ﷲ ތަޢާލާ އެންމެހައި މަޚްލޫޤުންނަށްވެސް ވަނީ ނިޢުމަތްތައް ދެއްވަވައިފައެވެ. އެންމެ ބޮޑެތި އަދި އެންމެ ގިނަ ނިޢުމަތްތައް ދެއްވެވީ އިންސާނުންނަށެވެ. ވިސްނާ މީހަކަށް ޢުމުރުގެ ހުރިހާ ދުވަހަކު ވިސްނިޔަސް ވިސްނައި ނުނިމޭނެއެވެ! ކޮންމެ ދުވަހަކުވެސް އިތުރު ކަންތައްތައް ފެނިގެންދާނެތީއެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތައްވެސްމެއެވެ.
ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއިމެދު ވިސްނާ މީހުންނަށް އެކަމުގެ ހެކިތައް އަބަދުވެސް ފެންނާނެއެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަމުގެ ހެކިތައްވެސް ފެންނާނެއެވެ.
ޓީވީން އަހުރެން ބެލި ޕްރޮގްރާމެއްގައި ބުނެފައިވަނީ ދޫނި އުދުހުމުން އެސޮރުމުންނަށް ހަކަތަ އިތުރުވެ އުދުހުމުގެ ބާރު ލިބޭކަމަށެވެ. އަދި މަސްތައް ފެތުމުންވެސް އެސޮރުމުންނަށް ހަކަތަ އިތުރުވެ ފެތުމުގެ ބާރު ލިބޭކަމަށެވެ.
މިއަޑު އިވުމުން އަހުރެންގެ ހިތަށް އެރިއެވެ. އެކަމަކު އިންސާނުން މާގިނައިރު ހިނގައިފިނަމަ ވަރުބަލިވެ އަރާމުކޮށްލަން ހުއްޓިލަންޖެހެއެވެ. މިކަމުގެ ޙިކުމަތަކީ ކޮބައިބާވައެވެ!
އަހުރެންނަށް ވިސްނުނީ މީސްތަކުން މާގިނައިރު ﷲ ތަޢާލާ ހަނދުމަނުކޮށް އުޅުމަށް ﷲ ތަޢާލާ ލޯބިވެވޮޑިނުގަންނަވާ ކަމެވެ. ހިނގާ މީހާ ހުއްޓިލަންވީއެވެ! އިށީނދެލަންވެސްވީއެވެ. ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ހިނދުކޮޅެއް ހޭދަކޮށްލަންވީއެވެ.
ހަމަ އެއާއިއެކު ހިތަށް އެރިއެވެ. ދުރުގައި ހުންނަ މިސްކިތަކަށް ދިއުމަށް ހިނގައިގެންފިނަމަ ގައިން ހަކަތަ މަދުވާކަން އިޙްޞާޞްވެސް ނުކުރެވޭތާއެވެ! އެމިސްކިތަކަށް ދެވުމުން ނޫނީ އެމީހަކަށް ހިތްހަމަޖެހުންވެސް ނުލިބޭތާއެވެ.
އަހުރެން ފާހަގަކުރަން ބޭނުންވަނީ ދުނިޔޭގައި ﷲ ތަޢާލާ ލައްވަވާފައިވާ ނިޒާމުގެ ފުރިހަމަކަމެވެ. މިފަދަ ކަންކަމަށް ވިސްނައި ފިކުރުކުރާނަމަ އެމީހެއްގެ އީމާންކަން ދާނީ ތާޒާވަމުންނެވެ. ތަޤްވާވެރިކަން ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން