ކިތަންމެ ގިނަ ފައިސާ އަތުގަ ހުއްޓަސް ތިބާގެ ޖަނާޒާ ފުރިހަމަކޮށް ކައްވަޅަށް ދިއުމުގެ ބާރު ތިބާއަށް ނުލިބޭނެއިރު އެކަމަށް އެބަވިސްނައިލެވޭ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކިތަންމެ ގިނަ ފައިސާ އަތުގަ ހުއްޓަސް ތިބާގެ ޖަނާޒާ ފުރިހަމަކޮށް ކައްވަޅަށް ދިއުމުގެ ބާރު ތިބާއަށް ނުލިބޭނެއިރު އެކަމަށް އެބަވިސްނައިލެވޭ ހެއްޔެވެ؟

ﷲ ތަޢަލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.

"ހަމަކަށަވަރުން، މަނިތިއްކަކުން އިންސާނާ އުފެއްދެވިކަން އެ އިންސާނާއަށް ނޭނގެނީ ހެއްޔެވެ؟ ފަހެ، އެހައިރުން އޭނާވަނީ ފައުޅުވެ ބަޔާންވެގެންވާ ދެކޮޅުވެރިއަކު ކަމުގައެވެ." ( ޔާސީން: 77)

މިއާޔަތަށް ބަލައިފިނަމަ އެނގިގެންދާ އެއްކަމަކީ އެއްވެސް މީހަކު އުފަންވުމުގެ އެއްވެސް ބާރެއް އަދި އުފަްނކުރުވުމުގެ ބާރެއްވެސް އެއްވެސް މީހަކަށް ލިބިގެންނުވާކަމެވެ.

އަހަރެމެން ދުނިޔެއަށް އުފަންވަނީ އެއްވެސް ފޭރާމެއްވެސް ނެތިއެވެ. އުފަންވުމުން ލިބުނު ފެންވަރަކުން ފޭރާން ލައްވަނީ ދުނިޔޭގައިތިބި ބައެކެވެ. ބެލެނިވެރިންނެވެ. ބުނަން މިއުޅޭ ވާހަކައަކީ ކޮންމެ މީހަކުވެސް ދުނިޔެއަށް އަންނަނީ އެއްވެސް އެއްޗެއް ހިފައިގެން ނޫން ކަމަށާއި އެނބުރިދާނީވެސް އެއްވެސް އެއްޗެއް ހިފައިގެން ނޫންކަމަށެވެ.

ބޮޑުވަރަކަށް ގެންދެވޭނީ 3 ކަފުނެވެ. ދުނިޔެއަށް އައުމުން އެހެން ބައަކު ފޭރާން ލައްވާ ފަދައިން 3 ކަފުންވެސް ގެންދެވޭނީ އެހެންބައަކު ލައްވައިދިންނަމައެވެ. ތިމާއަކީ ކިތަންމެ މުއްސަނދި އަދި ކިތަންމެ ބާރުގަދަ މީހަކު ނަމަވެސްެއެވެ.

ވީމާ ދުނިޔޭގައި އުޅެން ލިބޭ ދުވަސްކޮޅު މިކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ! މަސައްކަތްކުރަންވީ ވީހައި ގިނަ ދުނިޔަވީ މުދައު އެއްކުރުމަކަށް ނޫނެވެ. ހުސްއަތާ ދުނިޔެއިން ނުކުނައިރު އެކުގައި ގެންދެވޭނެ ވީހައި ގިނަ މުދައު އެއްކުރުމަށެވެ. އެއީ ކުރާ ހެޔޮ ޢަމަލުތަކެވެ.

މީސްތަކުންނޭވެ! ތަނަވަސްކަމާއި މަތީ މަޤާމާއި އާރާއި ބާރު ދެއްވެވުމުން ތިމާއަކީ މާބާރުގަދަ މާމޮޅު މީހަކު ކަމުގައި ހީނުކުރާށެވެ! ކޮންމެ ވަގުތަކުވެސް ދުނިޔެ ދޫކޮށް ނުކުމެގެންދާން ޖެހިދާނެއެވެ. ނިކަމެތިކަމާއިއެކު ކުރިމަތިލާންޖެހޭނީ ހަމަ ﷲ ތަޢާލާގެ ޙަޟްރަތަށެވެ.

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ކާމިޔާބު ލިބޭނެ މީހަކީ ޤިޔާމަތްދުވަހު އެމީހާގެ ފަތް (އެމީހާ ކުޅަ ޢަމަލުތަކުގެ ފަތް) އެމީހެއްގެ ކަނައަތަށް ލިބުނު މީހަކު ކަމުގައެވެ. ވީމާ ތިމާގެ ނިކަމެތިކަން ޤަބޫލުކޮށް ތިމާއަކީ ވެސް ކަނައަތަށް ފަތް ލިބޭ މީހަކު ކަމުގައިވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން