އެކަނިވެރިމައިންނަށް ދައުލަތުން ދެމުން އަންނަ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
އެކަނިވެރިމައިންނަށް ދައުލަތުން ދެމުން އަންނަ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، އެކަނިވެރިމައިންނަށް ދައުލަތުން ދެމުން އަންނަ މާލީ އެހީގެ މިންވަރު 3,000 ރުފިޔާއަށް ބޮޑުކޮށް، އެކަމާ ގުޅޭ އުސޫލުތައް މިއަދު އާންމުކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިންނެވެ.

އެންސްޕާއިން މިއަދު ވަނީ "އެކަނި ދަރީން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާބެހޭ ޤަވާއިދު" އަށް އިސްލާޙު ގެނެސް، އެ އިސްލާޙުތައް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި އިސްލާޙުގެ ދަށުން އެކަނިވެރި މައިންބަފައިންނަށް ލިބޭ އެހީގެ މިންވަރަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.

އާ ޤަވާއިދުގައިވާ ގޮތުން، ޝަރުތު ހަމަވެގެން އެހީ ހަމަޖެހޭ ފަރާތްތަކަށް ހަތަރު ކުދީންނާ ހަމައަށް ކޮންމެ ކުއްޖަކަށް މަހަކު 3,000 ރުފިޔާ ލިބޭނެއެވެ. އަދި ހަތަރު ކުދީންނަށް ވުރެ ގިނައިން ކުދީން ތިބިނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މާލީ އެހީގެ ގޮތުގައި މަހަކު 1,000 ރުފިޔާ ލިބޭނެ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، މި ޤަވާއިދުގެ ދަށުން އެކަނި ދަރީން ބަލަހައްޓާ މައިންނަށް ނުވަތަ ބަފައިންނަށް މަހެއްގެ މައްޗަށް އެންމެ ގިނަވެގެން ދޫކުރެވޭނީ 15,000 ރުފިޔާއެވެ. އަދި އަހަރެއްގެ މައްޗަށް މި އެހީގެ ގޮތުގައި އެންމެ ގިނަވެގެން ލިބޭނީ 180,000 ރުފިޔާ ކަމަށްވެސް އެންސްޕާއިން ކަނޑައަޅާފައިވެއެވެ.

މި އާ އުސޫލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިއީ އެކަނިވެރި މައިންބަފައިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ކުދިން ބެލެހެއްޓުމުގައި ދިމާވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ނިންމެވި ނިންމެވުމެކެވެ.

މިއަދު އޮންލައިން