އަހަރުމެންގެ ތެރެއިން ގިނަބައަކަށް ޤަބޫލުކުރެވިފައި މިއޮންނަނީ ރޯދައަށް ހުންނަނަމަ އެދުވަހު ރޯދަހިފުން ނޫން އެއްވެސް ކަމެއް ކުރަން ނުޖެހޭނެ ކަމަށެވެ. ހޯމަ ބުރާސްފަތީގަ އާއި އަދި 13،14،15ގެ ސުންނަތް ރޯދަ ނުހިފަނީވެސް އެދުވަސްތަކުގައި ދިރިއުޅެން ކުރާ މަސައްކަތް ކުރަންޖެހޭތީއެވެ.
މިއީ ވަރަށް ހަނިގޮތަކަށް ވިސްނާތީ ވިސްނޭ ނުބައި ވިސްނުމެކެވެ. ނުވަތަ މަޢުލޫމާތު ރަނގަޅަށް ނުހޯދެނީއެވެ. މުސްލިމުންނަށް ކުރިމަތިލާންޖެހުނު އެންމެ ބޮޑު އެއް ހަނގުރާމަ ކަމުގައިވާ ބަދުރުހަނގުރާމަކުރީ ރަމަޟާން މަހެއްގައެވެ. އެ ހަނގުރާމަކުރައްވަން ޖެހިވަޑައިގަތުމުން އެއީ ރަމަޟާން މަސްވެގެން، ޞަޙާބީން ރޯދައަށް ތިއްބަވާތީ ރަމަޟާން މަސް ނިމެންދެން މަޑުކުރައްވާކަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ބޭނުންފުޅުވެވަޑައެއް ނުގަންނަވައެވެ.
މިކަމުން މުސްލިމުން ޙާޞިލުކުރަންވީ ޢިބްރަތަކީ ރޯދަ ހިފަންޖެހުމަކީ އެމީހަކު ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް ދޫކޮށްލަން އޮތް ބަހަނާއެއް ނޫންކަމެވެ. ކުރަންޖެހޭ ކަންކަން ކުރަމުންވެސް ރޯދަހިފޭނެކަމެވެ.
އޮފީހަށް ދާންޖެހުމަކީ ނުވަތަ އެހެންވެސް މަސައްކަތެއް ކުރަންޖެހުމަކީ ސުންނަތް ރޯދަތައް ނުހިފަން ބަހަނާއަކަށް ނުދައްކާށެވެ. ހުރިހާ ގޮތަކުން ބެލިނަމަވެސް ރޯދަ ހިފުމަކީ އެންމެ ފައިދާ ބޮޑު އަޅުކަމެވެ. ރޯދަ ހިފުމަކީ ޞިއްޙީ ގޮތުން ވަރަށް ގިނަ ފައިދާތައް ކުރާކަމެއްކަން އެނގިގެން ކާފިރުން މިހާރު ރޯދަހިފަނީއެވެ. ދެން ޘަވާބު ދެއްވެވުމުގައި ﷲ ތަޢާލާ އެންމެ ބޮޑަށް ދީލަތިވެވޮޑޮގެން އިމެއް، ޢަދަދަދެއް ނެތި ޘަވާބު ދެއްވަވާ އަޅުކަމަކީ ރޯދަހިފުމެވެ. ހިފާ ކޮންމެ ރޯދައަކަށް އެމީހެއްގެ މޫނު (މީހާ) 70 އަހަރުގެ ރާސްތާއަށް ނަރަކައާއި ދުރުކޮށްދެއްވަވާ އަޅުކަމަކީވެސް ރޯދަހިފުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން