ރޯގާ ނުފިލުމާ ސައިނަސްގެ އުނދަގޫތަކަށް އެންމެ ފަސޭހައިން ހޯދެން އޮތް އެންމެ ރަނގަޅު ފަރުވާ! ސުންނަތުގައިވާ ގޮތަށް ވުޟޫކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 33ސ
ރޯގާ ނުފިލުމާ ސައިނަސްގެ އުނދަގޫތަކަށް އެންމެ ފަސޭހައިން ހޯދެން އޮތް އެންމެ ރަނގަޅު ފަރުވާ! ސުންނަތުގައިވާ ގޮތަށް ވުޟޫކުރުން!

މިސްކިތްތަކުން ވުޟޫކުރާއިރު ވަރަށް ފަރުވާތެރިކަމާއިއެކު ވުޟޫކުރާތަންވެސް ފެނެއެވެ. އެކަމަކު މިބުނަންއުޅޭ ކަންތަކަށް ސަމާލުކަންދޭތަން ފެންނަނީ ވަރަށް މަދުމީހެކެވެ. އެކަމަށް ކުރާ އަސަރު ބޮޑުކަމުން ތަކުރާރުކޮށްލާނަމެވެ. 

ގިނަ ބައަކު ވުޟޫކުރާއިރު ނޭފަތުގައި ފެންލާން ހަދާގޮތަކީ ދެއިނގިލިކުރި ނޭފަތުތެރޭގައި ހިންގައިލުމެވެ. އެއީވެސް ފެންލުމެކެވެ. ނަމަވެސް އެއީ ސުންނަތުގައި އޮތްގޮތަށް ފެންލެވުމެއް ނޫނެވެ. ނޭފަތަށް ފެންލާފައި ފެން ބާރުކުރަންވެސް ޖެހެއެވެ. އެކަންކުރެވޭނީ ފެން އެތެރެއަށް ދަމައިގެންނެވެ.  

އެގޮތުން ނޭފަތަށް ފެންލާން އޮތީ ކަނައަތަށް ފެންއަޅައިގެންނެވެ. ބޭރުކުރަން އޮތީ ވައަތުންނެވެ. މާނައަކީ އެތެރެކުރި ފެން ފޮޅަންވީ ވައަތުންނެވެ.

މިގޮތަށް ފެންލާން ފަށާއިރު އުނދަގޫތަކެއްވެސް ހުރެދާނެއެވެ. އެއީ ނޭފަތް ބެދިފައި ހުންނާތީއެވެ. ނަމަވެސް ފެންލާން ފެށުމުން ނޭފަތުތެރެ ސާފުވެ އެ އުނދަގޫތައް ކެނޑިގެންދާނެއެވެ. އަދި ލިބޭ ފަސޭހަބޮޑުކަމުން އެގޮތަށް ފެންލާންވެސް ބޭނުންވާނެއެވެ.  

ޑޮކްޓަރުން މިހާރު އެއްބަސްވާގޮތުގައި ސުންނަތާއި އެއްގޮތަށް ނޭފަތަށް ފެންލާނަމަ ސައިނަސްގެ އުނދަގޫތައް ކުޑަވެގެންދެއެވެ. ކިނބިހި އެޅުންވެސް ކުޑަވެއެވެ. އަދި އަރިދަފުސް ރޯގާ ޖެހުނަސް ކުރާ އުނދަގޫތައް ކުޑަވެގެންދެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ގުޅުންހުރި ޙަދީޘެއް: 

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ ﷺ قَالَ: «إِذَا تَوَضَّأَ أَحَدُكُمْ فَلْيَجْعَلْ فِي أَنْفِهِ مَاءً ثُمَّ لِيَنْتَثِرْ، وَمَنِ اسْتَجْمَرَ فَلْيُوتِرْ، وَإِذَا اسْتَيْقَظَ أَحَدُكُمْ مِنْ نَوْمِهِ؛ فَلْيَغْسِلْ يَدَيْهِ قَبْلَ أَنْ يُدْخِلَهُمَا فِي الإِنَاءِ ثَلَاثاً، فَإِنَّ أَحَدَكُمْ لَا يَدْرِي أَيْنَ بَاتَتْ يَدُهُ» ¹.
وَفِي لَفْظٍ لِمُسْلِمٍ: «فَلْيَسْتَنْشِقْ بِمَنْخِرَيْهِ مِنَ المَاءِ» ².
وَفِي لَفْظٍ: «مَنْ تَوَضَّأَ فَلْيَسْتَنْشِقْ» ³. 

އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ: ހަމަކަށަވަރުން ރަސޫލު ﷲ ޙަދީޘް ކުރެއްވިއެވެ: ”ތިޔަބައިމީހުންގެ ތެރެއިން މީހަކު ވުޟޫ ކުރާ ނަމަ، އޭނާގެ ނޭފަތަށް ފެންލާށެވެ. އެއަށްފަހު ނޭފަތުން ފެން ބޭރު ކުރާށެވެ. އަދި މީހަކު އިސްތިޖްމާރު ކުރާ ނަމަ، އޮނަހިރި އަދަދަކުން ފޮހޭށެވެ. (އެބަހީ: ފާހަނަކުރުމަށް ފަހު، ތިނަކުން ފަށައިގެން އެއަށްވުރެ މަތީގެ އޮނަހިރި އަދަދަކުން ހިލަ ނުވަތަ އެފަދަ އެއްޗެއް ބޭނުންކޮށްގެން ނަޖިސް ފިލުވާށެވެ.) އަދި ތިޔަބައިމީހުންގެ ތެރެއިން މީހަކު ނިދިން ހޭލައިފި ނަމަ، ފެން ކަންވާރެއްގެ ތެރެއަށް އޭނާ އަތްލުމުގެ ކުރިން، ތިން ފަހަރު އޭނާގެ ދެ އަތްތިލަ ދޮންނާށެވެ. އެހެނީ ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ މީހަކު (ނިދާފަ އޮންނަ އިރު) އޭނާގެ އަތް އޮތް ތަނެއް ނޭނގޭނެއެވެ.“

އަދި މުސްލިމުގެ ލަފްޒުގައި ވެއެވެ: ”ފަހެ ނޭފަތުގެ ދެ ހިނދުރިއަށް އޭނާ ފެން ވައްދާށެވެ.“
އަދި (އެހެން) ލަފްޒެއްގައި ވެއެވެ: ”މީހަކު ވުޟޫ ކުރާ ނަމަ، ފަހެ އޭނާ ނޭފަތަށް ފެންލާ ހުއްޓެވެ.“

މިއަދު އޮންލައިން