ޤިޔާމަތްވުން ގާތްވުމުން ފެންނާނެ އެންމެ ފައުޅުކަންބޮޑު އެއް ޢަލާމާތަކީ އެންމެ ބޮޑު ސަމާލަކަމެއް ތަނަވަސްކަން އިތުރުކުރުމަށް ދިނުމެވެ. އެންމެންނަށް ތަނަވަސްކަން ލިބި ތަނަވަސްކަން ބޮޑުވެގެންގޮސް ޒަކާތުފައިސާގައި ހިފާނެ މީހަކު ނުހުންނާނެ ވަރަށް އެންމެން ތަނަވަސްވާނެއެވެ.
މިވާހަކަ ބުނުމުން އެޢަލާމާތް ވީހާ އަވަހަކަށް ޢާންމުވެ ތިމާއަކީވެސް ތަނަވަސް މީހަކަށްވުމަށް އެދޭ މީހުންނާއި ބައްދަލުވެއެވެ. އެމީހުންގެ ގާތުގައި އަހުރެން ބުނަމެވެ. "ތިބާޢަށް ނުވިސްނެނީއެވެ. އެއިރުން ދުނިޔޭގައި އޮންނާނީ ފިތުނައެވެ. ތަޅާފޮޅުން ގިނަވާނެއެވެ. ތަނަވަސްކަން އިތުރުކުރަން ބޭނުންވެގެން މީހުން މެރުން އޮންނާނީ ޢާންމު ކަމަކަށްވެފައެވެ. އަނެކާގެ ފުރާނައަކީ އެއްވެސް އަގެއް ހުރިއެއްޗެއް ކަމަކަށް ނުދެކޭނެއެވެ.
މިއަދުގެ ޙާލަތުގައި އަދި ގިނައީ ފަޤީރުންނެވެ. އެކަމަކު އެންމެންވެސް މަސައްކަތްކުރަމުން އަންނަނީ ތަނަވަސްކަން އިތުރުކުރެވޭތޯއެވެ. ތިމާއަކީ ތަނަވަސް މީހަކަށްވުމަށެވެ. ތަނަވަސްކަމުގައި އެންމެ ކުރީގައި ހުރެވޭތޯއެވެ.
ކޮންމެ މީހަކުވެސް ކުރަން ބޭނުންވަނީ އެންމެ ގިނަ ފައިސާ ލިބޭނެ މަސައްކަތެވެ. އެހެންވެ ބިޒީވެގެންގޮސް އޮންނަނީ ފަރުޟް ނަމާދުތައްވެސް ނުކުރެވިފައެވެ. އެކަމުން އެނގެނީ ހިތުގައި އާޚިރަތް ދުވަހަށް ބިރުވެތިކަމެއް ނެތްކަމެވެ. އާޚިރަތް ލިބިގަތުން މުހިންމު ނޫންކަމާއި މުހިންމުވަނީ ތަނަވަސްކަން ކަމެވެ.
މިއީ ކޮންމެ މުސްލިމަކުވެސް ވިސްނަން ޖެހޭނެ ކަމެކެވެ. ދުނިޔެ ލިބިގަންނަން މަސައްކަތްކުރަންވާނީ އާޚިރަތް ލިބިގަންނަން މަސައްކަތްކުރަމުންނެވެ. އަދި އިސްކަންޑދޭންވާނީވެސް އާޚިރަތް ލިބިގަންނަން މަސައްކަތްކުރުމަށެވެ. ނޫންނަމަ އެމީހަކަށް ޤިޔާމަތް ދުވަހު ސަލާމަތްކަމެއް ނުލިބޭނެއެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން