މަރުވުމާއިމެދު އެނގުން މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
މަރުވުމާއިމެދު އެނގުން މުހިންމު ބައެއް ކަންކަން-

ތިމާއަށް އެންމެ ފައިދާހުރި ކަންކަމަށް ވިސްނައި ދިރާސާތައް ކުރަން މުޅި ދުވަސް ހޭދަކޮށްލާ މީހުން މަދެއް ނޫނެވެ. އަހުރެންގެ ސުވާލަކީ އެންމެ ކުޑަމިނުން ފަރުޟް ނަމާދުތަކަށް އެދުވަހު ރައްކައުތެރިވެވުނު ހެއްޔެވެ؟ އެކަން ނުކުރެވުނު ނަމަ މުޅި ދުވަހު ތިއަކުރި މަސައްކަތުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟  

މީސްތަކުންނޭވެ! ކޮންމެ މީހަކަށްވެސް އެއްވެސް މިންވަރަކަށް ޝައްކުކުރުމެއް ނެތި ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ ތިމާވެސް، އެހެން މީހުންވެސް އަދި ކޮންމެ މީހަކުވެސް މަރުވާނެ ކަމެވެ. މިއަށްވުރެ ޔަޤީންކަން ބޮޑު އެއްވެސް ކަމެއް ނެތެވެ.  

މަރުވުމަކީ ކޮބައިހެއްޔެވެ؟ މަރުވުމުގެ މާނައަކީ ތިމާ ދުނިޔެއަށް ފޮނުއްވެވި ﷲ ތަޢާލާގެ ޙަޟްރަތަށް އެނބުރި ދިއުމެވެ. ނުވަތަ ދާންޖެހުމެވެ. މިއީ ދުނިޔެއައުދެވުނު (ﷲ ތަޢާލާ ދުނިޔެއަށް ފޮނުއްވެވި) ކޮންމެ މީހަކަށް އެންމެ ޔަޤީންކަން ބޮޑު ކަންތަކެވެ. އެހެން ހުރިހާ ކަންކަމަށްވުރެ ޔަޤީންކަން ބޮޑު ކަމެކެވެ.  

ސުވާލަކީ މަރުވުމަކީ އެންމެ ޔަޤީންކަން ބޮޑު ކަންތައް ކަމުގައިވާއިރު، އެކަން ޔަޤީންކޮށްގެން ހުންނައިރުވެސް މަރުވުމާއިމެދު ނުވިސްނަނީ ކީއްވެގެން ހެއްޔެވެ؟ ފަރުވާކުޑަކުރަނީ ކީއްވެގެން ހެއްޔެވެ؟ މަރުވާންޖެހޭނެ ކަމާއިމެދު ނުވިސްނައި ފަރުވާކުޑަކުރެވިގެން އާޚިރަތް ދުވަހު އެމީހަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟  

އާދޭސްކޮށްފައި ބުނަމެވެ. މަރުވާންޖެހޭނެކަމާއިމެދު ވިސްނުން ގިނަކުރާށެވެ! އަދި ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަމަށް ވިސްނައިގެން ހުންނާށެވެ! އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އެނގެނީ ޙަދީޘްފުޅުތަކުންނެވެ.  

އެންމެ ބުއްދިވެރި މީހަކީ ގިނަގިނައިން މަރުހަނދާންކުރާ މީހާ ކަމަށްވުމާއި ކޮންމެ ނަމާދެއްވެސް ކުރަންވީ އެއީ ތިމާއަށް ކުރެވޭނެ އެންމެ ފަހު ނަމާދުކަމަށް ބަލައިގެން ކުރަން ޙަދީޘްފުޅުގައި އޮތްއޮތުމުން މިދެއްކި ވާހަކަތަކަށް ދަލީލް ލިބިގެންދެއެވެ.  

ބުނެލަން އޮތީ ރާވައި ކުރިއަށް ގެންދަންޖެހޭނެ އެންމެ ބޮޑު މަޝްރޫޢަކީ ދުނިޔަވީ މަޝްރޫޢުތައް ނޫން ކަމަށާއި މަރަށް ތައްޔާރުވުން ކަމަށެވެ. އެންމެ ކާމިޔާބު އަދި ތިމާއަށް އެންމެ ބޮޑަށް ފައިދާކުރާނެ މަޝްރޫޢަކީ ނަރަށް ތައްޔާރުވުން ކަމަށެވެ. ދުނިޔޭގައި އެންމެ ބޮޑަށް ފޭލްވި މީހަކަށްވާނީ މަރަށް ތައްޔާރު ނުވެވުނު މީހާ ކަމަށެވެ. 

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން