މި އަދުގެ ހާލަތަށް އަހަރެމެން ވިސްނާ އިރު އެންމެ ގިނައިން ފެންނަ އެއް ކަމަކީ މީހުންގެ އަބުރަށް އަރައިގަތުމެވެ. اللهُ سُبْحَانَهُ وَتَعَالَىވަނީ، އިންސާނާ އެންމެހައި މަޚުލޫޤުންގެ މައްޗަށް މާތްކުރައްވައި، ޤަދަރު އުފުއްލަވައި، ޙުރުމަތްތެރި ބަޔަކުކަމުގައި ލައްވައިފައެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި، ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދު (އެބަހީ: ޢަރަފާތް ދުވަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި މައްސަރު (އެބަހީ: ޛުލްޙިއްޖާ މަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި ރަށް (އެބަހީ: މައްކާ) ޙުރުމަތްރެރިވީ ފަދައިންނެވެ."[1]
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިންސާނާގެ އަބުރުގެ ޙުރުމަތްތެރިކަން، ގުޅުއްވަވައިލައްވައިފައި އެވަނީ ލެޔާއި މުދަލަށެވެ. އެހެނީ ޙައްގަކާ ނުލައި މީހަކު މަރައިލުން ޙަރާމްވާ ފަދައިން އަދި މީހެއްގެ މުދާ އަތުލައިގަތުން ޙަރާމްވާ ފަދައިން އަބުރަށް އަރައިގަތުމަކީ ވެސް ޙަރާމްކަމެކެވެ. ހިތާމަޔާ އެކު، ދަންނަވާން ޖެހެނީ، މިއަދުގެ މުޖުތަމަޢުގައި އެންމެ ޢާއްމުވަމުންދާ އެއް ފާފައަކީ، މީހުންގެ އަބުރަށް އަރައިގަތުންކަމެވެ. ތެދެއް ދޮގެއް ބެލުމެއް ނެތި އެ މީހަކަށް އަޑުއިވުނު ނުވަތަ ފެނުނު ކޮންމެ ވާހަކައެއް ފަތުރަނީ، އެއިން ނިކުންނާނޭ ނަތީޖާއަކަށް އެންމެ ފަހަރަކު ވެސް ވިސްނައިލުމެއް ނެތިއެވެ.
މީހުންގެ އަބުރު ކަތިލައި، މުޅަމަސްކައި، ފަޟީޙަތްކޮށް، ދޮގު ވާހަކަތައް ފަތުރާ އިރު އެއްވެސް އެއްޗެއް ތިބާގެ ހިތަށް ނާރަނީހެއްޔެވެ؟ މި ކަމުގެ ބިރުވެރިކަމުގެ ވާހަކަތައް ތިބާއާ ހަމައަށް ނުފޯރަނީހެއްޔެވެ؟ ނަބިއްޔާ z އެ ކަމުގައި ހުރި ނުރައްކާތެރިކަން ބަޔާންކޮށްދެއްވައި އިންޒާރުކުރެއްވިކަން ނޭގެނީހެއްޔެވެ؟ ކަނުލައި އަޑުއަހާށެވެ! މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ قَالَ فِيْ مُؤْمِنٍ مَا لَيْسَ فِيْهِ أَسْكَنَهُ اللهُ رَدْغَةَ الْـخَبَالِ حَتَّى يَـخْرُجَ مِـمَّا قَالَ)[2] މާނައީ: "މުއުމިނަކާ ބެހޭ ގޮތުން ތެދު ނޫން އެއްޗެއް ބުނި މީހަކު، އެ މީހަކު އެ ބުނި އެއްޗަކުން ރުޖޫޢަނުވެ ހުރެ މަރުވެއްޖެ ނަމަ، މާތް الله، އެ މީހަކު ނަރަކައިގެ އަހުލުވެރީންގެ ގައިން ނުކުންނަ ފާދިޔައިގައި ވަޒަންވެރިކުރުވާ ހުށްޓެވެ." ހަމައެކަނި ޒިންމާދާރުކަމެއް ނެތި ދުލުން ނުވަތަ ގަލަމުން ފަތުރާ ދޮގު ވާހަކައެއްގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެ، ޢާއިލާތައް ރޫޅި، މުޖުތަމަޢު ބައިބައިވުމުގެ ސަބަބަކަށް އެ ކަންތައް ވެއެވެ.
ހީއެއްގެ މައްޗަށް ނުވަތަ އިވުނު އަޑެއްގެ މައްޗަށް މީހުންގެ އަބުރު ކަތިލާ އިރު އެ ކަމުގެ ނުރައްކާތެރިކަމާ މެދު ވިސްނައިލީމުހެއްޔެވެ؟ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، އަޅާ ތެދުދޮގު ބެލުމެއް ނެތި ވާހަކަދެއްކުމުގެ ސަބަބުން، މަޝްރިޤާއި މަޣުރިބާ ދެމެދުގެ ދުރުމިނަށް ވުރެ ވެސް ފުނަށް، އޭނާ ނަރަކައިގެ ތެރެއަށް ވެއްޓެއެވެ."[3]
މިއަދު އަހަރެމެން ދިރިއުޅޭ މުޖުތަމަޢަކީ ވަރަށް ބޮޑަށް މީޑިއާގެ ވަސީލަތްތަކަށް ބަރޯސާވެފައިވާ މުޖުތަމަޢެކެވެ. ފޭސްބުކު، ޓުވިޓަރު، ވައިބަރު، ޓިކްޓޮކު އަދި ޔޫޓިއުބު ފަދަ މީސްމީޑިއާގެ ވަސީލަތްތަކަކީ ވައިރޯޅިއެއް ފެތުރިގެންދާވަރަށްވުރެ ހަލުވިކަމާ އެކު މަޢުލޫމާތު ފަތުރައިދޭ މަންސަތަކެކެވެ. ދޮގެއްވިޔަސް، ތެދެއްވިޔަސް، އެއް ބަޔަކު އަނެއް ބަޔަކަށް ހިއްސާކޮށް ޝެއަރކުރުމާއި، ހިތްވަރުދީ ލައިކުދިނުމުގެ ސަބަބުން ވަރަށް ފަސޭހައިން ވާހަކަތައް ފެތުރެއެވެ. މި ކަމުގައި ހުރި ބިރުވެރިކަމާ މެދު ވިސްނައިލާށެވެ! އެހެނީ މީހަކު އެހެންމީހެއްގެ ގާތުގައި ބުނާ ވާހަކައެއް ހަނދާންނެތޭލެއް ވަރަށް އަވަސްވާނެއެވެ. ނަމަވެސް މީސްމީޑިއާގެ ވަސީލަތްތަކަކީ އޭގައި ހިއްސާކުރާ ވާހަކަތައް އެތައް ޒަމާނަކަށް ދެމިހުންނަ، އެތައް ބަޔަކު އެހެން މީހުންނަށް ހިއްސާކުރާނޭ އެއްޗެކެވެ. އެއީ މީހެއްގެ އަބުރު ކަތިލައި ނުވަތަ މީހަކަށް ޣީބަބުނުންކަމުގައިވާ ނަމަ، އެ އެއްޗެއް ފެތުރޭ ހައި ހިނދަކު އެ ކަމުގެ ފާފަ އެ މީހަކަށް ލިބިލިބި ހުންނާނެއެވެ. سُبْحَانَ الله! ކޮންފަދަ ބިރުވެރި ކަމެއްހެއްޔެވެ؟ އެ ކަމުގެ ސަބަބުން ޤިޔާމަތްދުވަހު ތިބާ ވާހުށީ ބަނގުރޫޓުވެފައިވާ މީހެއްގެ ގޮތުގައެވެ. އެއީ ތިބާގެ ހެޔޮ ޢަމަލުތައް ހުސްވެ އަނެކާގެ ފާފަތައް ހިފައިގެން ނަރަކައަށް ދާންޖެހުމުގެ ސަބަބުންނެވެ.
އިސްލާމްދީން ގޮވައިލަނީ މީހުންގެ ޢައިބުތައް ވަންހަނާކުރުމަށެވެ. މީހަކު ފަޟީޙަތްކޮށްފި މީހާ ދަންނާށެވެ! އޭނާގެ ކަންކަން اللهُ سُبْحَانَهُ وَتَعَالَى ފަޟީހަތްކުރައްވާ ހުށްޓެވެ. އެއީ އޭނާ ގެއަށް ވަދެ ފިލައި އޮތްކަމުގައިވީ ނަމަވެސް މެއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (فَإِنَّهُ مَنْ تَتَبَّعَ عَوْرَةَ أَخِيْهِ الْـمُسْلِمِ تَتَبَّعَ اللهُ عَوْرَتَهُ، ومَنْ تَتَبَّعَ اللهُ عَوْرَتَهُ يَفْضَحْهُ وَلَوْ فِيْ جَوْفِ رَحْلِهِ).[4] މާނައީ: "މުސްލިމުންގެ ޢައިބު ހޯދާން އުޅޭ މީހެއްގެ ޢައިބު މާތް الله ފައުޅުކުރައްވާނެތެވެ. އެމީހަކު ގޭގެ އެތެރޭގައި ފިލައި އޮތް ނަމަވެސް މާތް الله އޭނާގެ ޢައިބު ފާޅުކުރައްވައި ފަޟީހަތްކުރައްވާ ހުއްޓެވެ." މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޢުރާޖުއަރައިވަޑައިގަތް ރޭ، އެކަލޭގެފާނު ބަޔަކު މީހުންގެ ކައިރީން ވަޑައިގަތެވެ. އެ ބައިމީހުންގެ ނިޔަފަތިތައް ވަނީ، ލޮއިންނެވެ. އެއިން އެބައިމީހުންގެ މޫނުތަކާއި މޭތަކުގައި (ވަކިއަޅައި) ނޮޅަމުން ގެންދިޔައެވެ. އެ މަންޒަރު ފެނިވަޑައިގެން ނަބިއްޔާ z ޙަދީޘްކުރެއްވިއެވެ. (مَنْ هَـٰؤُلَاءِ يَا جِبْرِيْلُ؟ قَالَ: هَـٰؤُلَاءِ الَّذِيْنَ يَأْكُلُوْنَ لُـحُوْمَ النَّاسِ، وَيَقَعُوْنَ فِيْ أَعْرَاضِهِمْ)[5] "އޭ ޖިބްރީލުގެފާނެވެ! މިއީ ކޮން ބައެއްތޯއެވެ؟ ޖިބްރީލުގެފާނު ދެންނެވިއެވެ. މި ބައިމީހުންނަކީ، މީސްތަކުންގެ މަސްކައި، އެބައިމީހުންގެ އަބުރަށް އަރައިގަތް މީހުންނެވެ."
އިސްލާމްދީން ވަނީ އިންސާނާގެ އަބުރު ރައްކައުތެރިކޮށްދެއްވައި، ޙިމާޔަތްކޮށްދެއްވައިފައެވެ. އަދި މީހުންގެ ޢައިބުތައް ހޯދައި އެ މީހުން ފަޟީޙަތްކުރުން އިސްލާމްދީން ނަހީކުރެތެވެ. اللهُ سُبْحَانَهُ وَتَعَالَىއީ، އަޅުތަކުންގެ ކުށްފާފަތައް ވަންހަނާކުރެއްވުމަށް ލޯބިވެވޮޑިގަންނަވާ އަދި އެ ގޮތަށް ޢަމަލުކުރާން އެންގެވި ރަސްކަލާނގެއެވެ. ދަންނާށެވެ! ޖަޒާދެއްވުން ވަނީ އެ ޢަމަލެއްކުރި ފަދައިންނެވެ. މީހެއްގެ ކުށްތައް ވަންހަނާކޮށް އަބުރު ރައްކައުތެރިކޮށްދީފި މީހާގެ ކުށްތައް، މާތް الله ދުނިޔެއާއި އާޚިރަތުގައި ވެސް ވަންހަނާކޮށްދެއްވާނެތެވެ. މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ)[6] މާނައީ: "އަދި މުސްލިމެއްގެ ޢައިބެއް ވަންހަނާކޮށްދީފި މީހާ ދަންނާށެވެ! ދުނިޔެއާއި އާޚިރަތުގައި ވެސް، މާތް الله އެ މީހާގެ ޢައިބުތައް ވަންހަނާކޮށްދެއްވާނެތެވެ."
މީސްތަކުންގެ އަބުރަށް އަރައިގަތުން ހުއްޓާންވީ ވަގުތު އައިސް ނުޖެހެނީހެއްޔެވެ؟ ނުވަތަ ތިބާ ބޭނުންވަނީ ޤިޔާމަތްދުވަހު އެއްވެސް ހެޔޮކަމެއް އަތުގައިނެތި ނަރަކައަށް އެއްލައިލެވޭ މީހުންގެ ތެރެއިން ވާންހެއްޔެވެ؟ މީހެއްގެ އަބުރު ކަތިލެވިފައިވާ ނަމަ، އެ މީހެއްގެ ކިބައިން މާފަށް އެދި ހިތްހަލާލު ހޯދާށެވެ! ފައުޅުގައި އެންމެހައި މީސްތަކުންނަށް ފެންނަ ގޮތަށް ނުވަތަ މީހެއްގެ އަބުރަށް އަރައިގަނެވިފައިވާ ނަމަ، ފައުޅުގައި އެ ކަމަށް މާފަށް އެދި އެ ކަން އިސްލާހުކުރާށެވެ! ސިއްރިއްޔާތުގައި މި ފަދަ ކަމެއް ކުރެވިފައިވީ ނަމަވެސް މަޢާފަށް އެދި ތައުބާވެ، ވަގުތު ފާއިތުވުމުގެ ކުރީން މާތް اللهގެ މަގަށް ރުޖޫޢަވާށެވެ! މީސްމީޑިއާގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ!