ޢުމުރުން ދުވަސްވެ ބަލިކަށިވާ ޢުމުރުގަ ދަރިންގެ ސަމާލުކަން ނުލިބޭނަމަ ދެރަވިޔަސް އިންތަކުގައި ނުހިފަހައްޓައިފިނަމަ ލިބޭނީ އިތުރު އަނިޔާއާ ހިތްދަތިކަން!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ޢުމުރުން ދުވަސްވެ ބަލިކަށިވާ ޢުމުރުގަ ދަރިންގެ ސަމާލުކަން ނުލިބޭނަމަ ދެރަވިޔަސް އިންތަކުގައި ނުހިފަހައްޓައިފިނަމަ ލިބޭނީ އިތުރު އަނިޔާއާ ހިތްދަތިކަން!

ބައެއް މީހުން ވިސްނާ ގޮތުގައި މައިންބަފައިން ދަރިން ބަލައި ބޮޑުކުރަނީ އެދަރިންގެ އެހީތެރިކަމަށް ބޭނުންވާ ދުވަހު އެހީތެރިކަން ލިބޭނެ ކަމުގެ އުންމީދުގައެވެ. އެއީވެސް އުންމީދަކަށްވެދާނެއެވެ. އެކަމަކު ގިނަ މައިންބަފައިން ދަރިން ގެންގުޅެ ބޮޑުކުރަނީ ހަމައެކަނި އެކަމަށް ބޭނުންވެގެން ކަމަކަށް ނުބުނެވޭނެއެވެ. އެމީހުންގެ ނިޔަތާއި މަޤްޞަދު މާމަތިވެރިއެވެ. އެކަންކަމުގެ މައްޗަށް އެހެން ފަހަރަކުން ވާހަކަ ދައްކާނަމެވެ. އިން ޝާ ﷲ  

ކަން މިގޮތަށް އޮތަސް މައިންބަފައިންނަށް ކުރިމަތިވާ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. 

މައިންބަފައިން މުސްކުޅިވާދުވަހު، ޚާއްޞަކޮށް ދަރިންނާއި ވަކިން ދުނިޔޭގައި އުޅޭނަމަ އެންމެ ބޮޑަށް ދެރަވާނެ އެއްކަމަކީ ދަރިން އެމީހުންނަށް ސަމާލުކަން ނުދިނުމެވެ. ޚާއްޞަކޮށް ދަޢުވަތެއް ދިން ނަމަވެސް ކޮންމެވެސް ބަހަނާއެއް ދައްކާފައި ނައުމެވެ. ނުވަތަ ދައުވަތަށް އެކުގައި ބޭރަށް ނުދިއުމެވެ. 

އަހުރެން ބުނާނީ މިފަދަ ކަންކަން މެދުވެރިވާތީ ދެރަވިނަމަވެސް އެއީ މާބޮޑު ކަމަކަށް ނުހަދާށެވެ. އަބަދު ސިކުނޑީގައި ގެންގުޅޭ ކަމަކަށް ނުހަދާށެވެ. އެފަދަ ކަންކަމަށް ކަންބޮޑުވެގެން ވިސްނަން ވަޤުތުތައް ބޭކާރު ނުކުރާށެވެ! ވިސްނާނަމަ އެކަމުގެ ސަބަބުން ޞިއްޙަތަށް ގެއްލުން ލިބޭނެތީއެވެ. ބަލިވާނެތީއެވެ. 

ދަރިން އެމީހުންގެ ޢަމަލުން އެދައްކައިދެނީ މައިންބަފައިންގެ އަގު އެމީހުން ވަޒަންކުރާ މިންވަރެވެ. އެމީހުންނަށް މައިންބަފައިން މުހިންމު ވަރެވެ. އެހެންކަމަށްވާއިރު އެކަމާއި ކިތަންމެ ވަރަކަށް ދެރަވުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 

މުސްކުޅި ޢުމުރުގައި ތިބި ނަމަ ގަދައަޅައި މަސައްކަތްކުރަންވީ ވީހައި ގިނަ ހެޔޮ ޢަމަލުތައް ކުރުމަށެވެ. އެކަމަށް މަސައްކަތްކުރީމާ ފިކުރުތައް ފިލައިގެންދާނެއެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން