މަރުވުމުން މަލާއިކަތުން ހުވަނދުލައްވަވާ މީހަކަށްވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
މަރުވުމުން މަލާއިކަތުން ހުވަނދުލައްވަވާ މީހަކަށްވެވޭނެ!

ތިބާއަކީވެސް ތިބާ މަރުވުމުން، މަލާއިކަތުން ހުވަނދުލައްވަވާ މީހަކަށް ވެވޭނެއެވެ. އެ ނިޢްމަތް ލިބިގަތުމާއި ބޭނުން ނުކޮށް ދޫކޮށްލުން އޮތީ ތިބާގެ އަތްމަތީގައެވެ.

ދުނިޔޭގައި ހޭދަކުރަން ލިބޭ މަދު ދުވަސްކޮޅު މަރު ހަނދާން ނުކޮށް ހިތަށްއެރިހައި ގޮތަކަށް އުޅެމުން ތިމާ މަރުވުމުންވެސް އެންމެހައި މަތިވެރި ނިޢްމަތްތަކެއް ތިމާއަށް ލިބޭނެ ކަމަށް ޤަބޫލުކުރާނަމަ އެމީހަކު ވާނީ މޮޔައަކަށެވެ. ނުވަތަ ހަޤީޤަތް ޤަބޫލު ނުކުރާ ޖާހިލަކަށެވެ. އެހެނީ އެފަދަ މީހުން ހިމެނޭނީ ކީރިތި ޤްރްއާނުގެ އާޔަތްތައް ޤަބޫލު ނުކުރާ މީހަކަށް ކަމުގައި ވާތީއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މަރު ހަނދާންކުރަންވީ އުމުރުން ދުވަސްވެ އެކަނި ހެލިފެލި ނުއުޅެވޭ ދުވަސް އައުމުގެ ކުރިންނެވެ. ހަށިގަނޑަށް އަނިޔާއެއް ލިބި ސަޖިދައަށް ނުދެވޭފަދަ ޙާލަތެއް ކުރިމަތިވުމަކުން ވެސް ނޫނެވެ. ބާލިޣްވެ ނަމާދުވާޖިބުވާނެ ފެށުމުންނެވެ.

ބާލިޣްވީންސުރެ ﷲ ގެ މަގުގައި ސާބިތުވެ ހުރެއްޖެ ނަމަ އެމީހާ އަދި ފުރިހަމަ ތައުބާއަކުން ތައުބާވެ އެގޮތުގައި ސާބިތުވެއްޖެ މީހާ، އެމީހަކު މަރުވުމުން އެމީހެއްގެ ފުރާނަ ﷲ ތައާލާގެ ޙަޟްރަތަށް ގެންދެވުމަށް އުޑުތައް ގިރާކުރެވޭ ހިނދު މަލާއިކަތުން އެ ފުރާނައަކަށް މަރުޙަބާ ކިޔުއްވަވައި ހެޔޮ ދުޢާ ކުރައްވަވާނެތެވެ. ނޫންނަމަ ކުރިމަތިވާނީ ލަޢްނަތުގެ ބަސްތަކެވެ.

މިކަންކަމުން އެނގި ޔަޤީންވަނީ ﷲ ތަޢާލާގެ ލަޢްނަތް އަހަރެމެންނަށް ލިބިގެންދަނީ ހަމަ އަހަރެމެންގެ ސަބަބުން ކަމެވެ. އެހެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރުމާއި ނުކުރުމުގެ އިޚްތިޔާރު އެންމެނަށްވެސް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. އެ އިޚްތިޔާރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމާއި ނުހިފުމަކީ އަހަރެމެންގެ އަމިއްލަ އަތްމަތީގައި އޮތް ކަމެކެވެ.

އަހަރެންގެ އާދޭހަކީ ކޮންމެ މީހަކީވެސް މަރުވުމުން އެމީހެއްގެ ގައިގައި މަލާއިކަތް ބޭކަލުން ހުވަނދު ލައްވަވާނެ މީހެއް ކަމުގައި ވުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. މަރުވުމުން ފުރާނަ އުޑުތަކުގައި އުފުލޭ ހިނދު މަލާއިކަތް ބޭކަލުން އެމީހަކަށްޓަކައި ހެޔޮ ދުޢާ ކުރައްވަވާނެ މީހަކު ކަމުގައިވުމެވެ! 

އެކަންކަން ފުރިހަމަވެއްޖެ މީހަކީ ކައްވަޅުގެ އަޒާބުން ސަލާމަތްވެ ޤިޔާމަތާއި ހަމައަށް ކައްވަޅުގައި އަރާމުގައި ނިދާލާފައި އޮންނާނެ މީހެކެވެ. ޤިޔާމަތްވުމުގެ ތާޅަފިލި ފުމެލެވި ބިންތައް ފަޅަފަޅައިގެން ގޮސް މީސްތަކުން އަލުން ދިރި ކައްވަޅުން ތެދުވުމުގެ ވަގުތާއި ހަމައަށެވެ. "އެހިނދު އެމީހުން ބުނާނެތެވެ. އެހައި އަރާމު ނިންޖެއްގައި އަހަރެމެން ވަނިކޮށް އަހަރެމެންނަށް މިއުނދަގޫ ކުރަނީ ކާކުހެއްޔެވެ؟" މާނައަކީ ނިދީގެ އަރާމުކަން ބޮޑުކަމުން ޤިޔާމަތް ވުމުގެ ވަގުތު އައިކަންވެސް އެމީހުންނަށް ނުއެނގޭނެ ކަމެވެ.

މަތިވެރިވެގެންވާ ނިޢްމަތްތަކުން ފުރިފައި ހުރި ސުވަރުގެތައް އިންތިޒާރުކުރަމުން ދާނީ އެފަދަ މީހުންނަށް މަރުހަބާ ކިޔުމަށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން