އެއީ އެހައި ތަނަވަސް ބައްޕައެއް ނޫނެވެ. ނަމަވެސް ލިބޭ އެއްޗަކުން ދެކޮޅު ޖައްސައި ދަރިންނަށްޓަކައި ޤުރްބާންވީ ބައްޕައެކެވެ. ދަރިންގެ މަންމަ ނިޔާވުމުން ދަރިންގެ ޙައްޤުގައި އަމިއްލަ އުފާތައް ދޫކޮށްލި ބައްޕައެކެވެ.
ދޮށީ އަންހެން ދަރިފުޅު ތަނަވަސްމީހަކާއި ކައިވެނިކުރުމުން އޭނާއާއިއެކު ދިރިއުޅެން ފޮނުވިއެވެ. އެގެއަށް ގޮސް ޙާލުބަލައި ނަހަދައެވެ. ނަމަވެސް ދޭތެރެއަކުން ދަރިފުޅު ގެއަށް އައިސް އުޅެއެވެ. އެގޮތަށް އުޅެމުންގޮސް ފުރަތަމަ ކާފަދަރިފުޅު އުފަންވިކަން އެނގުމުން ދެކެލަން ދިއަދުވަހު އެގޭތެރެއިން ފެނުނީ ވަރަށް އާދައާއި ޚލާފް ކަންތައްތަކެކެވެ.
ދަރިފުޅުގެ މޫނުމަތީގައި ނޫފާގެންފައިހުރި ތަންތަން ހުއްޓެވެ. ފިރިމީހާ ވާހަކަދައްކަނީ ވަރަށް ހަރުކަށިކޮށެވެ. ކުރަނީ އަމުރެވެ. ހުއްޓި ހުރެލާނެ ވަޤުތެއް ނުދެއެވެ. ބައްޕައާއި ވާހަކަ ދައްކަން މަޑުކޮށްލިއަކަވެސް ނުދެއެވެ. ދަރިފުޅު ހޭލައިގެން ރޯންފެށުމުންވެސް ފިރިމީހާ ބުނީ ކުދިން ރުއިމަކީ މައްސަލައެއް ނޫން ކަމަށާއި ފުރަތަމަ ކަމަކަށް ކުރަންހުރި މަސައްކަތް ނިންމުމަށެވެ.
ވިސްނަން އިނދެފައި ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! އަހުރެންގެ ދަރިން ގެންގުޅެ ބޮޑުކުރީ ތިއަގޮތަކަށް ނޫނެވެ. ވަރަށް ލޯބިންނެވެ. ދަރިފުޅުގެ ކިބައިގައި ތަނަވަސްކަން ހުރުމަކީ އަނބިމީހާޢަޅަކަށް ހަދައި އަޅުވެތިކޮށްގެން ގެންގުޅުން ހުއްދަވާ ކަމެއް ނޫނެވެ." އޭނާގެ ޖަވާބަކަށްވީ ދެމަފިރިންގެ ކަންކަމާއި ނުބެހުމަށް އެންގުމެވެ.
ބައްޕަ ބުނީ ދެމަފިރިންގެ ކަންކަމާއި ބެހުން ނޫން ކަމަށެވެ. އަދި ޢަމަލުތައް އިޞްލާޙްނުކުރެވޭނެނަމަ ދަރިފުޅު އޭނާއާއި 2 ދަރިން ޙަވާލުކުރުމަށެވެ. އެހެން ބުނުމުން އައި ރުޅީގައި ވަޤުތުން ވަރިކޮށްލައި ގޮވައިގެންދާން ބުނުމުން ބައްޕަ ދެދަރިން ގޮވައިގެން ނުކުމެގެން ދިއައީއެވެ. އިތުރަށް ބަހެއްވެސް ނުބުނެއެވެ.
މިޙާދިސާ މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް މިގެނައި ބޭނުމަކީ ދަރިން ކައިވެނިކޮށްގެން ދިއަ ނަމަވެސް އެމީހުން ދިރިއުޅޭ ޙާލު ބެލުމަކީ މައިންބަފައިން ކުރަންޖެހޭނެ ކަމެއް ކަމަށް ބުނުމަށެވެ. މިފަދަ ޙާލުޖެހޭ ގިނަ ދަރިން ނިކަމެތިކަމުގައި ކެތްތެރިވަނީ އެނބުރި ދިއުމުން ޢާއިލާއިން ބަލައިނުގަންނާތީއެވެ. ވީމާ ދަރިއަކަށް ނިކަމެތި ޙާލެއް ޖެހިއްޖެނަމަ އަނބުރައި ޙަވާލުވުމަކީ ބުރައެއް ކަމަށް ނުދެކޭށެވެ. އެއާއިލާއަކަށް ﷲ ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. އިން ޝަ ﷲ
- ޖަމީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް