ބައިވެރިޔާއަށް މާފުކުރުމުން ލިބޭނެ އެންމެ ބޮޑު ރަޙްމަތަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބުން! އެއިރުން ނުލިބޭނެ އުފާވެރިކަމެއް ނުއޮންނާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ބައިވެރިޔާއަށް މާފުކުރުމުން ލިބޭނެ އެންމެ ބޮޑު ރަޙްމަތަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބުން! އެއިރުން ނުލިބޭނެ އުފާވެރިކަމެއް ނުއޮންނާނެ! އިން ޝާ ﷲ

"އަހުރެންނަށް ކުރެވުނު ކުށަކީ ކައިވެނިކޮށްގެން ހުރެ މީހަކަށް ކުރެވޭނެ އެންމެ ބޮޑު ކުށެވެ. ކުށްކުރިއިރު ޔަޤީންކޮށްގެން ހުރެވުނީ ދުވަހަކުވެސް ބައިވެރިޔާއަށް އެކަން ނުއެނގޭނެ ކަމަށެވެ. އެކަމަކު ކަންތައްމެދުވެރިވީ ދިމާ އިދިކޮޅަށެވެ. ކުށްކޮށްފައި ގެއަށް ދެވުނުއރު ބައިވެރިޔާއަށް އޮތީ އެނގިފައެވެ. ހުރީ ރުޅިއައިސް ކުޅަނދުރެއްފަދަ ވެފައެވެ.  

ހީކުރެވުނީ މިއީ ކައިވެނީގެ ނިމުން ކަމަށެވެ. ނަމަވެސް އެކަންވެސް މެދުވެރިޥީ ދިމާ އިދިކޮޅަށެވެ. ބުންޏެވެ. "އަހުރެންގެ ހިތުގެ ޙާލަށް ނުބަލާށެވެ! މާފުކޮށްފީމެވެ. އެކަމަކު ވިސްނައިގެން އުޅޭށެވެ!" އެހެން ބުނުމުން ގަތްލަދާ ވީދެރަ އަދި ލިބުނު އުފާވެރިކަމުގެ ބޮޑުކަން ބަޔާންކޮށްދެވޭނެ ގޮތެއްވެސް ނުވިސްނެއެވެ.  

ދެން އުޅުނީ ވިސްނައިގެންނެވެ. ބައިވެރިޔާ ނިޔާވީ ކައިވެންޏަށް 32 އަހަރުގައެވެ. ޛައްރެއްގެ މިންވަރުގެވެސް އިތުރު އެންމެ ކުށެއްވެސް ނުކުރަމެވެ. ދެމީހުންގެ މެދުގައި ދެބަސްވުން ކަމަސްމާނަކުރެވޭނެ ވަރުގެ ކަމެއްވެސް ނުހިނގައެވެ.  

މިހުރީވެސް މާފުކުރުމުގެ ނަތީޖާއެވެ. ދެން އަޑުއަހާށެވެ!  

ކޮންމެ ކަމެއް ކުރިޔަސް މާފުކުރަންވީހެއްޔެވެ؟ މިސުވާލުގެ ޖަވާބަކީ ކުރެވުނު ކަންތަކަށް ނުބަލާށެވެ! އެކިމީހުންނަށް ކުރެވޭނީ އެކިބާވަތުގެ ކަންކަމެވެ. ދެމަފިރިންނަށްވުމަކީ ކުރެވޭ ކުށްތައް އެއްގޮތްވާނެ ސަބަބެއް ނޫނެވެ.  

ލިބޭ މައުލޫމާތުގެ އަލީގައި ޔަޤީންކަމާއިއެކު ބުނަމެވެ. އެކަކު އަނެކަކަށް މާފުކުރާ ދެމަފިރިންނަށްވުރެ އުފަލުގައި ދިރިއުޅެވޭނެ ބައަކު ނުތިބޭނެއެވެ. މިއީ އަހުރެންގެ ބަހެއް ނޫނެވެ. ދުނިޔެ ސާބިތުކޮށްދީފައިވާ ކަންކަމެވެ.  

ކޮންމެ ދެމަފިރިއަކުވެސް ބޭނުންވާނީ އެންމެ އުފާވެރި ޙަޔާތެކެވެ. ވީއިރު އެކަން ލިބިގަތުމަށްޓަކައި މާފުކުރާ ބައަކަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ގޮތް ދޫނުކޮށް މާފުކުރަން ފަސްޖެހި އެކަކު އަނެކަކު ނިކަމެތިކޮށްލުމުގެ ވިސްނުންވެސް ނުގެންގުޅޭށެވެ. އެފަދައިން ކަންކަން ކުރާނަމަ އެމީހަކު ﷲ ތަޢާލާ މީސްތަކުންގެ ކުރިމަތީގައިވެސް ނިކަމެތިކުރައްވަވާނެތެވެ. 

މާފުކުރުމަކީ ގިނަބައަކަށް ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ! ނަމަވެސް މާފުކުރުން ގިނަކުރާށެވެ! މާފުކުރުން ގިނަކުރި ވަރަކަށް އެމީހަކަށް ﷲ ތައާލާގެ ރަޙްމަތްފުޅު ދާނީ އިތުރުވަމުންނެވެ.  

ﷲ ތައާލާ އީ ގިނަގިނައިން ފާފަ ފުއްސަވައި ދެއްވަވާ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހެއެވެ. ވީއިރު ﷲ ތަޢާލާއަށް އީމާންވެގެން ތިބި މީސްތަކުން މާފުކުރަން ފަސްޖެހެންވީ ކީއްވެގެން ހެއްޔެވެ؟  

ދުނިޔޭގައި ކުރާ ހަނގުރާމަތަކާ ހިންގާ ޖަރީމާތަކާއި ހަމަނުޖެހުންތަކާއި އަދި އެންމެ ކުޑަމިނުން ކައިވެނި ރޫޅުމުގެ މައްސަލަތަކަށް ބެލި ނަމަވެސް މިފަދަ ހުރިހާ ކަންކަމެއްގެ އަޞްލަކަށްވެފައި އޮންނަނީ އެކަކު އަނެކަކަށް މާފު ނުކުރުމެވެ. މާފުކުރުމަކީ ކުރަން އެންމެ ފަސޭހަ އަދި އެންމެ ފައިދާހުރި ކަންތައް ނަމަވެސް ގިނަ ބައަކަށް އެކަންވެފައި އޮންނަނީ ކުރަން އެންމެ ދަތި އުނދަގޫ ކަންތަކަށެވެ.  

އެފަދަ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ މާފުކުރުމުން އެމީހާގެ ޤަދަރު ވެއްތޭނެ ކަމަށެވެ. ހައިބަތަށް އުނިކަން އަންނާނެ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ޙަޤީޤަތެއް ނޫނެވެ. މާފުކުރުމުން އެމީހާގެ ޤަދަރު ދާނީ އުފުލިގެންނެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ މާފުކުރާ މީހާގެ ޤަދަރާ އިޙްތިރާމް ﷲ ތަޢާލާ އިތުރުކުރައްވަވާނެ ކަމަށެވެ.  

Prophet Muhammad () said:

"Charity does not in any way decrease the wealth and the servant who forgives Allah adds to his respect, and the one who shows humility Allah elevates him in the estimation (of the people). "Sahih Muslim 2588

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން