ދިރިއުޅުން ބާއްޖަވެރިކުރުވޭނީ ދެމަފިރިންވެސް ޒިންމާ އުފުލައިގެންނެވެ. އެހެންކަމުން މިރޭ މިބަލައިލަނީ ފިރިންގެ މައްޗަށް ހުރި ބައެއް ޒިންމާ ތަކަށެވެ. ފިރިމީހާގެ މައްޗަށް އޮންނަ ހަމައެކަނި ވާޖިބަކީ އަނބިމިހާއަށް ޚަރަދުކުރުމާއި އަމުރުކުރުން ކަމަށް އޮތް ދުވަސްތައް މާޒީވެ ހިނގައްޖެއެވެ. މިއަދު ފިރިންނަށް އަދާކުރަންޖެހޭ ވާޖިބުތައް މާގިނަވެ އިތުރުވެއްޖެއެވެ.
ފުރަތަމަ ކަމަކަށް އަނބިމީހާގެ އެންމެ ގާތް އެކުވެރިޔާއަށްވެސް ވާންޖެހެއެވެ. އަނބިމީހާގެ ބޭނުންތައް ދެނެގަނެ އެބޭނުންތައް ފުއްދައިދޭ މީހާކަމަށްވެސް ވާންޖެހެއެވެ. އަނބިމީހާއަށް ފުރިހަމައަށް އެހީތެރިވާ މީހަކަށްވެސް ވާންޖެހެއެވެ.
އަނބިމީހާއަށް ލަފާބޭނުންވާހިނދު ލަފާދީ، ރަނގަޅު ނަޞޭޙަތްދީ އަދި އަނބިމީހާގެ ކިބައިގައި ނުބައި ވިސްނުމެއް ހުރިނަމަ އެކަން އިޞްލާޙްކުރަން ވިސްނުންތެރިކަމާއިއެކު މަސައްކަތްކުރަން އެނގޭ މީހަކަށްވެސް ވާން އެބަޖެހެއެވެ. އަދި އަނބިމީހާ ގޮވައިގެން ބާޒާރަށް ދިއުމުގެ އިތުރުން އަނބިމީހާ ގޮވައިގެން ބޭރަށް ގޮސް އުޅޭ މީހަކަށްވެސް ވާން އެބަޖެހެއެވެ.
މިކަންކަން ފިރިމީހާއަށް ކޮށްނުދެވޭނަމަ ކިޔަމަންތެރިވެގެން ތިބޭނީ މަދު އަނބިންނެވެ. ގިނަ އަނބިން އަމިއްލައަށް ގޮތްގޮތް ހޯދާނެއެވެ. ކޮންމެ ގޮތަކުން ނަމަވެސް އެމީހުން ކުރަން ބޭނުންވާ ކަންކަން ކުރާނެއެވެ.
މިއަދުގެ އަނބިންގެ ގާތުގައި އަނބިންނަކީ ގޭގައި ތިބެންޖެހޭ ބައަކު ކަމަށް ބުނުމަކުން އަދި ކިޔަމަންތެރިއެއް ނުވާނެއެވެ. ގޭގައި އިނދެގެން ޓީވީ ހުޅުވާލިޔަސް ފެންނާނީ އެމީހުންގެ ޙައްޤުތަކެވެ. ސޯޝަލް މީޑިއާ ފުރިފައި މިވަނީ އަންހެނުންގެ ޙައްޤުތަކުންނެވެ.
ދެން އޮތީ މަސައްކަތް ބުރަވެގެން އަނބިންގެ ބޭނުންތައް ފުއްދައި ނުދެވުމެވެ. އެޙާލަތުގައި އަނބިން އަމިއްލައަށް އެކުވެރިން ހޯދަން ދޫކޮށްނުލާށެވެ! ފިރިމީހާއަށް އިތުބާރުކުރެވޭ ހެޔޮލަފާ އެކުވެރިން ދައްކާށެވެ. އެމީހުންގެ އެހީތެރިކަން ހޯދޭނެ ގޮތަށް މަގުފަހިކޮށްދޭށެވެ.
ވީމާ ކައިވެނިކުރުމަށްފަހު އުފާވެރި ޒަވާޖީ ހަޔާތަކަށް އެދޭނަމަ މިބުނި ކަންކަމަށް ވިސްނައިގެން ދިރިއުޅެން މަސައްކަތްކުރާށެވެ. އަމިއްލައަށް ފޭލްވެ ކަންކަން ގޯސްވުމުން އެހެން މީހުން ކުށްވެރިކުރަން ނުހަދާށެވެ!
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން