ގިނަ ބައަކަށް ލިބޭ އެންމެ ބޮޑު ދެރަ ލިބެނީ އެމީހުންގެ ސަބަބުން ކަމަސް ބުނެފިނަމަ ރުޅިއަންނާނެ ބައަކު ތިބޭނެއެވެ. ނަމަވެސް ޙަޤީޤަތަކީ ހަމައެއީއެވެ. ގިނަ ބައަކަށް ބޮޑެތި ދެރަތައް ލިބެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ އޭނާގެ އަނގައެވެ. ދޫކޮންޓްރޯލް ނުކުރެވޭ ކަމެވެ.
ދިރިއުޅެމުން އަންނައިރު ހީވެސް ނުކުރެވޭފަދަ ކަންކަން ކުރިމަތިވާނެއެވެ. ކުރިމަތިވާނީ ހަމައެކަނި ހިތްހަމަޖެހުމާއި އުފާވެރިކަން ނޫންކަން ދުނިޔޭގެ އެންމެންވެސް ޤަބޫލުކުރާނެއެވެ. ކޮންމެ ދީނެއްގެ މީހަކަށްވީނަމަވެސް މިޙަޤީޤަތް ޤަބޫލުކުރާނެއެވެ. ޚާއްޞަކޮށް މުސްލިމުން އެކަން ވަކިން ބޮޑަށް ޤަބޫލުކުރާނެއެވެ.
އެކަމަކު ހިތްދަތިކަމެއް ލިބުމުން އެކަމަށް ވިސްނައިލެވޭ ހެއްޔެވެ؟ ކަންބޮޑުވާންޖެހޭ ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ތެޅިފޮޅި ނުގަނެ ހުރެވޭހެއްޔެވެ؟ އެކަން ނުކޮސް ހުރެލެވެނީ ވަރަށް މަދު މީހަކަށެވެ. ގިނަ މީހުން އޭނާއަށް ކުރިމަތިވި މައްސަލަ އެންމެންނަށް ހުށަހަޅަން ފަށާނެއެވެ. ގާތް އެކުވެރިންގެ އިތުރުން ސޯޝަލް މީޑިއާގައިވެސް ހާމަކުރާނެއެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟ ތިމާއަށް އުޅެވެނީ ﷲ ތަޢާލާގެ ޙަޟްރަތާއި ބާއްވަންޖެހޭ ގުޅުން ބާއްވައިގެންކަމަށްނުވާތީއެވެ. އެހެންކަމުން އެކަން ކުރިމަތިކުރެއްވެވީ ތިމާއަށް ފައިދާއަކަށްކަން ޤަބޫލުނުކުރެވެނީއެވެ. މިންވަރުފުޅަށް އިތުބާރު ނުކުރެވެނީއެވެ. ﷲ ތަޢާލާގެ ރަހްމަތްފުޅު ތިމާއާއިއެކުގައި އަބަދުވެސްވާކަން ޔަޤީންނުކުރެވެނީއެވެ.
ކަމެއް ދިމާވުމުން އެންމެންނަށް އެކަން އެންގުމަކީ ޙަޤީޤަތުގައި އެއްވެސް ކަމެއް ޙައްލުކުރެވޭ ސަބަބެއް ނޫނެވެ. ސަބަބަކީ އެއްވެސް މީހަކަށް ދަތިޙާލެއް ކުރިމަތިވެއްޖެނަމަ ﷲ ތަޢާލާއަށްޓަކައި އެމީހަކަށް އެހީތެރިވެދޭނީ ހަމަ ހާހަކުން މީހެކެވެ. ގިނަ ބައަކު މަސައްކަތްކުރާނީ އެކަމުގެ ނާޖާއިޒު ފައިދާނަގާށެވެ. އެކަމުން ލިބޭނީ އިތުރު އަނިޔާއެވެ.
ދެން ބަލައިލަންވީ އެކަމުގެ ޙައްލަށެވެ. ޙައްލަކީ އަބަދުވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިވުންމަތީގައި ހުރުމެވެ. ތިމާއަކީ ދަތުރުވެރިއެއްކަމާއި ދަތުރުގެ ހުރިހާ ކަންކަން ބަލަހައްޓަވާ ފަރާތެއްވާކަން ޤަބޫލުކޮށްގެން ދިރިއުޅެމުން އައުމެވެ. ފަލައިތަކުން ދަތުރުކުރާނަމަ ޕައިލޮޓަށް، ކަނޑުމަގުން ދަތުރުކުރާނަމަ ކައްޕިއަށް އިތުބާރުކުރަމުއެވެ. އެމީހުންނަކީ ވެސް އިންސާނުންކަމަށްވީތީ ބޮޑެތި ކުށްތައް ކުރެވި ބޮޑެތި ގެއްލުންތައް ލިބެމުން އަންނައިރުވެސްމެއެވެ.
ހަމަ ޔަޤީނުންވެސް ﷲ ތަޢާލާގެ ޙަޟްރަތުން އެފަދަ އެއްވެސް ކަމެއް މުރިމައްޗެއް ނުވާނެއެވެ. ހުރިހާ ކަމެއްވެސް މިންވަރުކުރައްވަވާނީ އެންމެ ފުރިހަމައަށެވެ. އަހުރެމެން މުސްލިމުން މިތިބީ އެކަން ޔަޤީންކޮށްގެންނެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާއަށް އިތުބާރުނުކުރެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ތިމާގެ ހިތުގައި ﷲ ތަޢާލާގެ ޙަޟްރަތަށް ފުރިހަމަ ގޮތުގައި އިތުބާރު އުފެއްދިއްޖެނަމަ އެމީހަކު ހުންނާނީ މިބަޔާންކުރިފަދަ ހުރިހާ ކަމަކަށްވެސް ހިތްހަމަޖެހިގެން އުފަލުގައެވެ. އިން ޝާ ﷲ
- މަޢުލޫމާތު: އުސްތާޛާ ޔާސްމީން މުޤާހިދުގެ ދަރުސަކުން