ﷲ އެންމެ ބޮޑަށް ކޯފާވެ ވޮޑިގަންނަވާ މީހަކު ކަމުގައި ވެވިއްޖެ ނަމަ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ﷲ އެންމެ ބޮޑަށް ކޯފާވެ ވޮޑިގަންނަވާ މީހަކު ކަމުގައި ވެވިއްޖެ ނަމަ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ!

ﷲ ތަޢާލާ އީ ޣަފޫރުއްރަޙީމް އެވެ. އެންމެ ދީލަތިވަންތަ އެންމެ އޯގާތެރިވަންތަ ރަސްކަލާނގެއެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް ހަމަ ކީރިތި ޤްރްއާނުން ﷲ ތަޢާލާ އީ އެންމެ ގަދައަށް ކޯފާވެވޮޑިގަންނަވާ ރަސްކަލާނގެކަން ވެސް އެނގެން އެބަ އޮތެވެ. 

ﷲ ތައާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގެންވަނީ ޙައްޤު މަގު އެނގިތިބެމެ ކާފިރުވީ މީސްތަކުންނަށެވެ. މިސާލަކަށް ޔަހޫދީން ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ރަސޫލުކަން ބަލައި ނުގަތީ ނުއެނގޭތީއެއް ނޫނެވެ. އެމީހުންގެ ފޮތްތަކުން އެކަންކަން އޮތީ އެނގޭށެވެ. ނަމަވެސް ކައު އިތުރު ރަސޫލާ (ޞޢވ) ރަސޫލުކަމާއިގެން ފޮނުއްވެވުނީ އެމީހުންގެ ތެރެއިން ކަމަށް ނުވުމުންނެވެ. 

މިކަމަށް ވިސްނައިފިނަމަ ހަމަ އެ ކޯފާވެވޮޑިގަތުން އަހަރެމެންގެ ތެރެއިން ކޮންމެ މީހެއްގެ މައްޗަށް ވެސް ފޮނުއްވެވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މިބުނަނީ ހަމަ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ﷲ ތަޢާލާ ކޯފާވެވޮޑިގެންފާނެ ވާހަކައެވެ. ސަބަބަކީ ޙައްޤު މަގު އަހަރެމެންނަށް އެބަ އެނގެއެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތައް އެބަ އެނގެއެވެ. ކީރިތި ޤްރައާނުގެ ޢާޔަތްތައް އެބަ އެނގެއެވެ. ރަސޫލް (ޞޢވ) ގެނެސް ދެއްވެވި ކަންތަތައްތައް އެބަ އެނގެއެވެ. އެހެންކަމާއިއެކުވެސް އެކަންކަން އަހަރެމެން ޤަބޫލުނުކުރާތީއެވެ. ޤަބޫލު ނުކުރާ ކަމަށް މިބުނަނީ ޤަބޫލު ކުރާ ކަމަށް ދުލުން ބުނި ނަމަވެސް އެކަންކަމަށް އަމަލު ނުކުރާތީއެވެ.

ދުޢާއަކީ ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުމުން އަހަރެމެން އެންމެންވެސް ސަލާމަތްކޮށް ދެއްވެވުމެވެ. ނަމަވެސް ސަލާމަތްވާނީ ﷲ ތަޢަލާގެ އެންގެވުންތަކަށް އަހަރެމެން އެންމެން ޢަމަލުކޮށްގެންނެވެ.

ވިސްނާށެވެ! ﷲ ތައާލާ އިބިލީހަށް ލަޢްނަތް ލެއްވެވީ ހުރިހައި ނިޢްމަތްތަކެއް ދެއްވެވުމުން ވެސް ޝުކުރުވެރި ނުވެ ބޮޑާވެ ކިބުރުވެރިވެ ﷲ ތައާލާގެ އަމުރުފުޅަށް ނުކިޔަމަންތެރިވުމުންނެވެ. އަހަރެމެންނަކަށް ނިޢްމަތްތަކެއް ނުދެއްވަވާ ހެއްޔެވެ؟ އުފާވެރިކަމާއި ރަނގަޅު ޞިއްޙަތާއި ތަނަވަސް ކަމާއި މިހެންގޮސް ނުދެއްވަވަނީ ކޮން ނިޢްމަތެއް ހެއްޔެވެ؟ 

މިހުރިހައި ނިޢްމަތްތަކެއްގައި އުޅުމުގެ ފުރުޞަތު 24 ގަޑިއިރު ދެއްވެވުމަށްފަހު މިއަންގަވަނީ އެއިގެ ތެރެއިން ދާދި ކުޑަ ވަގުތުކޮޅެއް ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމަށެވެ. ފަރުޟު 5 ނަމާދު އެންމެ 24 މިނީޓު ތެރޭ ކޮށްލެވިދާނެއެވެ. ދެން މިއަންގަވަނީ ސުންނަތް ނަމާދުތައް ކުރުމަށާއި ކީރިތި ޤްރްއާން ކިޔަވައިލުމަށާއި ޛިކްރް ކުރުމަށް ކުޑަ ވަގުތުކޮޅެއް އިތުރަށް ހޭދްކޮށްލުމަށެވެ. އެވަރު ނުކުރެވޭނަމަ އަހަރެމެންގެ ކިބައިގައި ހުރީ ކޮން އިޚްލާޞްތެރިކަމެއް ހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން