ބިރެއްނެތި ފާފަކުރަމުން ތިއަގެންދަނީ މަރުވުމާ ހަމައަށްނަމަވެސް އުފަލުގަ ހުރެވޭނެކަން ޔަޤީންވާތީތަ؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
ބިރެއްނެތި ފާފަކުރަމުން ތިއަގެންދަނީ މަރުވުމާ ހަމައަށްނަމަވެސް އުފަލުގަ ހުރެވޭނެކަން ޔަޤީންވާތީތަ؟

ބައެއް މީހުން ފާފަތައް ކުރަމުން ގެންދަނީ އެއްވެސް ބިރެއް ނެތިއެވެ. އެހެންވެ އަހުރެން ދެ ސުވާލެއް ކޮށްލާނަމެވެ. ފުރަތަމަ ސުވާލަކީ މަރުވުމާއި ހަމައަށްނަމަވެސް އުފަލުގައި ހުރެވޭނެކަން ޔަޤީންވާތީހެއްޔެވެ؟ ﷲ ތަޢާލާ ޙަލާލުގޮތުގައި ބޭނުންކުރަން ދެއްވެވި ފައިސާ ފާފަކުރަން ތިއަ ޚަރަދުކުރަނީ ތަނަވަސްކަން ނުގެއްލި އަބަދު ތަނަވަސްކަމުގައި ހުރެވޭނެކަން އެނގޭތީހެއްޔެވެ؟  

"ކުރިން ފޮނުއްވެވި ޢަޛާބް މިއަދުވެސް ނުފޮނުއްވަވާނެކަމަށް ބުނީ ކާކު؟" މިއީ ކޮވިޑުގެ ދުވަސްވަރު މަޝްހޫރު ޢިލްމުވެރިޔާ، މުފްތީ މެންކް އުފެއްދެވި ސުވާލެކެވެ. އަހުރެން މިސުވާލުގެ ވާހަކަ ތަކުރާރުކޮސް މިރޭވެސް މިދައްކަނީ އަހުރެމެންގެ ޢަމަލުތައް ހުރިގޮތުންނެވެ. ފާފަކުރަން ޖެހިލުންވާ މީހުން މަދުވަމުން އަންނާތީއެވެ.  

ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން އަހުރެމެން ކުރާ ފާފަތަކަށް ވަޤުތުން ޢަޛާބު ނުފޮނުއްވަވާކަން އެއީ އަހުރެމެންނަށް ދެއްވަވާ ފުރުޞަތެކެވެ. ވިސްނައި ތައުބާވުމަށެވެ. ޢަމަލުތައް އިޞްލާޙްކުރުމަށެވެ. އެކަމަކު އެކަންކަމަށް އެބަ ވިސްނައިލެވޭ ހެއްޔެވެ؟ ވިސްނާނީ ބޮޑު މުޞީބާތެއް ކުރިމަތިކުރެއްވެވީމައިހެއްޔެވެ؟  

މީސްތަކުންނޭވެ! ދުނިޔޭގައި ހުއްޓައި ޢަޛާބެއް ނުފޮނުއްވަވައިފާނެއެވެ. އެހެނަސް މަރުވުމުން އެކަންކަން އަހުރެމެންނާއި ބައްދަލުކުރާނެއެވެ. ކައްވަޅުގައިވެސް ޢަޛާބު ދެއްވަވަތެވެ. އަދި ކައްވަލަކީ ސުވަރުގޭގެ ބަގީޗާއަކަށް ހަދައިލުމުގެ ފުރުޞަތުވެސް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ޢަމަލުކުރުން އޮތީ އެމީހެއްގެ އަތްމަތީގައެވެ.

ބަލަންވީ މުޅި ދުނިޔެއަށް ޢާންމުވެގެންވާ ކޯފާއެއް ފޮނުއްވެވުމާއި ނުފޮނުއްވެވުމާއިމެދަކު ނޫނެވެ. ވިސްނަންވީ އެމީހަކު ކުރި ކޮންމެ ޢަމަލަކަށް ޒިންމާވާންޖެހޭނެ ދުވަސް ދާދިގާތުގައި އޮތްކަމާއިމެދުގައެވެ. އެމީހަކު މަރުވުމުން އެމީހަކަށް ޤިޔާމަތްވީކަމާއިމެދުގައެވެ. މަރުގެ މަލާއިކަތާ ލޮލަށް ފެންނަ ވަޤުތުން ފެށިގެން ތައުބާވުމުގެ ދޮރު ބަންދުވެގެންދާނެކަމާއިމެދުގައެވެ. ސަލާމަތްކަން ލިބުން އޮތީ އެއިގެ ކުރިން ތައުބާވެވުނު މީހަކަށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

"ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ކުރީގެ ޒަމާންތަކުގައި މީސްތަކުން މަގުފުރެދި ފާފަކުރުން އިތުރުކުރުމުން ފޮނުއްވެވި ކޯފާ އާއި ޢަޛާބުގެ ވާހަކަތައް ބަޔާން ކުރައްވަވާފައި އެވަނީ ހަމައެކަނި ވާހަކަތަކެއްގެ ގޮތުގައެއް ނޫނެވެ. މީސްތަކުން އެކަންކަމަށް ވިސްނައި ފިކުރުކުރުމަށެވެ. ޢަމަލުތައް އިޞްލާޙްކުރުމަށެވެ. ތައުބާވެ ފާފަކުރުމާއި ދުރުހެލިވުމަށެވެ.  

އަހަރެންގެ ސުވާލަކީ މީސްތަކުން ފާފަކުރުން ގިނަކުރުމުން ކުރިން ފޮނުއްވެވި ޢަޛާބު މިއަދުވެސް ނުފޮނުއްވަވާނެ ކަމަށް ބުނަނީ ނުވަތަ ބުނެވޭނީ ކާކަށް ހެއްޔެވެ؟ އަހަރެމެންގެ އަމަލުތައް އިޞްލާޙް ނުކުރާނަމަ ހަމަ އެކަންކަމާއި ކުރިމަތިލާން ޖެހުން އޮތީ ދާދިގާތުގައެވެ!"

 

- މުފްތީ މެންކްގެ ދަރުސަކުން   

 

މިއަދު އޮންލައިން