މިފަށަނީ ސުވާލަކުންނެވެ. ތިބާއަށް ދޫ ދެއްވަވައި ދުލުން ޛިކުރުކުރީމާ ގިނަގުނަ ޘަވާބު ދެއްވަވާނެއިރު އެދުލުން މީސްތަކުންނަށް ނުބައިބަސްތައް ބުނެ ދޮގުބުނުން ފަދަ ކަންކަން ކުރީމާ ފާފަވެރިވެސްވެއެވެ. ސުވާލަކީ ޘަވާބު ހޯދަން ދެއްވެވި ދުލުގެ ބޭނުން ނުބައި ގޮތުގަ ހިފައި ޢަޖާބު ހޯދީމާ އެއީ ދުލުގެ މައްސަލައަކަސްވާނެ ހެއްޔެވެ؟
އެހެންވެ ފާހަގަ މިކުރަނީ ވަރަށް ގިނައިން ކުރިމަތިވާ ސުވާލެކެވެ. ސޯޝަލް މީޑިއާ ބޭނުންކުރުން މުސްލިމުންނަށް ހުއްދަހެއްޔެވެ؟ ޖަވާބުގައި ބުނަންޖެހެނީ ދެގޮތަށެވެ. ގޮތް ނިންމުން އޮތީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައެވެ. ނަރަކަ އާއި ސުވަރުގެ ޢާއިކުރެން އެމީހަކު ދާންބޭނުންވާ ތަނެއް އިޚްތިޔާރުކުރާ ފަދައިންނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފޯނަށް އިންޓަރނެޓް ލިބުމަކީ ފައިދާހުރިކަމެކެވެ. ގެއްލުންވެސް ހުރިކަމެކެވެ. އެކަން ހިނގާ ގޮތް މިބުނެދެނީއެވެ.
ސޯޝަލް މީޑިއާ ތިބާ ބޭނުންކުރަނީ ދީން އުނގެނި ދީން ފަތުރަން ކަމަށްވާނަމަ ތިބާއަށް އެކުރެވެނީ ވަރަށް ފައިދާހުރިކަމެކެވެ. ސޯޝަލް މީޑިއާ ބޭނުން އެކުރެވެނީ ސުވަރުގެ ދިއުމަށް މަގުފަހިކުރުމަށެވެ.
އެއިގެ ބަދަލުގައި ސޯޝަލް މީޑިއާ ބޭނުންކުރަނީ ޙަރާމްކުރެއްވެވި މަންޒަރުތައް ބަލައި ފާފަވެރި ޢަމަލުތައް ކުރަންކަމަށްވާނަމަ އެއޮތީ މުޅިން ގޯސްވެފައެވެ. އެދެވެނީ ނަރަކަ ޢާއި ދިމާއަށެވެ.
އިސްލާމް ދީނުގައި ޘާބިތުވެވޭނީ ދީން އުނގެނިގެންނެވެ. ދީން އުނގެނެންވެސް މިއަދު އޮތް އެންމެ ފަސޭހަ މަގަކީ އިންޓރނެޓެވެ. އަދި ސޯޝަލް މީޑިއާއެވެ. ވީމާ އިންޓަރނެޓާއި ސޯޝަލް މީޑިއާ ބޭނުންކުރުމަކީ ފައިދާހުރިކަމެކެވެ. ކުރަންވެސް ޖެހިފައިވާ ކަންކަމެވެ. ނަމަވެސް މައްސަލައަކަށް ވެގެން މިދަނީ އެއިގެ ބޭނުން ހިފޭ ގޮތެވެ.
މިޘާލެއްވެސް ބުނެފާނަމެވެ. ކޮންމެ ދުވަހަކު އަހުރެންނަށްވެސް ޓެގްކޮށް ދީނީ ތަފާތު މައުލޫމާތު ޙިއްޞާކުރާ އައިޑީއެއް ފާހަގަކުރެވިގެން އޭނާއަކީ ކާކުތޯ ބަލައިލިއިރު ވަރަށް ޢާދައިގެ ޒުވާނެކެވެ. އަންހެންކއްޖެކެވެ. އޭނާ ގާތުގައި ތިއަ ފަތުރާ މަޢުލޫމާތާއި އެއްގޮތަށް ޢަމަލުކުރަންތޯ ސުވާލުކުރުމުން ބުނީ ހަމައެކަނި މައުލޫމާތު ފަތުރަނީ ނޫންކަމަށާއި ލިބޭ ކޮންމެ ރަނގަޅު މަޢުލޫމާތަކަށް ޢަމަލުކުރަންވެސް މަސައްކަތްކުރާކަމަށެވެ. އަހުރެން އޭނާއަށް ވަރަށް ހިތްވަރުދިނީމެވެ. އެގޮތުގައި ޘާބިތުވެ ހުރުމަށެވެ.
އަހުރެންނަށް ބުނަން ޖެހެނީ އޭނާ އެގޮތުގައި ޘާބިތުވެ ހުރިނަމަ ޢޭނާއަށް އެދެވެނީ ސުވަރުގެއާއި ކައިރިވެވެމުންނެވެ. ދެން އޮތީ ނުބައި ގޮތުގައި، ނުބައި ޢަމަލުތައް ކުރަން ބޭނުންހިފާ މީހުންގެ ވާހަކައެވެ. އެމީހުން އެދަނީ އެމީހުންގެ އާޚިރަތް ނަގާލަމުންނެވެ.
މިވާހަކަތައް ވަރަށް ގިނައިން ކިޔައިދެވެއެވެ. ކޮންމެވެސް ބައަކަށް ފައިދާވެސް ކުރެއެވެ. އަހުރެންގެ އާދޭހަކީ ޢާޚިރަތް ލިބިގަތުމަށް މަސައްކަތްކުރުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން