ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ ޢަމަލުކުރާތީ ފާޑުކިޔާ މީހުންނަށް ސަމާލުކަންނުދީ ކުރިއަށްދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ ޢަމަލުކުރާތީ ފާޑުކިޔާ މީހުންނަށް ސަމާލުކަންނުދީ ކުރިއަށްދާށެވެ!

އެއްވެސް މީހަކު ތިބާ އާއިމެދު ދެކޭ ގޮތަށް ކަންބޮޑުނުވާށެވެ. ފޭރާން ލައި ނުވާވެގެން ހުރިނަމަވެސް ފާޑުކިޔާ ބައަކު އުޅޭނެއެވެ. ﷲ ތަޢާލާއަށް އަޅުކަންކުރިނަމަވެސް ފާޑުކިޔާ ބައަކު އުޅޭނެއެވެ. އެއީ ހުއްޓުވޭނެ ކަންކަމެއް ނޫނެވެ.  

އެންމެ 3 ކަމެއް ޔަޤީންކުރާށެވެ! ތިމާއަށް ޢަމަލު މިކުރެވެނީ ﷲ ތަޢާލާ އެންގެވިގޮތަށް ކަމެވެ. މަސައްކަތް މިކުރަނީ ﷲ ތަޢަލާގެ ރުހިވޮޑިގަތުން ހޯދަން ކަމެވެ. ބޭނުންވެގެން މިއުޅެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވަނުމަށް ކަމެވެ.  

މި 3 ކަންތައް ޙާޞިލްކުރަން މަސައްކަތްކުރުމުގައި ފަސްއެނބުރި ނުބަލާށެވެ! މީހުން ކިޔާ އެއްޗަކަށް ނުވަތަ ބުނެފާނެ ބަހަކަށް ކަންބޮޑުނުވާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން މެނުވީ އެއްވެސް ކަމެއް ލިބުމެއް ނެތެވެ. އަދި އެއްވެސް ގެއްލުމެއް ލިބުމެއްވެސް ނެތެވެ.  

ދަރަޖަ މަތިވެރިކުރައްވަވާނީވެސް، އުފާވެރިކަމާއި ހިތްހަމަޖެހުމާއި ތަނަވަސްކަން އަދި މިނޫން ނިޢުމަތެއްވެސް ލިބޭނީ ހަމަ ﷲ ތަޢާލާ ދެއްވެވުމުންނެވެ. އިންސާނުންނަށް ބޭނުންވާ އެއްވެސް ނިޢުމަތެއް ލިބުމަކަށް އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ބޭނުމެއް ނުވާނެއެވެ. މީހަކު މެދުވެރިކުރައްވަވައިވެސް ކަންކަން ހިންމަވައިދެއްވަވާނީ ހަމަ ﷲ ތަޢާލާއެވެ.  

ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުމުން ސުވަރުގެ ވައްދަވާނީ ވެސް ﷲ ތަޢާލާއެވެ. ޤިޔާމަތް ދުވަހު އެއްވެސް މީހެއްގެ އެހީތެރިކަމަކަށް ބޭނުމެއް ނުވާނެއެވެ. އެއްވެސް މީހަކަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނުވެސް އޮންނާނެއެވެ.  

ﷲ ތަޢާލާއީ:  

مَالِكِ يَوْمِ الدِّينِ

"ޤިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެއެވެ." 

ވީމާ މީހުން ނުވަތަ މީހަކު ކިޔައިފާނެ އެއްޗަކަށް ކަންބޮޑުނުވާށެވެ! ކަންބޮޑުވާންވީ ހަމައެކަނި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުނުކުރެވިދާނެކަމަށްޓަކައެވެ. އެނޫން އެއްވެސް ކަމަކަށް ކަންބޮޑުވުމެއް ނެތެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން