ވައިގެމަގުން އަންނަ މުދާ ކްލިއަރކުރުމަށް ކަސްޓަމްސްއިންދޭ ޚިދުމަތްތައް، 24 ގަޑިއިރަށް ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ވައިގެމަގުން އަންނަ މުދާ ކްލިއަރކުރުމަށް ކަސްޓަމްސްއިންދޭ ޚިދުމަތްތައް، 24 ގަޑިއިރަށް ބަދަލުކޮށްފި

ވައިގެމަގުން ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއަރކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދެމުންގެންދާ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ. މިއީ ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރުން ނިންމެވި ނިންމެވުމެކެވެ.

ކަސްޓަމްސްއިން ކުރި އިއުލާނެއްގައި ބުނީ ވައިގެމަގުން އަންނަ މުދާ ކްލިއަރކުރުމާ ގުޅޭގޮތުން ކަސްޓަމްސްއިން ދޭންޖެހޭ ހުރިހައި ޚިދުމަތްތައް، މިހާރު 24 ގަޑިއިރަށް ބަދަލުކޮށްފައިވާކަމަށެވެ. މި ބަދަލާއެކު މުދާ ކްލިއަރކުރުމުގައި ހޭދަވާ ވަގުތު ކުޑަވެ، ވިޔަފާރިވެރިންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

މި ބަދަލަކީ ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ވިޔަފާރިވެރިން ހިއްސާކުރެއްވި ކަންބޮޑުވުންތަކަށް އިޖާބަދެއްވުމުގެ ގޮތުން ގެނެވުނު ބަދަލެކެވެ. އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ މުދާ ކްލިއަރކުރުމުގައި ހުރި ދަތިތަކުގެ ޝަކުވާ ރައީސްއަށް ހުށަހަޅާފައެވެ.

ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ވިޔަފާރިތަކަށް ހުރި މިނޫންވެސް ދަތިތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށެވެ. އެގޮތުން ޑެމަރޭޖް ނާރާގޮތަށް ފްރީކޮށް އޮންނަ 80 ގަޑިއިރު، 124 ގަޑިއިރަށް ބަދަލުކޮށްދޭނެކަމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގަންނަވާފައެވެ.

ސަރުކާރުގެ މި ނިންމުންތަކަކީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ފުޅާކޮށް، ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން