ބައިވެރިޔާ ކަމަށްވީނަމަވެސް އަދި ލޯބިވެރިޔާކަމަށްވީނަމަވެސް ތިމާދެކެ ލޯބިވާކަން އެނގޭނެ ގޮތަކާއިބެހޭ ގޮތުން ސުވާލުކުރައްވާ ކިޔުންތެރިންނަށް މިގެނެސްދެނީ އެކަމަށް އޮތް އެންމެ ރަނގަޅު ޖަވާބެކެވެ.
ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުން ދެކެ ލޯބިވާކަން ދައްކަން ތިއަ ކަނބަލުން ރުހޭހައި ނަމަކުން ގޮވައިފާނެއެވެ. ހިތްފުރެންދެން ފައިސާވެސް ޚަރަދުކޮށްފާނެއެވެ. ކައިވެނިވެސްކޮށްފާނެއެވެ. ދަރިއަކު ނުވަތަ ދަރިންތަކެއްވެސް ދީފާނެއެވެ.
އަހުރެން ބުނާނީ އަދި އެވަރަކުން އެއީ ތިބާދެކެ ލޯބިވާ މީހަކު ކަމަށް ނުނިންމާށެވެ! ތިބާދެކެ ޙަޤީޤީ ލޯބިވާނަމަ ފުރަތަމަ އެމީހަކު ކުރަން އޮންނާނެ ކަމަކީ އެމީހެއްގެ ކިބައިގައި ހުރި ތިބާ ނުއެނދޭ ސިފަތައް ދޫކޮށްލައި ތިބާ އެދޭފަދަ މީހަކަށް ބަދަލުވުމެވެ.
އެކަން ނުކޮށް އެންމެ ފުރަތަމަ ބަޔާންމިކުރި ހުރިހާ ކަންކަން ކުރިނަމަވެސް އެއީ ތިބާދެކެ ޙަޤީޤީ ލޯބިވާ މީހެއް ކަމަށް ނުބަލާށެވެ! އަދި މިބަސް އަންހެނުންނަށް ނިޞްބަތްކޮށް ބުނި ނަމަވެސް އަންހެނުންނަށްވެސް އޮތީ ހަމަ މިގޮތެވެ! ލޯބިވެރިޔާ ރުހޭ ސިފަތައް އެމީހެއްގެ ކިބައިގައި އަސަގެންނެވުމެވެ.
މިވާހަކަ ދައްކަން މިޖެހޭ ސަބަބަކީ ބައިވެރިޔާ ބޭނުންވާ ސިފަތައް ނެތް ނަމަ ލޯބި ދެމެހެއްޓުމުގައި މައްސަލަތައް ކުރިމަތިވާނެތީއެވެ. ކުރިން ބުނި ހުރިހާ ކަންކަން ކުރިނަމަވެސް ދެމީހުންގެ މެދުގައި މައްސަލަތައް ނުޖެހި ނުދާނެތީއެވެ.
ލޯބިވުމުގެ ކުރިން އަދި ކައިވެނީގެ ކުރިން ދެމީހުން މަޝްވަރާކުރަންވީ މިކަމަށެވެ. ބައިވެރިޔާގެ ކިބައިން އެދޭ ސިފަތަކަށެވެ. އެކަންކަމަށް އެއްބަސް ނުވެވި ކައިވެނިކުރިނަމަވެސް ކައިވެނި ރޫޅުން އޮންނާނީ ދާދި ގާތުގައެވެ.
އިތުރު ކަމެއްވެސް ފާހަގަކޮށްލާނަމެވެ. ބައިވެރިޔާ ތިމާދެކެ ލޯބިވާކަން އަދި މިބުނިވަރުންވެސް ޔަޤީންކޮށް ނިންމައިނުލާށެވެ! ތިބާގެ އަތުގައި ހިފައިގެން ދެމީހުން އެކުގައި ސުވަރުގެ ވަންނަން ކުރާ މަސައްކަތަށްވެސް ބަލަންވާނެއެވެ. ވީމާ ޙަޤީޤީ ލޯބިވާނަމަ ފުރަތަމަ އެމީހަކު ކުރަން އޮންނާނެ ކަމަކީ އެމީހެއްގެ ކިބައިގައި ހުރި ތިބާ ނުއެނދޭ ސިފަތައް ދޫކޮށްލައި ތިބާ އެދޭފަދަ މީހަކަށް ބަދަލުވުމާއިއެކު ތިބާގެ އަތުގައި ހިފައިގެން ދެމީހުން އެކުގައި ސުވަރުގެ ވަންނަން މަސައްކަތްކުރުން ކަމަށް ހަދާށެވެ. މި 2 ކަންތައް ފުރިހަމަކޮށްފިނަމަ އެމީހަކީ ތިބާ ދެކެ ޙަޤީޤީ ލޯބިވާ މީހަކުކަން ޔަޤީންކުރާށެވެ!
- އަލަފް / މިއަދުނޫހަށް