެ. ނޫންނަމަ ދެވޭ ނަޞީޙަތުން ފައިދާކުރުމުގެ ބަދަލުގައި އެއީ އަނެކާއަށް ދެވޭ ބޮޑު އަނިޔާއަކަށްވެސް ވެދާނެއެވެ.
ކައިވެނީހައި ކުރިމަތިވާ މައްސަލަތަކަށް ބަލާއިރު ކައިވެނި ރޫޅެން ދިމާވާ އެންމެ ޢާންމު ސަބަބަކީ ދެމަފިރިން އެކަކު އަނެކަކަށްޓަކައި ޤުރްބާންވާން ތައްޔާރަށް ނުތިބޭކަމެވެ. ކަމެއް ޖެހޭހިނދު އެކެއްގެ ޙިމާޔަތުގައި އަނެކަކު ނުތެދުވާކަމެވެ. ބައިވެރިޔާއަށް ހިމާޔަތްތެރިކަން ފޯރުކޮށްދޭންޖެހޭ ޙާލަތުގައި ޙިމާޔަތްނުކުރާކަމެވެ.
އެންމެ ޢާންމު ސަބަބުކަމަށްބުނެ 3 ކަމެއް ފާހަގަކޮށްފީމެވެ. އެއީ މިއިން އެއްވެސްކަމަކީ 2 ވަނަ ކަމެއް 3 ވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްގެން ދެކޮޅުޖެހެން ނެތީމައެވެ. ކޮންމެ ކަމަކީވެސް 1 ވަނައިގައި ހިމެނޭ ކަމެއް ކަމުގައިވާތީއެވެ.
ފިރިންނަށް ބުނެލަން އޮތް ބަހަކީ ދިރިއުޅުމުގެ ހުރިހާ ކަމަކަށް ބަދަލުތައް އައިފަދައިން ކައިވެނި ދަމަހައްޓަން ކުރަންޖެހޭ މަސައްކަތަށްވެސް ބޮޑެތި ބަދަލުތައް އައިސްފައިވާ ކަމެވެ. މިސާލަކަށް ތަންކޮޅެއް ކުރީގައި ކާރު ހަލާކުވެއްޖެނަމަ މަސައްކަތްކުރާނީ ކޮންމެ ގޮތަކުންވެސް ކާރު މަރާމާތުކުރެވޭތޯއެވެ. ނަމަވެސް މިއަދު ކިރިޔާ ކަމެއް ދިމާވާއިރަށް ބޭނުންވާނީ އެކާރު ދޫކޮށްލާފައި އައު ކާރެއް ގަތުމަށެވެ.
އެއުޞޫލުން މިއަދުގެ އަންހެނުންގެ ތެރެއިން ހިތްހަމަނުޖެހުމުގައި ދިރިއުޅެން ބޭނުންވާނީ މަދު އަންހެނެކެވެ. ފިރިމީހާ އިޞްލާޙްވޭތޯ ބަލައިލަން ކެތްކޮށްލަން ބޭނުންވާނީވެސް މަދު އަންހެނެކެވެ. ބޭނުންވާނީ އަވަހަށް ވަރިވެ އެހެން މީހަކާއި ކައިވެނިކުރާށެވެ! ފިރިހެނުންނަށް ވެސް މެދުވެރިވަނީ ހަމަމިގޮތެވެ. މިމައްސަލައަށް އޮތް ޙައްލަކީ ފުރަތަމަ ދުވަހުން ފެށިގެން ވީހައި ލޯތްބާއިއެކުވެރިކަމާއިއެކު ދިރިއުޅެން މަސައްކަތްކުރުމެވެ.
އަދި އެއްވާހަކަ ބުނެލާނަމެވެ. އެކަކަށް އަނިޔާލިބެމުންދާތީ އެކަމުގެ ޝަކުވާ ބައެއް ޢާލިމުންނަށް ކުރުމުން ކެތްތެރިވެލަން އެބަ ބުނެއެވެ. އަހުރެންގެ ނަޒަރުގައި އެހެން ބުނަން ޖެހޭނީ މައްސަލަ ވަރަށް ރަނގަޅަށް ބަލައި ޙައްލުކުރަން އެޅެންހުރި ފިޔަވަޅުތައްވެސް އަޅައިފައެވެ. އެކަމަށް އަމަލީގޮތުން އެހީތެރިވެ މަސައްކަތްކޮށްދީފައެވެ. ކެތްތެރިވެލައިފިނަމަ ރަނގަޅު ނަތީޖާއެއް ފެނިދާނެ ކަމުގެ އުންމީދު އޮތްނަމައެވެ.
ނޫންނަމަ އަނިޔާ ލިބެމުންދާ މީހަކުގެ ގާތުގައި އަބަދު ތިބާ އަނިޔާ ލިބިލިބި ހުންނާށޭ ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ އެހެން ބުނެގެން ނުވާނެއެވެ. އެއްވެސް މީހަކަށް އަބަދު އަނިޔާލިބިލިބި ނުއިނދެވޭނެއެވެ. އެއީ ކާކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟
--މުފްތީ މެންކުގެ ދަރުސަކުން