ކުޑަކުއްޖެއްގެ ގޮތުގައި ހުރިއިރު ނުރަނގަޅު ތަރުބިއްޔަތެއް ލިބިފައިވީނަމަވެސް އަމިއްލަ ދިރިއުޅުން ފަށަންވާނީ ނަމޫނާ ދައްކާ ރަނގަޅު މީހަކުކަން ދެއްކުމުގެ ޢަޒުމުގަ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 17ސ
ކުޑަކުއްޖެއްގެ ގޮތުގައި ހުރިއިރު ނުރަނގަޅު ތަރުބިއްޔަތެއް ލިބިފައިވީނަމަވެސް އަމިއްލަ ދިރިއުޅުން ފަށަންވާނީ ނަމޫނާ ދައްކާ ރަނގަޅު މީހަކުކަން ދެއްކުމުގެ ޢަޒުމުގަ!

އަޅުގަނޑުގެ ބައިވެރިޔާ ގޯސްކޮށް ކަމެއްކުރުމުން އެކަން ފާހަގަކޮށްފިނަމަ ކުށްވެރިކުރަނީ އޭނާއަށް ލިބިދފައިވާ ތަރުބިއްޔަތެވެ. އެއީ އޭނާގެ ކުށެއް ނޫންކަމަށްވެސް ބުނެއެވެ. މިކަންކަން ބޮޑުވެ އެކުގައި ދިރިއުޅެން އުނދަގޫވާ ޙާލަތަށް ކަންކަން ހިނގައްޖެއެވެ. އަޅުގަނޑުގެ ސުވާލަކީ ބައިވެރިޔާ އެދައްކާ ވާހަކަ ޤަބޫލުކޮށްގެން ޢުމުރަށް ހުންނަންވީތޯއެވެ؟ އެހެންވެއްޖެނަމަ އަޅުގަނޑު މޮޔަވެސްވެދާނެއެވެ.

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިރީގައިވާ ލިޔުން ބައިވެރިޔާއަށް ޙިއްޞާކުރާށެވެ. ކަންކަންވިސްނި އިޞްލާޙްވުމަކީ ގާތުގައި އޮތް ކަމެކެވެ. އިން ޝާ ﷲ 

ދަރިން ތަރުބިއްޔަތުކުރަންވީ ގޮތް ދީނުގައި އެނގެން އޮތް ނަމަވެސް ހުރިހާ ކުދިން ބޮޑެތިވަނީ އެފަދަ ތަރުބިއްޔަތެއް ލިބިގެނެއް ނޫނެވެ. ބައެއް މައިންބަފައިން ދަރިންނަށް ހެޔޮކޮށް ކަންކަން ކުރެއެވެ. ހެޔޮ ނަޞޭޙަތް ދެއެވެ. ނަމަވެސް ދެމަފިރިންގެ ކަންކަން ހުންނަނީ ދަރިންނަށް ދޭ ނަޞީޙަތާއި އެއްގޮތަކަށް ނޫނެވެ. އެކަމުގެ ނޭދެވޭ އަސަރު ދަރިންނަށް ވަރަށް ބޮޑަށް ކުރެއެވެ. 

ލޮބުވެތި ބެލެނިވެރިންނޭވެ! މުސްލިމުންނަކީ ވީހައި ގިނައިން އަޅުކަންކުރަންޖެހޭނެ ބައެކެވެ. އެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ނަމަވެސް އެވަރަކުން އެންމެ ރަނގަޅު މުސްލިމަކަށް ނުވެއެވެ. 

އެންމެ ރަނގަޅު މުސްލިމަކަށް ވެވެން އޮތީ އެމީހެއްގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މީހުން ސަލާމަތްވެގެންވާ މީހަކަށް ވެވިގެންކަން ޙަދީޘްފުޅުން އެނގެން އޮތަކަން ނުއެނގޭ މުސްލިމަކޫ ނުހުންނާނެއެވެ. ވީމާ އެނަމެ ރަނގަޅު މުސްލިމަކަށްވާން މަސައްކަތްކުރާށެވެ! 

އެންމެ ރަނގަޅު މުސްލިމަކު އޭނާގެ ދުލުން އެހެން މީހަކަށް ނުބައި ބަސްތަކެއް ނުބުނާނެއެވެ. އޭނާގެ އަތުން އެހެން މުސްލިމަކަށް އަނިޔާއެއް ނުކުރާނެއެވެ. ޚާއްޞަކޮށް އެމީހެއްގެ އަނބިދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ މީހުންގެ ހިތުގައި ޖެހި އަނިޔާ ލިބޭ ފަދަ އެއްވެސް ކަމެއް ނުކުރާނެއެވެ. 

ދެން ބަހެއް ބުނެލަން ބޭނުންވަނީ ރަނގަޅު ތަރުބިއްޔަތު ނުލިބި ބޮޑެތިވެފައި ތިބި ކުދިންނަށެވެ. މިހާރު ބޮޑެތިވެ ޒަވާޖީ ޙަޔާތް ފަށައި އަދި ދަރިން ލިބިފައިވާ މީހުންނަށެވެ. ކުޑައިރު ގޭތެރެއިން ނުރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާނަމަ އެކަން ސަބަބަކަށް ހަދައި ތިބާގެ ޢާއިލާއަށް އެނުބައިކަން ނުދައްކާށެވެ. އެއީ ލިބިފައިވާ ނުރަނގަޅު ފިލާވަޅެއް ކަމަށް ދެކެ އެފަދަ ސިފަތަކުން ސަލާމަތްވާން މަސައްކަތްކުރާށެވެ. 

އެއްވެސް ސިފައަކީ އިޞްލާޙް ނުކުރެވޭނެ ސިފައެއް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން އެމީހެއްގެ ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރާ އަޅުންނަށް އެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުން މަގުދައްކަވާނެތެވެ. އެކަންކަމަށް ހިތްވަރުވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ 

ޢަޒުމަކަށް ހަދަންވާނީ އެންމެ ހެޔޮލަފާ މީހަކުކަން އަނބިދަރިންނަށް ދައްކައިދިނުމެވެ. އެކަމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. މަސައްކަތްކުރީމާ ކާމިޔާބުވެސްވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން