ދުޢާއަކީ މުއްމިނުންގެ އެންމެ ބާރުގަދަ ހަތިޔާރުކަމަށްވާތީ ކިރިޔާ ކަމެއް ދިމާވާއިރަށް އެންމެންވެސް އެހަތިޔާރު ނަގައެވެ. ހަތިޔާރުގެ ބޭނުންކުރެއެވެ. އެއީ ހަމަ އެކަންކުރަން އޮތް ގޮތެވެ. ނަމަވެސް ސުވާލަކީ ހަތިޔާރުގެ ބޭނުން ކުރެވެނީ ތިމާއަށް އެންމެ ފައިދާހުރި ގޮތަށް ހެއްޔެވެ؟
އަހަރެމެންނަށް ޔަޤީންކަމާއިއެކު އެންގެނީ ހަމައެންމެ ކަމެކެވެ. އެއީ ނަރަކައަށް ވަންނަން ބޭނުން ނުވާ ކަމާއި ބޭނުންވަނީ ސުވަރުގެ ވަނުމަށް ކަމެވެ. މި ދެކަންތައް ނޫނީ އަހަރެމެންނަށް އެންމެ ބޮޑަށް ފައިދާހުރި ގޮތް އަހަރެމެންނަކަށް ނުއެނގޭނެއެވެ
އަހަރެމެންނަށް ދުނިޔޭގައި އެންމެ ފައިދާހުރީ ކޮން ގޮތަކުންކަން އަހަރެމެންނަކަށް ނުއެނގޭނެއެވެ. އެއީ އެންމެ ފައިދާހުރި ގޮތްކަމަށް އެމީހާއަށް ޤަބޫލުކުރެވޭ ގޮތަކީ އެންމެ ގެއްލުންހުރި ގޮތްކަމަށްވެފައިހުރީ މަދަކުން ނޫނެވެ.
އެހެންކަމާއިއެކުވެސް ތިމާއަށް ބޭނުންވާ ކަންކަމަށް އެދި ދުޢާކުރަމުން ގެންދާށެވެ! ﷲ ތަޢާލާއަށް ގިނަގިނައިން ދަންނަވަމުން ގެންދާށެވެ! އެގޮތަށް ދަންނަވަމުން ގެންދާއިރު މިބަޔާންކުރާ ކަންކަމަށް ފުންކޮށް ވިސްނައިލާށެވެ!
އެއްވެސް މީހަކު ދެއަތް އުފުލައި ކުރި ދުޢާއެއް ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ. ދުޢާކުރި ގޮތަށް ހިންމަވައި ނުދެއްވެވި ނަމަވެސް އެމީހަކަށް އެންމެ ފައިދާކުރާނެ ކޮންމެވެސް ގޮތްތަކެއް މިންވަރުކުރައްވަވާނެތެވެ. އެއީ ޔަޤީންކަމެކެވެ. ވީމާ ތިމާ ކުރި ދުޢާ ޢިޖާބަ ނުކުރެއްވެވިކަމަށް ހަމައެކަކަށްވެސް ނުބުނެވޭނެއެވެ.
ގިނަބައަކަށް އެގޮތަށް އެ ޝަކުވާ ކުރެވެނީ އޭނާ ބޭނުންވި ގޮތަށް އޭނާގެ ދުޢާ ޢިޖާބަ ނުކުރެއްވެވުމުންނެވެ. ނަމަވެސް ވިސްނާށެވެ! ﷲ ތަޢާލާ ކަމެއް ވަކިގޮތަކަށް ނިންމެވުމުން އެކަމާއިގުޅިގެން އެއްވެސް ޝަކުވާއެއް ކުރުމުގެ ޙައްޤު ހަމައެކަކަށްވެސް ލިބިގެނެއް ނުވެއެވެ. ޤިޔާމަތްދުވަހު މީސްތަކުންނާއި ސުވާލުކުރައްވަވާނީ ﷲ ތަޢާލާއެވެ. އެއްވެސް މީހަކަށް ދިމާވި އެއްވެސް ކަމަކާއި ގުޅިގެން ﷲ ތަޢާލާ އާއި އެއްވެސް ޝަކުވާއެއް އަދި ސުވާލެއްވެސް ނުކުރެވޭނެއެވެ. އަހަރެމެންނަށް ބުނެވޭނީ ﷲ ތަޢާލާ އިޛްނަ ދެއްވެވި ބަހެއް އެކަންޏެވެ.
ތަކުރާރުކޮށްވެސް ބުނަން މިޖެހެނީ ހަމައެއް ވާހަކައެކެވެ. އެއީ އަހަރެމެންނަށް އެންމެ ފައިދާހުރި ގޮތް އަހަރެމެންނަކަށް ނުއެނގޭނެއެވެ. ނަމަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ އަހަރެމެންނަށް އެދެވޭ ކަމަކީ އެކަމަކުން އަހަރެމެންނަށް ގެއްލުންހުރި ކަމެއްކަން ނުވަތަ ނޫންކަން އަހަރެމެންނަކަސް ނުއެނގޭނެއެވެ. ވީމާ އަހަރެމެން އެދުނު ަންތައް އަހަރެމެން އެދުނު ގޮތަށް ފުއްދަވައި ނުދެއްވަވައިފިނަމަ އެއީ ތިމާއަށް ރަނގަޅަކަށް މިންވަރު ކުރެއްވެވި ކަމެއް ކަމަށް ޤަބޫލުކުރާށެވެ!
އެމީހަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅެމުންދާ މީހަކުނަމަ އެމީހަކަށް ﷲ ތަޢާލާ މިންވަރުކުރައްވަވާނީ އެކަމަކުން އެމީހަކަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަށް އަދި އެކަމަށް އެންމެ ރަނގަޅު ވަގުތުގައެވެ. އެކަމަށް ޝައްކުވެސް ނުކުރާށެވެ!
--ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން