މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ދެމުންގޮސްފައިވަނީ ޖުމްލަ 121 ރަށުގައި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެންވިދާޅުވީ މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފެށުން ފާހަގަކުރުމަށާއި، ރ. އިންނަމާދޫގައި އަލަށް ޤާއިމުކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުގައެވެ.
ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، އެ 121 ރަށުގެ ތެރެއިން ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ޚިދުމަތް ދެމުން އައީ އެންމެ 17 ރަށެއްގައި ހުރި މަރުކަޒުތަކުގައި އެކަންޏެވެ. އަދި ދެން ހުރި ރަށްރަށުގައި ޚިދުމަތް ދެމުންދިޔަ މަރުކަޒުތަކަކީ ޖާގައާއި ވަޞީލަތްތަކުގެ ގޮތުން އެންމެ އެކަށީގެންވާ ފެންވަރެއްގައި ހުރި ތަންތަން ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެހެންމެ، އާއިލާތަކާ ދުުރުގައި ޚިދުމަތް ކުރާ ފުލުހުންނަށް ދިރިއުޅޭނެ އެކަށީގެންވާ ތަންތަން ނެތުމުގެ ދަތިކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ހާލަތުގައި ވެސް ފުލުހުން އަދާކުރަމުންދިޔަ ޤައުމީ ޚިދުމަތަށް ވަޒީރު ވަނީ ތަޢުރީފު ކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ފުލުހުން ޚިދުމަތް ދެމުން އައީ ގިނަ ތަކުލީފުތަކާ އެކު، އެކިއެކި އިޙްސާސަތައް ފޮރުވައިގެން ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަތިވެރި ވިސްނުމުގައި ކަމަށެވެ. "ފުލުހުން ޚިދުމަތް ކުރަމުން އައީ އަމިއްލަ ނަފްސަށްވުރެ ދިވެހި ޤައުމީ ދިވެހި ފުލުހުންގެ ޚިދުމަތް އިސްކޮށްގެން. މިއަދާ ހަމައަށް ކުރައްވާ މަސައްކަތައްޓަކައި ހުރިހާ ފުލުހުންނަށް ސާބަސް ދަންނަވަން،" ދާޚީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ފުލުހުން ޚިދުމަތްދެމުންދާ ގޮތް ވަޒަންކުރެވޭ ކަމަށާއި، އެ ހާލަތު ބަދަލުކުރުމަކީ ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކުރެއްވީ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ފުލުހުންގެ ޚިދުމަތް ދެވޭނެ ގޮތް ހެދުމަށްކަމަށެވެ. އެއީ ފުލުހުންގެ އަމިއްލަ މަރުކަޒުގައި ހުރިހާ ރަށެއްގައި ޤާއިމްވެ ތިބެ ޚިދުމަތް ދެވޭނެ ގޮތް ހަމަޖެއްސުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.